ރާއްޖެއަށް އެންމެ ގިނައިން ތެޔޮ އެތެރެކުރާ އެއް ކުންފުނި ކަމަށްވާ އެސްޓީއޯ އަށް މިދިޔަ އަހަރު ތެލުގެ ވިޔަފާރިން ލިބުނު ބޮޑު އާމްދަނީއާއެކު ޖުމްލަ އާމްދަނީ 32 ޕަސެންޓް އުފުލިއްޖެ އެވެ.
ސަރުކާރާއި ރައްޔިތުންގެ ހިއްސާވާ ކުންފުނި، އެސްޓީއޯގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައިވާ ގޮތުން އެސްޓީއޯ ގްރޫޕްއަށް މިދިޔަ އަހަރު ޖުމްލަ އާމްދަނީ ގެ ގޮތުގައި ވަނީ 11.24 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ އޭގެ ކުރީ އަހަރާއި އަޅާ ބަލާއިރު 32 ޕަސެންޓުގެ އިތުރުވުމެކެވެ.
އެ ކުންފުނިން ބުނީ މި އާމްދަނީ ލިބުނު މައިގަނޑު ސަބަބަކީ ތެލުގެ އަގު ދުނިޔޭގެ ބާޒާރުގައި އިތުރުވުމާއި އެސްޓީއޯ ގްރޫޕްއިން ވިއްކި ތެލުގެ އަދަދު އޭގެ ކުރީ އަހަރާއި ބަލައި 26 ޕަސެންޓް އިތުރުވެފައިވުމުގެ އިތުރުން މަސްވެރިކަމާއި ގޭހުގެ އާމްދަނީ އިތުރުވުމެވެ.
އެ ކުންފުނީގެ ވިޔަފާރިތައް މިދިޔަ އަހަރު ރަނގަޅުވުމާއިއެކު ޖުމްލަ އާމްދަނީގެ ގޮތުގައި ކުންފުންޏަށް ވަނީ
10.1 ބިލިއަން ރުފިޔާ ލިބިފަ އެވެ، މިއީ އޭގެ ކުރީ އަހަރާއި އަޅާ ބަލައިއިރު 41 ޕަސެންޓުގެ ކުރިއެރުމެކެވެ.
އެސްޓީއޯ ގްރޫޕްގެ ޖުމްލަ އާމްދަނީ އިތުރުވުމާއިއެކު ޖުމްލަ ފައިދާގެ ގޮތު ގައި ވަނީ 1.9 ބިލިއަން ރުފިޔާ ލިބިފައިވެ މިއީ އޭގެ ކުރީ އަހަރާއި އަޅާބަލާނަމަ އަށް ޕަސެންޓުގެ ކުރިއެރުމެކެވެ. އަދި މި މުއްދަތުގައި އެ ކުންފުންޏަށް ޖުމްލަ އާމްދަނީގެ ގޮތުގައި 1.5 ބިލިއަން ރުފިޔާ ލިބިފައެވެ. މިއީ އޭގެ ކުރީ އަހަރާއި އަޅާބަލައި 12 ޕަސެންޓުގެ ކުރިއެރުމެކެވެ.
ޓެކްސްއަށް ކެނޑުމަށްފަހު އެސްޓީއޯ ގްރޫޕްގެ ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 186 މިލިއަން ރުފިޔާއެވެ. މިއީ އޭގެ ކުރީ އަހަރާއި އަޅާބަލައި 47 ޕަސެންޓް އިތުރުވުމެކެވެ. އަދި ޓެކްސް އަށް ކެނޑުމަށްފަހު ކުންފުނީގެ ސާފު ފައިދާއަކީ 487 މިލިއަން ރުފިޔާ އެވެ. މިއީ އޭގެ ކުރީ އަހަރާއި އަޅާބަލައި 35 ޕަސެންޓުގެ ކުރިއެރުމެކެވެ.