އިލެކްޝަންސް ކޮމިޝަން

އެމްއެންޕީން ޝަކުވާކުރުމުން ދެ ވޯޓު ކަރުދާހެއް ގުނަން ނިންމައިފި

May 16, 2022

ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް މެންބަރަކު ހޮވުމަށް ބޭއްވި އިންތިހާބުގައި ވޯޓު ގުނީ އެންމެ ރަނގަޅަށް ނޫން ކަމަށް ބުނެ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ޝަކުވާ ހުށަހަޅާފައިވާތީ ދެ ވޯޓް ކަރުދާސްކޮޅެއް އަލުން ގުނުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި މިއިންތިހާބުގައި ވާދަކުރެއްވީ ދެ ކެންޑިޑޭޓުންނެވެ. އެއީ އެމްއެންޕީގެ ފަރާތުން އާމިނަތު ޝީޒާއާއި އިދިކޮޅު ޕީޕީއެމްގެ ފަރާތުން ފާތިމަތު ނާޒިމާ އެވެ.

ހަމައެކަނި ވިލިމާލޭގައި ވޯޓު ފޮށި ބަހައްޓައިގެން ކުރިއަށް ގެންދިޔަ މިއިންތިހާބު އެންމެ ވޯޓަކުން ކާމިޔާބު ކުރެއްވީ ފާތިމަތު ނާޒިމާ އެވެ. އޭނާ އަށް 359 ވޯޓު ލިބުނުއިރު ޝީޒާ އަށް ލިބުނީ 358 ވޯޓެވެ.

އެމްއެންޕީން ހުށަހެޅީ އަލުން ވޯޓު ގުނައިދިނުމަށެވެ. ނަމަވެސް އީސީން މިއަދު ނިންމީ ވިލިމާލޭގެ މުހްޔިއްދީން ސްކޫލުގައި ބެހެއްޓި އެއް ނަންބަރު ވޯޓު ފޮށި ކަނޑައި، ވޯޓު ގުނި ވަގުތު ވޯޓު ފޮށީގެ ވެރިޔާއަށް ޝަކުވާ ހުށަހެޅުނު ދެ ވޯޓު ކަރުދާސް އެކަނި ޗެކް ކުރުމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ގުނަން ނިންމި ދެ ވޯޓު ކަރުދާސްކޮޅަކީ ސައްހަ ވޯޓެއް ބާތިލް ވޯޓެއް ގޮތުގައި ކަނޑައެޅި ވޯޓު ކަރުދާހަކާއި ބާތިލް ވޯޓެއް ސައްހަ ވޯޓެއް ކަމުގައި ކަނޑައެޅި ވޯޓު ކަރުދާހެއް ކަމަށް އެމްއެންޕީން ބުނާ ދެ ވޯޓް ކަރުދާސްކޮޅެވެ.

އެމްއެންޕީން ބުނީ އަލުން ވޯޓު ގުނައިދޭން އެދުނީ ބާތިލް ވޯޓުގެ ގޮތުގައި ގުނާފައިވާ ބައެއް ވޯޓުގައި ސުވާލު އުފެދޭ ކަންތައްތަކެއް ހުރުމުން އިތުރަށް ބަލައި ޗެކް ކުރުމަށް ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ދެ ވޯޓް ކަރުދާސްކޮޅެއް ގުނަން ނިންމުމުމާ ގުޅިގެން އިދިކޮޅު ކޯލިޝަނުން ބުނީ އެއީ ސަރުކާރުގެ ނުފޫޒު އޮވެގެން އިލެކްޝަންސް ކޮމިޝަނުން ކުރާ ކަމެއް ކަމަށެވެ.

ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް މެންބަރަކު ހޮވީ އެ ދާއިރާ ތަމްސީލް ކުރައްވަމުން ގެންދެވި އައިމިނަތު އީމާން ނިޔާވުމާ ގުޅިގެންނެވެ. އޭނާ ނިޔާވީ ސައިކަލް އެކްސިޑެންޓެއްގައި ލިބުނު ޒަހަމްތަކަށް އޭޑީކޭގައި ފަރުވާ ދެމުންދަނިކޮށެވެ.

މާލެ ސިޓީ ކައުންސިލްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގައި ހިމެނޭ 17 މެންބަރުންގެ ތެރެއިން 12 މެންބަރުންނަކީ އެމްޑީޕީގެ މެންބަރުންނެވެ. ދެން ތިއްބެވީ އަމިއްލަ ދެ މެންބަރުންނާއި އަދާލަތު ޕާޓީއާއި އެމްއާރްއެމްގެ މެންބަރެކެވެ. ކޮމިޓީގެ ރައީސާ އަކީ އަދާލަތު ޕާޓީގެ ބޭފުޅެކެވެ.