މުހައްމަދު އަސްލަމް

ޒިންމާގައި ނެތް މަސައްކަތެއް ސަރުކާރު ކުންފުންޏަކަށް ކުރެވިގެން ނުވާނެ: އަސްލަމް

May 17, 2022
2

ސަރުކާރު ހިއްސާވާ ގޮތަށް ވަކި ކަމެއް ކުރުމަށް އުފައްދާފައި ހުންނަ ސަރުކާރުގެ ކުންފުނިތަކުން އިމާރާތްކުރުމުގެ ދާއިރާގެ މަސައްކަތްތަކަށް ނުުވަދެވޭ ގޮތް ހެދުމަށް ގާނޫނެއް ހަދަންޖެހޭ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އަސްލަމް މިހެން ވިދާޅުވީ ސަރުކާރުން ހިއްސާވާ ބައެއް ކުންފުނިތަކުން އެ ކުންފުނިތަކުގެ ވިޔަފާރި ފުޅާކުރުމުގެ ގޮތުން ކުންފުނި އުފެއްދި ބޭނުން ނޫން އެހެން ދާއިރާތަކުގައި މަސައްކަތް ކުރާތީ އެކަމާ މެދު މިނިސްޓަރުގެ ވިސްނުން ހުރި ގޮތް ސާފުކުރެއްވުމަށް ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ ސަރުކާރު ހިއްސާވާ ކުންފުނިތައް ހަދާފައިވަނީ ވަކި ކަމެއް ކުރުމަށް ނުވަތަ ވަކި ހިދުމަތެއް ދިނުމަށް ކަމަށެވެ. އެކަން ކުރުމުގެ ބަދަލުގައި އެ ކުންފުނިތަކުގެ ވިޔަފާރި ފުޅާކުރުމަށްޓަކައި ކުންފުނީގެ މަސައްކަތްތަކުގައި ނުހިމެނޭ ކަމެއްގެ ތެެރެއަށް ވަނުމަކީ ތާއީދުކުރައްވާ ކަމެއް ނޫން ކަމަށެވެ. ކުންފުނިތަކުގެ މެންޑޭޓްގައި ނެތް ކަމެއް ކުރުމަށް ޕްލޭނިން މިނިސްޓްރީން އާންމުކޮށް މަސައްކަތް ހަވާލުނުކުރާ ކަމަށްވެސް ވިދާޅުވި އެވެ. ނަމަވެސް ސިފައިންގެ ކުންފުނި -- ސިފްކޯ އަށް އެ މިނިސްޓްރީން މަސައްކަތެއް ހަވާލުކުރި ކަމަށާއި އެކަން އެގޮތަށް ކުރީ އެ މަސައްކަތް ކުރަންޖެހެނީ ސަލާމަތީ ހިދުމަތްދޭ އިދާރާއެއްގެ ތެރޭގައި ކަމަށްވެފައި އެ މަސައްކަތް އެހެން ބަޔަކާ ހަވާލުކުރުމަށް ސިފައިންގެއިން ދެކޮޅު ހެދުމުން ކަމަށެވެ.

"އެ ތަންތަން އުފެދިފައި އެހުރީއަކީ ކުންފުންޏެއް ކަމަށްވިޔަސް އަދި ދައުލަތުގެ މުއައްސަސާއެއް ކަމަށްވިޔަސް އެއީ ވަކި ކަމަކަށް ހުރި ކަންކަން، ތަންތަން. އެ ތަންތަނުން ވިޔަފާރި ފުޅާކޮށް އެހެން ދާއިރާތަކަށް ވަދެ މިހެން އުޅުން އަޅުގަނޑު ގަބޫލެއް ނުކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ ސަރުކާރު ހިއްސާވާ ކުންފުނިތަކުން އެ މިނިސްޓްރީން އިއުލާންކުރާ މަޝްރޫއުތަކަށް ބިޑް ކުރުމަކީ ކުންފުނިތަކަށް މިވަގުތަށް ގާނޫނީ ގޮތުން ހުރަހެއް އޮތް ކަމެއް ނޫން ކަމަށެވެ. އެކަމަކު ސަރުކާރު ކުންފުނިތަކުން އެފަދަ މަޝްރޫއުތަކަށް ވަދެގެން ނުވާނެ ކަމަށާއި އެގޮތަށް ވަންނަ ކުންފުނިތައް ހުއްޓުވުމަށް ގާނޫނެއް ފާސްކުރަންޖެހޭ ކަމުގައިވެސް ވިދާޅުވި އެވެ.

