ބަޔަކާ ހަވާލުކޮށްފައިވާ އައްޑޫ ސިޓީގެ ބައެއް ރަށްތަކުގެ ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ދިއުން ލަސްވެފައި ނުވާ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް މިނިސްޓަރު އަސްލަމް ހާޒިރުވެވަަޑައިގަތުމާ ގުޅިގެން އައްޑޫ އަށް ނިސްބަތްވާ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފާއި ހިތަދޫ މެދު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ވަނީ އައްޑޫގެ ބިން ހިއްކުން ފެށޭނެ ދުވަހެއް ސާފުކުރުމަށް މިނިސްޓަރާ ސުވާލު ކުރައްވާފަ އެވެ.
ޖަވާބުގައި މިނިސްޓަރު ވިދާޅުވީ އައްޑޫ ބިން ހިއްކުމަށް ކުންފުންޏެއް ހޯދައި އެ ކުންފުންޏާ މަސައްކަތް ހަވާލުކުރުން ކޮންމެވެސް ވަރަކަށް ލަސްވި ކަމަށެވެ. ނަމަވެސް ކުންފުންޏަށް މަސައްކަތް ހަވާލުކުރި ފަހުން މިވީ މުއްދަތަށް ބަލާއިރު އައްޑޫ ބިން ހިއްކުމުގެ މަޝްރޫއު ފެށުން އަދި ލަސްވެފައި ނުވާ ކަމަށެވެ.
"މިޒާތުގެ މަސައްކަތުގައި މޮބިލައިޒް ކުރުމުގެ ކުރިން އެގްޒެކްޓްލީ ކިހާ މިންވަރެއްގެ ވެއްޔެއްތޯ، ކިތައް ތަނުން ވެލި ނަގަންޖެހޭނެތޯ ޔަގީންކުރަން ގުރައުންޑް ޓްރޫތިން ހަދަން ކޮންޓްރެކްޓާ ދާނެ. އެހެންވީމާ ޖުލައި މަސް ތެރޭގައި އެކަަމަށް މޮބިލައިޒް ކުރާނެ. އަދި އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ ޝެޑިއުުލުން ކައްސާލައިގެން މަސައްކަތް ލަސްވެފައި އޮތް ކަމަކަށް ކޮންޓްރެކްޓްގައި ސޮއި ކުރުމަށްފަހު މިވީ މަރުހަލާގައި،" މިނިސްޓަރު ވިދާޅުވި އެވެ.
އައްޑޫ ސިޓީގެ ބައެއް ރަށްތަކުގެ ބިން ހިއްކުމުގެ މަޝްރޫއު ނެދަލޭންޑްސްގެ ވެން އޫޑް ޑްރެޖިންއާ ހަވާލުކުރީ މިދިޔަ މާޗް 27 ވަނަ ދުވަހު އެވެ. އައްޑޫ ބިން ހިއްކުމުގެ މަޝްރޫއާއި ހިއްކާ ސަރަހައްދު ހިމާޔަތް ކުރުމަށް 1.3 ބިލިއަން ރުފިޔާ ހަރަދު ކުރުމަށް ހަމަޖެހިފައިވެ އެވެ. މިމަޝްރޫއުގެ ދަށުން 194.3 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެ އެވެ. މިމަޝްރޫއުގެ ދަށުން ހިއްކުމަށް ހަމަޖެހިފައިވަނީ ހިތަދު އާއި މަރަދޫ އަދި މަރަދޫ ފޭދޫން ބިން ހިއްކާނެ އެވެ. މަޝްރޫއު ނިންމަންޖެހެނީ 18 މަސް ދުވަހުންނެވެ.
މިނިސްޓަރު އަސްލަމް ވިދާޅުވީ މަޝްރޫއު ފެށުމުގެ ކުރިން ތިމާވެއްޓަށް ކުރާނެ އަސަރު ދެނެގަތުމުގެ ގޮތުން ހަދާފައިވާ އީއައިއޭ ރިޕޯޓް ފައިނަލް ކުރުމާއި، މަޝްރޫއަށް ބޭނުންވާ ވެލި ހޯދައި ވެލި ނަގާނެ ތަންތަން ވެސް ނިންމަންޖެހޭ ކަމަށެވެ. އެ މަސައްކަތްތައް ޖުލައި ތެރޭގައި ފެށޭނެ ކަމުގައިވެސް ވިދާޅުވި އެވެ.
