ރައީސް މުހައްމަދު ނަޝީދު

ކެނެރީގެ ގޯޅި ބަންދުކުރާތީ އާންމުން ކަންބޮޑުވާހެނެއް ހީއެއް ނުވޭ: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސެކިއުރިޓީ އަށް ކޮންމެ ދުވަހަކު އެތައް ވަގުތެއް ވަންދެން ގަލޮޅު، ކެނެރީގެ ގޯޅި ބަންދު ކުރާ މައްސަލައިގެ ޝަކުވާ ބޮޑުވެފައި ވަނިކޮށް އެ ގޯޅި ބަންދު ކުރާތީ އާންމުން ކަންބޮޑުވެވަޑައިގަންނަވާހެން ހީފުޅުނުވާ ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދުގެ އާއިލީ ގެކޮޅު ކެނެރީގެއަށް އެ މަނިކުފާނު ވަޑައިގަންނަވަނީ މަންމާފުޅާއި އާއި ބައްޕާފުޅު އެ ގޭގައި ދިިރިއުޅުއްވާތީ އެ ދެ ބޭފުޅުންނާއި ބައްދަލު ކުރެއްވުމަށެވެ. އެމަނިކުފާނު އެ ގެއަށް ވަޑައިގަތުމުން ސިފައިންގެ ވެހިކަލެއް އެ ގޯޅީގައި ބާއްވާ އެ ގޯޅިއަށް އެހެން ވެހިކަލްތައް ވަނުން މަނާ ކުރެއެވެ. ކޮންމެ ދުވަހަކުހެން ކެނެރީގެއަށް ނަޝީދު ވަޑައިގަންނަވަ އެވެ. އަދި ބައެއް ދުވަސް ދުވަހު އެތައް ގަޑިއިރެއް ވަންދެން އެ ގޭގައި ހޭދަ ކުރައްވައެވެ.

އެ ހުރިހާ ވަގުތަކު އެ ގޯޅި އޮންނަނީ ބަންދު ކޮށްފަ އެވެ. އެކަމާ އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ވަރަށް ބޮޑަށް ޝަކުވާ ކުރާތާ އެތައް ދުވަހެއް ވެއްޖެ އެވެ. އަދި އެ ކަމުގެ ސަބަބުން އެ ސަރަހައްދުގެ ޓްރެފިކަށް ބާރު ބޮޑުވެ އާންމުންނަށް އެތައް އުނދަގޫތަކާ ވެސް ކުރިމަތި ވެއެވެ.

މުރައިދޫގައި ހުންނެވި ނަމަވެސް ރައީސް ނަޝީދު އެމަނިކުފާނުގެ މައިންބަފައިން ދިރިއުޅުއްވާ ކެނެރީގެއަށް ވަޑައިގަންނަވާ ވަގުތާއި ދިމާކޮށް ކެނެރީގެ ހިމެނޭ ސަރަހައްދުގެ ސެކިއުރިޓީ ވަރުގަދަ ކޮށް އާންމުންނަށް ނުވަދެވޭހެން ބޮޑު ސަރަހައްދެއް ބަންދުކުރާތީ އާންމުން ކުރަމުން ދިޔަ ޝަކުވާ މީޑިއާގެ ސަމާލު ކަމަށް ގެންނައުމަށް މަޝްހޫރު އެތުލީޓް ހުސެއިން ހަލީމް (ކުޑަ ހުސެން) ވަނީ ވަރުގަދަ ޕޯސްޓެއް ވެސް ކޮށްފައެވެ. އެއާއެކު އެ ސަރަހައްދުގައި ދިރިއުޅޭ އެތައް ބަޔަކު ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުުކޮށްފައެވެ.

