ހަބަރު

ފޯރިގަދަ ޝޯއަކާއި ހަވާގެ ކުޅިވަރުތަކުން އާ އަހަރަށް މަރުހަބާ ކިޔައިފި

Jan 1, 2016
2
  • އާ އަހަރުގެ ޝޯގައި ދިވެހިން ފޯރިނެގި
  • އާތިފް އަސްލަމްގެ ރަން އަޑުން ދިވެހިންނަށް ލަވަކިޔައިދިން
  • ޝޯގެ ފޯރި ވަރަށް ގަދަ

ކާނިވަލުގައި މިރޭ ބޭއްވި ވިޒިޓް މޯލްޑިވްސް އިޔާ މިޔުޒިކް ފެސްޓިވަލްގައި ޕާކިސްތާނުގެ ލަވަކިޔުންތެރިޔާ އާތިފް އަސްލަމް އާއ ބޮލީވުޑްގެ އެހެން ވެސް އާޓިސްޓުން ހުށަހަޅައިދިން ހިތް ގައިމު ލަވަތަކާއި ހަރަކާތްތަކާ އެކު ހަވާ އެރުވުމުގެ ކުޅިވަރުން ދިވެހިން އާ އަހަރަކަށް މަރުހަބާ ލިޔައިފަ އެވެ. މިރޭ 9:00 ގައި ކާނިވާ ސަރަހައްދުން ފެށި އާ އަހަރަށް މަރުހަބާ ކިޔުމުގެ ހަރަކާތްތަކަށް ދިވެހިންގެ ހުރީ އަމަށަކު ފޯރިއެއް ނޫނެވެ. މުޅިންތަން އޮތީ ކެވި އަރައިފަ އެވެ. ހުރިހާ އުމުރެއްގެ އެންމެން ވެސް ޖަމާވެފައި އޮތް އެ ސަރަހައްދުގެ އަޑު ގަދަވީ، ޕާކިސްތާނަށް އުފަން ބޮލީވުުޑްގެ ލަވަކިޔުންތެރިޔާ އާތިފް އަސްލަމްގެ ހިތްގައިމު އަޑު މީހުންގެ ކަންފަތުގައި ޖެހުމުންނެވެ. ގަނޑިން 12 ޖެހުމާ އެކު 10 މިނެޓަށް ބޭއްވި ހަވާ އެރުވުމުގެ ކުޅިވަރުތަކަށް ފަހު އާތިފް އަސްލަމް ވަނީ ސްޓޭޖަށް ނުކުމެ، އޭނާގެ އެންމެ ސަޅިލަވަތައް އެ ރަންއަޑުން އަޑުން ދިވެހިންނަސް ކިޔައިދީފަ އެވެ.

"އައިލަވް އާތިފް! ހީއިޒް ސޯ ގޯޖަސް،" އާތިފް ލަވަ ހުށަހަޅަމުން އައި އިރު، ޒުވާން އަންހެން ކުއްޖަކު އެކްސައިޓްމަންޓްގައި ބުނެލި އެވެ. އާތިފް އަސްލަމް ވަނީ އޭނާގެ މަޝްހޫރު ލަވަތައް ކަމަށްވާ، ޕެހެލީ ނަޒަރްމޭ އާއި ތޫޖާނެނާ ފަދަ ލަވަތައް ހުށަހަޅައިދީފަ އެވެ. ގާތްގަނޑަކަށް މެދު ނުކެޑި ގަނޑިއެއް ހާއިރަށް އޭނާގެ ލަވަތައް ކިޔައި ދެމުން އައި އިރު، އޭނާގެ އަޑުދަށުން އެ ފޯރީގައި އެލަވަތައް އައީ ކިޔަމުންނެވެ. ބައެއް މީހުންނަށް ގޮނޑީގައި އިށީންދެވޭ ވަރެއް ވެސް ނޫނެވެ. އޭނާގެ އެ ހިތްގައިމު އަޑާ އެކު މުޅި ސަރަހައްދަށް އޮތީ އުފާވެރިކަން ގެނެސްދީފަ އެވެ. 

"އާތިފް އަސްލަމްއާ އެކު އަޅެ ސެލްފީއެއް ނެގޭނެތަ. އޭނާ ގައިގާ ބައްދާލަން ބޭނުން. ޕްލީޒް،" ސެކިއުރީޓީ ގާޑެއް ކައިރީ އެ ފުރުސަތު އޭނާއަށް ތަނަވަސްކޮށްދޭން އެދުނެވެ.

އާތިފް އަސްލަމްގެ އިތުރަށް އިންޑިއާގެ އެތައް ބަޔަކު ހައިރާންކޮށްލާފައިވާ ނަށާ ގްރޫޕް ވީ ކޮމްޕެނީ ވެސް ހަރަކާތްތައް ހުށަހަޅައިދީ އެތަނުގައި ތިބި އެތައް ބަޔަކު އާޝޯހުކޮށްލި އެވެ. އެ ހުށަހެޅުންތަކަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދިނީ ހިންދީ ޓީވީ ޑްރާމާތަކުން މަގުބޫލްކަން ހޯދި ހުސެން ދިވެހިންނަށް އެ ޝޯ ހުށަހަޅައިދިނުމުންނެވެ. ހުސެން ވަނީ އޭނާގެ ނެށުމުގެ ވީކޮމްޕެނީއާ އެކު ދައްކާލައިފަ އެވެ. މިއީ ވެސް އެތައް ބަޔަކަށް ކަމު ދިޔަ ހަރަކާތެކެވެ. 

ޝޯގައި ދިވެހި އާޓިސްޓުންގެ ގޮތުން ބޮޑުބެރު ގްރޫޕް ހަބޭސް އާއި ފަސީ ލައިވް ވިތް މިޝީ އަދި އަންދާލާ ވެސް ލައިވްކޮށް ލަވަ ހުށަޙަޅައިދިނެވެ. އަދި އާތިފް އަސްލަމް ވެސް ވަނީ ބޮޑު ބެރު ގްރޫޕ ބައިވެރިވެ ލަވަޔެއް ވެސް ހުށަހަޅައިދީފަ އެވެ. އާތިފް އަސްލަމް ބުނާ ގޮތުގައި ދިވެހިންގެ ފަރާތުން އޭނާގެ ލަވަތަކަށް ލިބެނީ އާދަޔާ ހިލާފު ތަރުހީބެެކެވެ.

މިރޭގެ ޝޯ ވެގެން ދިޔައީ އާ އަހަރު ދިވެހިންނަށް ލިބުނު ހަދިޔާއަކަށެވެ. ހަވާ އެރުވި ވަގުތަށް އެކަނި ބެލިޔަސް، ހަވާއެރުވި އިރުގެ ރީތި ފޮޓޯއެއް ވެސް އިންސްޓަގްރާމްކޮށްލަން އޮންނާނީ ލިބިފަ އެވެ. އާ އަހަރަށް މަރުހަބާ ކިޔަން ގިނަ ދިވެހިން މިލަނީ އެކަހަލަ ފޮޓޯއެކެވެ. އާ އަހަރަށް މަރުހަބާ އެވެ!