ޕްލޭނިން މިނިސްޓްރީން އިއުލާންކުރާ މަޝްރޫއުތަކަށް ބިޑްކުރަން ފުރުސަތު ދެނީ އެ މިނިސްޓްރީގައި ކޮންޓްރެކްޓަރެއްގެ ގޮތުގައި ރަޖިސްޓްރީވާ ކުންފުނިތަކަށެވެ.

އަސްލަމް ވިދާޅުވީ ސަރުކާރު ހިއްސާވާ ކުންފުނިތައް އުފައްދާފައިވާ ބޭނުން ފިޔަވާ އެހެން މަސައްކަތްތަކަށް ސަރުކާރު ކުންފުނިތައް ވަނުމަކީ އެ ކުންފުނީގެ އަމާޒު ގެއްލި ނެރެން ބޭނުންވާ ނަތީޖާ ނުލިބިދާނެ ކަމެއް ކަމަށެވެ.

"ޕްލޭނިން މިނިސްޓަރުގެ ހައިސިއްޔަތުން ހަމަގައިމުވެސް އަޅުގަނޑު ތަރުހީބު ދޭ ކަމެއްވެސް ނޫން ކުރަން ބޭނުންވާ ކަމެއްވެސް ނޫން. ސަރުކާރުގެ ސިޔާސަތެއް ވެސް ނެތް އެ މީހުން ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށް ވެއްދުމަކަށް،" މިނިސްޓަރު ވިދާޅުވި އެވެ.

އަސްލަމް އިތުރަށް ވިދާޅުވީ އެމަނިކުފާނު ތާއީދު ނުކުރެއްވި ނަމަވެސް ސަރުކާރު ހިއްސާވާ ކުންފުނިތަކުން ސަރުކާރުގެ ބައެއް މަޝްރޫއުތައް ނަގާފައިވާ ކަމަށެވެ. އަދި އެފަދަ ބައެއް މަސައްކަތްތައް ނެގުމަށްފަހު އެހެން ކުންފުނިތަކަށް ސަބް ކޮންޓްރެކްޓް ކޮށްގެންވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ. ސަރުކާރުގެ ބައެއް ކުންފުނިތަކަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކަކަށް ވާތީ ބީލަމަކަށް ނުގޮސް މަޝްރޫއު ނެގުމުގެ ފުރުސަތު އޮންނަ ކަމަށާއި އެ ފުރުސަތު އެގޮތަށް އޮންނަން ވާނީ އެމްޓީސީސީ އަށް ކަމުގައިވެސް ވިދާޅުވި އެވެ. އެއީ އެމްޓީސީސީ އަކީ ކޮންސްޓްރަކްޝަން މަސައްކަތް ކުރުމަށް ފުރުސަތު އޮތް ކުންފުންޏަކަށް ވާތީ ކަމުގައިވެސް ވިދާޅުވި އެވެ.

ސަރުކާރު ހިއްސާވާ ގޮތަށް ވަކި ކަމެއް ކުރުމަށް އުފައްދާފައި ހުންނަ ސަރުކާރުގެ ކުންފުނިތަކުން އިމާރާތްކުރުމުގެ ދާއިރާގެ މަސައްކަތްތަކަށް ނުުވަދެވޭ ގޮތް ހެދުމަށް ގާނޫނެއް ހަދަންޖެހޭ ކަމަށް ޕްލޭނިން މިނިސްޓަރު ވިދާޅުވެފައި މިވަނީ ސަރުކާރުގެ ބައެއް ކުންފުނިތަކުން، އެ ކުންފުނީގެ ޒިންމާގެ ތެރޭގައި ނެތް ބައެއް މަސައްކަތްތަކަށް އިންވެސްޓްކުރަމުންދާ ވަގުތެއްގަ އެވެ.