ކެނެރީ ގޯޅި ބަންދުކުރާ މައްސަލައާ ގުޅޭގޮތުން ޓީވީ ޕްރަގްރާމެއްގައި ނަޝީދު ވަނީ ވާހަކަ ދައްކަވާފައެވެ. އެމަނިކުފާނު އެ މައުލޫ ފެއްޓެވީވެސް އަމިއްލަފުޅަށެވެ. ވިދާޅުވީ ވީ މިންވަރަކުން ފައިދާ ހުރި ކަންކަން ކުރެއްވޭތޯ ބައްލަވާނެ ކަމަށެވެ. އަދި އެމަނިކުފާނަކީ ރައްޔިތުންނަށް ހުރި އުނދަގަލަށް ނުވެ އުޅުއްވޭތޯވެސް ބައްލަވާނެ ކަމަށެވެ.

އެހެން ވިދާޅުވުމަށް ފަހު އެއީ ކެނެރީގޭ މަގު ބަންދު ކުރާ ކުރުމަށް އިޝާރާތް ކުރައްވާ ވިދާޅުވާ ވާހަކަފުޅެއް ނޫން ކަމަށާ އެއީ ރައްޔިތުންނަށް ވާ އުނދަގުލެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ވިދާޅުވިއެވެ. ކެނެރީގެ ހުންނަ މަގަކީ އެެހެން ނޫނަސް ބަންދު މަގެއް ކަމަށާ އެއީ "ބަބުރުކޮށި ކެނބު އަޅާ މަގު" ކަމަށް ވިދާޅުވިއެވެ. ކެންބު އަޅާ މަގަކު އެހާ ގިނަ ބަޔަކު ނުހިނގާނެ ކަމަށްވެސް ވިދާޅުވިއެވެ.

"ދެން އަޅުގަނޑު ބަލާނަން އަޅުގަނޑަށް ވީ މިންވަރަކުން ފައިދާ ހުރި ކަންކަން ކުރެވޭތޯ އަދި އަޅުގަނޑު ބަލާނަން އަޅުގަނޑަކީ އެ ރައްޔިތުންނަށް އުނދަގުލަކަށްވެސް ނުވެ އުޅެވޭތޯ. ދެން މިހެން ދެންނެވީމަ އެއީ ކެނެރީގެ މަގު ބަންދުކުރުން އެއީ އުނދަގުލަކަށްވާ ކަމަކަށް ނޫން އަޅުގަނޑު މި ދަންނަވަނީ. އެއީ އެހެން ނޫނަސްވެސް ބަންދު މަގެއް. އެއީ ބަބުރުކޮށި ކެނބު އަޅާ މަގު. ދެން ކެންބު އަޅާ މަގަކު އެހާ ގިނަ ބަޔަކު ނުހިނގާނެ ކުރިއަކުވެސް،" ނަޝީދު ވިދާޅުވިއެވެ.

-- ކެނބަކީ ބޮޑެތި ފަލަ ވަލަށް ކިޔާ ނަމެކެވެ. އިހުގައި މާލޭގެ އެކި ސަރަހައްދުތައް ކޮށިތަކެއްގެ ގޮތުގައި ބަހާލެވިފައި ވެއެވެ. ނަމަވެސް ނަޝީދު އެ ވިދާޅުވާ ފަދައިން ކެނެރީގެ ހިމެނޭ ސަރަހައްދު އެއީ "ބަބުރުކޮށި" ސަރަހައްދު ކަމަށް ހީފުޅުނުވާ ކަމަށް ތާރީހު ދިރާސާ ކުރައްވާ ބައެއް ބޭފުޅުން ވިދާޅުވެއެވެ. އަދި އެ ސަރަހައްދުގައި ބަބުުރުންގެ އެފަދަ މަސައްކަތްތަކެއް ހިނގާނެ ކަމަށް ނުބެލެވެއެެވެ. އެހެނީ އެ ސަރަހައްދަކީ ފާހަގަކޮށްލެވޭ ޝަރަފުވެރި (ރޯޔަލް) ބޭފުޅުން ނިސްބަތްވެ އަދި ދިރިއުޅުއްވި ސަރަހައްދެއް ކަމުގައިވުމެވެ. ބަބުރުންނަކީ ރާއްޖޭގައި ރަސްކަން އޮތް ދުވަސްވަރު ވަރަށް ގިނައިން އުޅުނު ބައެކެވެ. ބަބުރު އާއިލާތަކަށް ނިސްބަތްވާ ދިވެހީން މިހާރުވެސް އުޅެއެެވެ. --

