އިލެކްޝަންސް ކޮމިޝަން

ދެ ކަަރުދާސްކޮޅު ޗެކްކޮށްފި، ނަތީޖާ ބަދަލެއް ނުވޭ

ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް މެންބަރަކު ހޮވުމަށް ބޭއްވި އިންތިހާބުގައި ވޯޓު ގުނީ އެންމެ ރަނގަޅަށް ނޫން ކަމަށް ބުނެ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ޝަކުވާ ހުށަހަޅާފައިވާތީ ދެ ވޯޓް ކަރުދާސްކޮޅެއް އަލުން ގުނުމުންވެސް ނަތީޖާއަށް ބަދަލެއް އައިސްފައިނުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަފި އެވެ.

މި އިންތިހާބުގައި ވާދަކޮށްފައިވަނީ ޕީޕީއެމްގެ ކެންޑިޑޭޓަކާއި އެމްއެންޕީގެ ކެންޑިޑޭޓެކެވެ. ޕީޕީއެމްގެ ފަރާތުން ފާތިމަތު ނާޒިމާ އެވެ. އެމްއެންޕީގެ އިން އާމިނަތު ޝީޒާ އެވެ.

އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ނާޒިމާ، އިންތިހާބު ކާމިޔާބު ކޮށްފައިވަނީ އެންމެ ވޯޓެއްގެ ތަފާތުންނެވެ. ނާޒިމަށް ލިބިފައިވަނީ 359 ވޯޓެވެ. ޝީޒާއަށް 358 ވޯޓެވެ.

އެމްއެންޕީން ހުށަހެޅީ އަލުން ވޯޓު ގުނައިދިނުމަށެވެ. ނަމަވެސް އިލެކްޝަންސް ނިންމީ ވިލިމާލޭގެ މުހްޔިއްދީން ސްކޫލުގައި ބެހެއްޓި އެއް ނަންބަރު ވޯޓު ފޮށި ކަނޑައި، ވޯޓު ގުނި ވަގުތު ވޯޓު ފޮށީގެ ވެރިޔާއަށް ޝަކުވާ ހުށަހެޅުނު ދެ ވޯޓު ކަރުދާސް އެކަނި ޗެކް ކުރުމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ގުނަން ނިންމި ދެ ވޯޓު ކަރުދާސްކޮޅަކީ ސައްހަ ވޯޓެއް ބާތިލް ވޯޓެއް ގޮތުގައި ކަނޑައެޅި ވޯޓު ކަރުދާހަކާއި ބާތިލް ވޯޓެއް ސައްހަ ވޯޓެއް ކަމުގައި ކަނޑައެޅި ވޯޓު ކަރުދާހެއް ކަމަށް އެމްއެންޕީން ބުނާ ދެ ވޯޓް ކަރުދާސްކޮޅެވެ.

އެ ދެ ކަރުދާސްކޮޅު އަލުން ޗެކުކުރުންވެސް ނަތީޖާއަށް އެއްވެސް ބަދަލެއް ނާންނަ ކަމަށް ކޮމިޝަނުން ވަނީ ނިންމާފައެވެ. އެހެން ކަމުން ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ޕީޕީއެމްގެ ފާތިމަތު ނާޒިމާ ވަނީ އިންތިހާބުވެފައެވެ.

ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް މެންބަރަކު ހޮވީ އެ ދާއިރާ ތަމްސީލް ކުރައްވަމުން ގެންދެވި އައިމިނަތު އީމާން ނިޔާވުމާ ގުޅިގެންނެވެ. އޭނާ ނިޔާވީ ސައިކަލް އެކްސިޑެންޓެއްގައި ލިބުނު ޒަހަމްތަކަށް އޭޑީކޭގައި ފަރުވާ ދެމުންދަނިކޮށެވެ.

މާލެ ސިޓީ ކައުންސިލްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގައި ހިމެނޭ 17 މެންބަރުންގެ ތެރެއިން 12 މެންބަރުންނަކީ އެމްޑީޕީގެ މެންބަރުންނެވެ. ދެން ތިއްބެވީ އަމިއްލަ ދެ މެންބަރުންނާއި އަދާލަތު ޕާޓީއާއި އެމްއާރްއެމްގެ މެންބަރެކެވެ. ކޮމިޓީގެ ރައީސާ އަކީ އަދާލަތު ޕާޓީގެ ބޭފުޅެކެވެ.