ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގެ ހަގީގަތް ފޮރުވަން ސަރުކާރަށް ވާގިވެރިވާ ކަމަށް ބުނެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސެއިން) ގެ މައްޗަށް ރައީސް ނަޝީދު ކުރެއްވި ތުހުމަތާ ގުޅޭ މައްސަލަ ބެލުމަށް މަޖިލީހުގެ އިމްތިޔާޒު ކޮމިޓީން ނިންމައިފި އެވެ.
ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އެ މައްސަލަ ކޮމިޓީން ބެލުމަށް ހުށަހެޅުއްވީ އަމިއްލަ މެންބަރެއް ކަމުގައިވާ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) އެވެ. އޭނާގެ ހުށަހެޅުއްވުމަށް ތާއީދުކުރެއްވީ އިދިކޮޅު ޕީއެންސީގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އެވެ.
މޮސްޓާގެ ހުށަހެޅުން ފާސްވީ އެވަގުތު ކޮމިޓީގައި ތިއްބެވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.
ރައީސް ނަޝީދު ކުރެއްވި ތުހުމަތުގެ ހަގީގަތް ހޯދުމަށާއި ތަހުގީގުކުރުމަށް ހުސައިން ވަނީ އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވުމަށްފަހު ކަމާ ގުޅޭ އިދާރާތަކަށް ވެސް މައްސަލަ ހުށަހެޅުއްވުމަށް ނިންމާފަ އެވެ.
މަޖިލީހަށް ހުސައިން ހުށަހެޅުއްވި މައްސަލައާ ގުޅޭ ސިޓީ މަޖިލީހުގެ އަމީންއާންމު ވަނީ މަޖިލީހުގެ އާންމު ކޮމިޓީ އަށް ފޮނުއްވާފަ އެވެ. ހުސައިން ވަނީ އޭނާ އަށް ތުހުމަތުކުރެއްވުމަށް ރައީސް ނަޝީދު ބޭނުންކުރެއްވި ވަޓްސްއަޕް ގުރޫޕަށް ރައީސް ނަޝީދު ފޮނުއްވި މެސެޖުތަކުގެ ކޮޕީ ދިނުމަށް އެދިވަޑައިގެންފަ އެވެ.
އާންމު ކޮމިޓީގެ މިދިޔަ ހަފްތާގެ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވަނީ ވަޓްސްއަޕް ގުރޫޕަކީ ރަސްމީ އެއްޗެއްތޯ ސުވާލު އުފައްދަވާފަ އެވެ. ނަމަވެސް އިދާރީ މުވައްޒަފުން މެދުވެރިކޮށް ކަންކަން ސާފުކުރެއްވުމަށްފަހު މައްސަލަ ކުރިއަށް ގެންދިއުމަށް މެންބަރަކު އިއުތިރާޒު ނުކުރައްވާތީ ކުރިއަށް ދިއުމަށް ނިންމެވި އެވެ.
ރައީސް ނަޝީދުގެ ތުހުމަތުތައް ހުސައިން ސިފަކުރެއްވީ ނިމިގެން ދިޔަ އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބާ ދިމާކޮށް އުފެއްދެވި ތުހުމަތުތަކެއްގެ ގޮތުގަ އެވެ. އަދި ވިދާޅުވީ އިލްޒާމު އެޅުވުމުގައިވެސް ހައްދެއް އޮންނަން ވާނެ ކަމަށެވެ. ވަކި ކެންޑިޑޭޓަކަށް ތާއީދުކޮށް އެކަމުގައި މަސައްކަތް ކުރުމަކީ ދޮގު އިލްޒާމު އަޅުވަން ޖެހޭ ސަބަބެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.
ހުސައިން އިތުރަށް ވިދާޅުވީ ބޮމުގެ ހަމަލާގައި އޭނާގެ ބައިވެރިވުން އޮތް ކަމަށް ދޭހަވާ ގޮތަށް އަސާސެއް ނެތް ތުހުމަތެއް ކުރުމުގެ ސަބަބުން ހައްގުތަކާއި އިމްތިޔާޒުތަކަށް އުނިކަން ލިބިވަޑައިގެންފައިވާ ކަމަށެވެ. އަދި ރައީސް ނަޝީދު ކުރެއްވި ތުހުމަތުގެ ގޮތުން ފުރާނައަށް ނުރައްކާ އެބައޮތް ކަމަށްވެސް ވިދާޅުވި އެވެ.