އޭގެ ފަހަށް ނަޝީދު ވަނީ ކެނެރީގެ ގޯޅި ބަންދުވެފައި އޮންނާތީ ގޭދޮށު ރައްޔިތުންގެ އަރިހުގައި އެކަމާ ކަންބޮޑުވާ ވާހަކަ ވިދާޅުވާ ކަމަށެވެ. ނަމަވެސް އެ ރައްޔިތުން އެކަމާ ކަންބޮޑުވާހެން ހީފުޅުވެވަޑައިނުގަންނަވާ ކަމަށް ވިދާޅުވިއެވެ. ނަމަވެސް އަނެއްކާވެސް އެ ވާހަކަފުޅުގެ ރާގު ބަދަލު ކުރައްވާ ވިދާޅުވީ އެމަނިކުފާނަށް މިހާރު ކަންކަން ދިމާވެފައިވާ ގޮތުން އެ ގޮތަށް މަގެއް ބަންދުވުމަކީ "ދެން ވަރަށް ބޮޑު ދެރައެއް" ކަމަށެވެ. އަދި އެމަނިކުފާނަކީ "މައްސަލައެއް" ގެ ގޮތުގައި އެއްވެސް ރައްޔިތަކު ދެކެން ބޭނުންފުޅުނުވާ ކަމަށެވެ.

"ދެން އަޅުގަނޑު އަބަދުވެސް ގޭދޮށު ހުރިހާ އެންމެން ކައިރީވެސް ބުނަން މި މަގު [ކެނެރީގެ މަގު] ބަންދުވެފައި އޮންނާތީވެ ދެން އެކަމާ އަޅުގަނޑު ކަންބޮޑުވާ ވާހަކަ. އަޅުގަނޑަކަށް ހީއެއް ނުވޭ އެމީހުން އެއްގޮތަކަށްވެސް ކަންބޮޑުވާ ހެނެއް. އެއީ ދެން ވަރަށް ބޮޑު ދެރައެއް. މިވަގުތު އަޅުގަނޑަށް ކަންތައްތައް ދިމާވެފައި މިހުރި ގޮތް. އަޅުގަނޑު ބޭނުމެއް ނުވޭ އަޅުގަނޑަކީ މައްސަލައެއްގެ ގޮތުގައި އެއްވެސް ބޭފުޅަކު ދެކޭކަށް،" ނަޝީދު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ސިފައިން ދެމުން ގެންދާ ސެކިއުރިޓީގެ ސަބަބުން އާންމުންނަށް ދަތިތަކާއި ކުރިމަތިލާން ޖެހުމުން މާފަށް އެދިވަޑައިގަންނަވާ ކަމަށާ ނަމަވެސް ދިރިހުރުމަށް އެދިވަޑައިގަންނަވާތީ ސަލާމަތާއި ރައްކާތެރިކަން އެމަނިކުފާނު ވެސް ބޭނުންވާ ކަމަށް ނަޝީދު ކުރީން ވަނީ ވިދާޅުވެފައެވެ.

މެއި ހައެއްގެ ޓެރަރިސްޓް ހަމަލާއާ ގުޅިގެން ރައީސް ނަޝީދުގެ ސެކިއުރިޓީ ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ. އެމަނިކުފާނު މިހާރު ދިރިއުޅުއްވާ މުރައިދޫގެއަށް ބަދަލުވެވަޑައިގެންނެވުމުގެ ކުރީން ހުންނެވީ އަގު ބޮޑު ހޮޓެލް ޖެންގަ އެވެ. ޖެންގައި ހުންނެވުމަށް ދުވާލަކަށް 33،000 ރުފިޔާ ވަނީ ހަރަދު ކުރައްވާފަ އެވެ.