ދުވާލުގެ ބުރަ މަސައްކަތަށް ފަހު ސިނކުޑިއަށް ހަމަޖެހުމެއް ލިބޭ ވަގުތަކީ ރޭގަނޑުގެ ވަގުތު ކަމަށް ވުމުން ކޮންމެ މީހަކުވެސް އެވަގުތަށް އިންތިޒާރު ކުރާނެ އެވެ. ބައްޔެއް ނުހުންނަ މީހުންނަށް ނިދި ފަސޭހަ ކަމަށްވި ނަމަވެސް ސައިނަސް ބަލި ހުންނަ މީހުންނަކީ ނިންޖާ ހަނގުރާމަކުރާ ބައެކޭ ބުނެވިދާނެ އެވެ.
އެމީހުން ރޭގަނޑު ނިދަން އޮށޯތުމާއެކު ނިދި އެމީހުނާ ހަމައަށް ޒިޔާރަތް ކުރޭތޯ ދިގު އިންތިޒާރެއް ކުރަން މަޖުބޫރު ވެއެވެ. ނުނިދިގެން އެތައް އިރެއް ވަންދެން ސީލިންގާ ދިމާލަށް ބަލަން އޮވެވެ އެވެ. އަރިޔަކަށް ޖެހިލައިފިއްޔާ ކިނބިހި އެޅޭވަރުންނާއި ނޭފަތުންނާއި ލޮލުން ފެން އައިސް ނޭފަތް ހިރުވާ ކިނބިހި އެޅޭ ވަރުން ނިދަން އުނދަގޫ ވެއެވެ. އެކަމަށް ހައްލެއް ލިބޭތޯ ދަންވަރު ހޫނުފެން ބުއިމުގައި ހޭދަ ކުރާ މީހުން މަދެއް ނޫނެވެ. ނިދާ ނުލެވި އުޅެނިކޮށް އިރުއަރަނީ ވެސް ވަރަށް ގިނަ ދުވަހު އެވެ.
ރާއްޖޭގެ ގިނަ ގޭބިސީތަކުގަ ދިރޭ ތަކެތި ގެންގުޅުމަކީ އާދައެކެވެ. ބުޅާ ދޫނިފަދަ ތަކެތި ގޭގައި ގެންގުޅޭއިރު، އެ ގެންގުޅެނީ ސައިނަސް މައްސަލަ ހުންނަ މީހެއްނަމަ ވިސްނާލުން މުހިންމު ކަންތައްތަކެއް ހުރެ އެވެ. ދިރޭ ތަކެއްޗަކީ ވަކި ގޮތަކަށް އަޅާލުމާއި ވަކި ދުވަސްވަރެއްގަ އިންޖެކްޝަން ޖަހަންޖެހޭ ތަކެއްޗެވެ. އެކަން ކަމަކަށް ކުޅަދާނަ ނުވާނަމަ ގެންގުުޅުން ބުއްދިވެރިއެެއް ނޫނެވެ. އަދި ހާއްސަކޮށް ޕެޓްސްގެ ގޮތުގައި ގެންގުޅޭ ދިރޭ ތަކެކި ނިދާ ގަނޑީ ކައިރީ ބާއްވައިން ނިދުން ރަނގަޅެެއް ނުވާނެ އެވެ.
ނިދާ އެނދުމަތި ފަދަ ތަންތަނުގައި އެތަކެތި ނިންދަވަން ބޭއްވުމުން ކެހެރިތަކުންނާއި ދޫނީގެ ފިޔަތަކުން ނޭދެވޭ އަސަރު ކުރެ އެވެ. ސައިނަސް ހުންނަ މީހުންގެ ނޭފަތް ބެދި ނޭވަލާން އުނދަގޫވެ ރޭގަނޑުގެ ނިދިން މަހުރޫމް ކޮށްލަ އެވެ. މީގެ އިތުރުން ނިދާގަޑި ކައިރިވުމުން ކެފެއިން ހުންނަ ބުއިންތަކާއި ދުރުވެލުން ރަނގަޅުވާނެ އެވެ. ގިނައިން ފެންބުއިމުން ނިދަން ފަސޭހަވާކަމުގައި ސައިންވެރިންގެ ހޯދުންތަކުން ދައްކަ އެވެ.
ނިދާ ކޮޓަރިއަކީ މާ ފިނިގަދަ ތަނަކަށްވާ ނަމަވެސް ސައިނަސްގެ ބަލި ހުންނަ މީހުނަށް ނިދަން އުނދަގޫ ވެދާނެ އެވެ. ސަބަބަކީ އެސީގެ ފިނިން އިންސާނާގެ ހަށިގަނޑުގައި ހުންނަ ފެންދެމުމުގެ ސަބަބުން ނޭފަތުގެ އެތެރެ ހިކޭގޮތް ވާނެތީ އެވެ. ކޮޓަރިތެެރެ ވަކި ފިނި ހޫނުމިނެއްގައި ބެހެއްޓި ދާނެ އެވެ. އޭރުންވެސް ސައިނަސް ހުންނަ މީހުން ނިދަން އުފުލާ ތަކުލީފު ކުޑަވާނެ އެވެ.