އައްޑޫ ބިން ހިއްކުމަށް ރޭވިފައިވާ ގޮތް:
- ހިތަދޫން 90 ހެކްޓަރުގެ ބިން
- ހުޅުމީދޫން 23.3 ހެކްޓަރުގެ ބިން ހިއްކުން
- ހުޅުމީދޫ ކައިރީގައި ޓޫރިޒަމަށް ހާއްސަކޮށްގެން ފަސް ހެކްޓަރުގެ ދެ ރަށް ހިއްކުން
- މަރަދޫ / މަރަދޫފޭދޫން 76 ހެކްޓަރުގެ ބިން ހިއްކުން
- ޓޫރިޒަމަށް ހާއްސަކޮށްގެން 8.3 ހެކްޓަރުގެ ތިން ރަށާއި 3.3 ހެކްޓަރުގެ ދެ ރަށް ހިއްކުން
އައްޑޫ ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ އިންޑިއާގެ އެގްޒިން ބޭންކުން ހަމަޖައްސާފައިވާ 800 މިލައިން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ތެރެއިންނެވެ. މިމަޝްރޫއަށް 6.9 މިލިއަން ކޮޑި މީޓަރުގެ ވެލި ބޭނުންކުރަން ނިންމާފައިވެ އެވެ. ވެލި ނެގުމަށް މިވަގުތަށް ހަމަޖައްސާފައިވަނީ އައްޑޫގެ އެތެރެވަރީގެ ދެ ސަރަހައްދަކުންނެވެ.
ވެން އޫޑް އިން މީގެކުރިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އައްޑޫގެ ބިން ހިއްކާއިރު ތިމާވެށި ރައްކާތެރިކުރުމަށާއި ދެމެހެއްޓެނިވި ގޮތަކަށް އަދި ގެއްލުން ކުޑަގޮތަކަށް މަޝްރޫއު ކުރިއަށް ގެންދަން އިސްކަން ދޭނެ ކަމަށެވެ. ބިން ހިއްކާ ސަރަހައްދުގައި ހުރި މުރަކަތައް ކަމާ ގުޅޭ ފަރާތްތަކާ ގުޅިގެން އެހެން ސަރަހައްދެއްގައި އިންދާނެ ކަމުގައިވެސް ބުނެފައިވެ އެވެ.
ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދާއިރު ތިމާވެށީގެ މައްސަލަތަކަށް އިސްކަން ދޭނެ ކަމަށް ވެން އޫޑުން ބުނެފައިވަނީ އައްޑޫ ބިން ހިއްކުމުގެ މަޝްރޫއާ އެކު އެ ސަރަހައްދަށް ތިމާވެށްޓަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމަށް ބުނެ ޓްރާންސްޕޭރަންސީ މޯލްޑިވްސް ހިމެނޭ ގޮތަށް އަމިއްލަ ޖަމިއްޔާތަކަކުން އެ މަޝްރޫއާ ދެކޮޅަށް ތެދުވުމުންނެވެ. ޖަމިއްޔާތަކުން ވަނީ އެ މަޝްރޫއު ހުއްޓުވަން ސ. މީދޫ މެޖިސްޓްރޭޓް ކޯޓަށް ވެސް މީގެކުރިން މައްސަލަ ވެސް ހުށަހަޅާފަ އެވެ.
އައްޑޫގެ މޭޔަރު އަލީ ނިޒާރު މީގެކުރިން އަވަސް އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ސަރުކާރުން ރާވާފައިވާ ގޮތަށް އައްޑޫގެ ބިން ހިއްކައިފިނަމަ ކުރިއަށް އޮތް 50 އަހަރަށް އައްޑޫ އަށް ބިމުގެ ދަތިކަން ކުރިމަތި ނުވާނެ ކަމަށެވެ. އަދި އައްޑޫގެ ރައްޔިތުން އިގްތިސޯދީ މަސައްކަތް ކުރުމަށާއި ބޯހިޔާވަހިކަމަށް ބޭނުންވާ ބިން ހަމަޖެހިގެންދާނެ ކަމުގައިވެސް ވިދާޅުވެފައިވެ އެވެ.