މިހާރަށް ވުރެ ފަސޭހަ ގޮތަކަށް ލޭންޑް ޔޫސް ޕްލޭން ފާސް ކުރެވޭނެ އުސޫލެއް ހަމަޖެއްސުމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ބިލެއް ހުށައަޅައިފި އެވެ.
އެ ޕާޓީން މިއަދު ބުނީ މޯލްޑިވްސް ނެޝެނަލް ޕާޓީގެ ޕޮލިސީތައް ރައްޔިތުންނަށް ކިޔައިދީ ޕާޓީ ޕްރޮމޯޓްކޮށް ޕާޓީއަށް މެންބަރުން އިތުރު ކުރުމުގެ ގިނަ ހަރަކާތްތަކެއް މި ވޭތުވެދިޔަ އަށެއްކަ މަސް ދުވަހުގެ ތެރޭގައި އަތޮޅުތެރޭގެ ވަރަށް ގިނަ ރަށްތަކުގައި ހިންގާފައިވާ ކަމަށާ ޕާޓީން ޒިޔާރަތްކުރި ވަރަށް ގިނަ ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ޕާޓީގެ ލީޑާޝިޕްއިން ބައްދަލުކޮށް ކައުންސިލްތަކަށް މަސައްކަތް ކުރުމުގައި ދިމާވާ ދަތިތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާތައް ކުރެވިފައިވާ ކަމަށެވެ.
އެގޮތުން އެ ޕާޓީން ބައްދަލުކުރި ރަށު ކައުންސިލްތަކުގެ ތެރެއިން ވަރަށް ގިނަ އަދަދެއްގެ ކައުންސިލްތަކުގެ އެންމެ ބޮޑު ޝަކުވާއަކީ ރަށްރަށުގެ ލޭންޑް ޔޫސް ޕްލޭން ތައްޔާރުކޮށް ފާސްކުރުމުގައި ހުރި ދަތިތަކާއި ލޭންޑް ޔޫސް ޕްލޭން ފާސްނުވުމުގެ ސަބަބުން ރަށްރަށުގެ ތަރައްގީއަށް ކައުންސިލްތަކުން ކުރަން ރާވާފައިވާ ކަންކަން ނުކުރެވި ތަރައްގީގެ މަޝްރޫއުތައް ހުއްޓިފައިވާ ކަމުގެ ޝަކުވާ ކަމަށެވެ.
މި މައްސަލައަށް ހައްލެއް ހޯދުމަށްޓަކާ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅާފައިވާ ކަމަށެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 2-107 ވަނަ މާއްދާގެ (ނ) މިހާރު އޮތްގޮތުން ރަށު ކައުންސިލްތަކުން ގައުމީ އިދާރާއަށް ހުށަހަޅާ ލޭންޑް ޔޫޒް ޕްލޭން އިސްލާހްކުރަން އެންގުމަށްފަހު ލޭންޑް ޔޫސް ޕްލޭން ފާސްނުކޮށް ދިގު މުއްދަތަކަށް ބޭއްވުމުގެ ފުރުސަތު ގައުމީ އިދާރާއަށް ލިބިގެންދެ އެވެ. ރަށްރަށުގެ ރައްޔިތުންގެ ރުހުމާއެކު ރަށު ކައުންސިލުން ފާސްކޮށް ގައުމީ އިދާރާއަށް ފޮނުވާ ލޭންޑް ޔޫސް ޕްލޭން ތަފާތު ސަބަބުތަކާއެކު ފާސްކޮށް ނުދީ ދިގު މުއްދަތަކަށް ހިފެހެއްޓުމަކީ ލާމަރުކަޒުކުރުމުގެ އުސޫލާ ހިލާފުކަމެއް ކަމަށް އެމްއެމްޕީން ދެކޭތީ ގާނޫނުގެ 2-107 ވަނަ މާއްދާގެ (ނ) އިސްލާހުކުރުމަށް ވަނީ ހުށައަޅާފައެވެ.
އެގޮތުން ހުށައެޅި އިސްލާހުގައި ރަށު ކައުންސިލްތަކުން ގައުމީ އިދާރާއަށް ހުށަހަޅާ ލޭންޑް ޔޫސް ޕްލޭން ގިނަވެގެން 60 ދުވަހުގެ ތެރޭގައި ގައުމީ އިދާރާއިން ފާސްކުރަންވާނެ ކަމަށާއި ލޭންޑް ޔޫސް ޕްލޭންއާ ގުޅޭގޮތުން ވަކިކަމެއް އިސްލާހު ކުރަން ޖެހޭ ކަމަށް ގައުމީ އިދާރާއަށް ފެންނަ ނަމަ އެކަމަކާ ގުޅޭގޮތުން ކައުންސިލާ މަޝްވަރާކޮށް އެކަމެއް އިސްލާހްކޮށް ގާނޫނުގައި ބަޔާންކުރާ 60 ދުވަހުގެ ތެރޭގައި ލޭންޑް ޔޫސް ޕްލޭން ފާސް ކުރަން ވާނެ ކަމަށެވެ.