މުހައްމަދު އަސްލަމް

އަސްލަމު އައްޑުއަށް ވަޑައިގެން ހައްލުތައް ހޯއްދަވަން މަޝްވަރާ ފައްޓަވައިފި

Feb 12, 2023

އައްޑޫ ސިޓީގައި ސަރުކާރުން ކުރިއަށް ގެންދާ މަގު ހެދުމުގެ މަޝްރޫއުގައި ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމުގެ ގޮތުން ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމު އައްޑޫ އަށް ވަޑައިގެންފި އެވެ.

މިނިސްޓަރު އަސްލަމު ރޭގެ ވަގުތެއްގައި އައްޑޫއަށް ވަޑައިގެން ކަމާ ގުޅޭ ފަރާތްތަކާ މިއަދު ހެނދުނު ބައްދަލުކުރައްވައި މަޝްވަރާތައް ވަނީ ފައްޓަވާފަ އެވެ.

ޕްލޭނިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ މިނިސްޓަރު ދުވަސްކޮޅަކު އައްޑޫގައި ހުންނަވައިގެން މަސައްކަތްތައް ކުރިއަށްދާ ގޮތް އަމިއްލަފުޅަށް ބައްލަވައި ރައްޔިތުން އަދި އައްޑޫ ސިޓީ ކައުންސިލުން ފާހަގަކުރާ މައްސަލަ ހައްލުކުރައްވާނެ ކަމަށެވެ.

"މިއަދުވެސް ޖުމްލަކޮށް މަޝްވަރާ ދިޔައީ. ވާހަކަދެއްކުމުން ގިނަ ކަންކަން ހައްލުވާނެ. އެކަން ކުރައްވަމުން އެ ގެންދަވަނީ،" އޮފިޝަލ؛ް ވިދާޅުވި އެވެ.

އައްޑޫ ސިޓީގެ މަގުތައް ހެދުމުގެ މަސައްކަތް ކުރަނީ ތިލަމާލެ ބްރިޖު އެޅުމުގެ މަސައްކަތް ކުރަމުންދާ އިންޑިއާގެ އެފްކޮންސް ކުންފުނިންނެވެ.

މަޝްވަރާތައް މިއަދު ހެނދުނު ކުރިއަށް ދިޔަ ގޮތާ ގުޅޭގޮތުން އައްޑޫ ސިޓީ ކައުންސިލް އަދި މިނިސްޓަރު އަސްލަމްގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

އައްޑޫ ސިޓީގެ މަގުތައް ހަދަމުންދާއިރު ރައްޔިތުންގެ މައިގަނޑު ކަންބޮޑުވުމަކީ މަގުގައި އުޅަނދު ދުއްވަން އޮންނަ ބައި ކުރިއަށް ވުރެ ކުޑަކޮށް، ކުރިއަށް ވުރެ ދުވާރު ބޮޑުކުރުމެވެ. މަގު ހެދުމަށް މަގު ކޮނުމަށްފަހު ގިނަ ދުވަސްތަކެއް ވަންދެން ބަހައްޓަން ޖެހުމާއި އެފަދަ ބައެއް ވަޅުގަނޑުތަކަށް އާންމުންނާއި ވެހިކަލް ވެއްޓޭ މައްސަލަ އަކީވެސް ކަންބޮޑުވުމެކެވެ. އަދި ދުވާރު ހަދާއިރު ބައެއް ގޭގެއަށް އުޅަނދު ވައްދަން ދަތިވާ މައްސަލަ ވެސް ރައްޔިތުން ފާހަގަކުރެ އެވެ.

އައްޑޫ ސިޓީގެ މަގުތަކުގައި ގާ އަތުރައިގެން މަގުތައް ހެދުމަށް އެފްކޮންސް ކުންފުންޏާ ހަވާލުކުރީ ފެބްރުއަރީ 2021 ގައެވެ. ޖުމްލަ 107 ކިލޯމީޓަރުގެ މަގު ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް މިދިޔަ އަހަރުގެ ފެބްރުއަރީ 18 ވަނަ ދުވަހު ފަށާފައިވާއިރު މިމަޝްރޫއު ނިންމަން ދިނީ ދެ އަހަރު ދުވަހެވެ.

އިންޑިއާގެ އެގްޒިމް ބޭންކުން ދީފައިވާ 800 މިލިއަން ރުފިޔާގެ ކްރެޑިޓް ލައިންގެ ދަށުން އައްޑޫ މަގު ހެދުމަށް 1.2 މިލިއަން ރުފިޔާ ހަރަދުކުރުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.

އައްޑޫ ސިޓީގެ މަގުތައް ހެދުމުގެ މަސައްކަތް ކުރަމުންދާ ގޮތުން އައްޑޫގެ ރައްޔިތުން ގެންދަނީ އެފްކޮންސް އަށް މިމަސައްކަތް ކުރެވިދާނެތޯ ސުވާލު އުފައްދަމުންނެވެ.