ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި މުޅި ކެބިނެޓް އިސްތިއުފާ ދިންއިރު "ރިއެކްޓް" ކުރި ގޮތަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ރިއެކްޓް ނުކުރައްވާނެ ކަމަށް ވިދާޅުވެ އެމްޑީޕީއަށް ނިސްބަތްވާ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަދުން ހުސައިން)، ރައީސް ނަޝީދަށް ރައްދު ދެއްވައިފި އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭންގެ ފޯރި ވަރަށް ބޮޑަށް ގަދަވެފައިވާއިރު ހުސައިން ހުންނެވީ ރައީސް ސޯލީހްއާ އެކު އެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް ހުސައިން ފާޑު ވިދާޅުވެފައި މިވަނީ ސަޕްޓަން ޕާކްގައި ރޭ ބޭއްވި ނަޝީދުގެ ކެމްޕޭން ޖަލްސާގައި ސަރުކާރާ ގުޅުންހުރި މައްސަލަތައް ރައީސް ސޯލިހްގެ ސަމާލުކަމަށް ގެނައުމުން އެކަންކަމަށް ރިއެކްޓް ނުކުރައްވާ ކަމަށް ނަޝީދު ވިދާޅުވެފައިވާތީ އެވެ. ރޭގެ ޖަލްސާގައި ނަޝީދު ވަނީ ރައީސް ސޯލިހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ މަލާމާތްވެސް ކުރައްވާފަ އެވެ.
ރައީސް ސޯލިހްގެ ކެމްޕޭން ޖަލްސާގައި މިރޭ ވާހަކަދައްކަވަމުން ހުސައިން ވިދާޅުވީ ރައީސް ސޯލިހް ސަރުކާރުގެ މަސައްކަތްތައް ކުރިއަށް ގެންދަވަނީ ކަންކަމުގައި ރިއެކްޓް ކުރަންޖެހޭ ވަރަށް ވުރެ މާބޮޑަށްވެސް ރަނގަޅަށް ކަމަށެވެ. އަދި ނަޝީދުގެ ސަރުކާރުގައި މުޅި ކެބިނެޓް އިސްތިއުފާ ދިން އިރު ރިއެކްޓް ކުރި ގޮތަށް ރައީސް ސޯލިހް އެއްވެސް ކަމެއްގައި ރިއެކްޓް ނުކުރައްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެއް ދުވަހެއްގައި ނިދިން ހޭލިއިރު މުލިއާގެއަށް މުޅި ކެބިނެޓް ގެންގޮސް އިސްތިއުފާ ދިނީ. އެފަދަ ރިއެކްޓެއް މި ސަރުކާރުން [ރައީް ސޯލިހް] ނުކުރައްވާނެ،" ނަޝީދުގެ އެންގެވުމަށް އެ ސަރުކާރުގައި ހުރިހާ ވަޒީރުން އިސްތިއުފާ ދެއްވި ދުވަހުގެ ހަނދާންތައް އާކުރައްވަމުން ހުސައިން ވިދާޅުވި އެވެ.
ހުސައިން ވަނީ ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑުވެސް ވިދާޅުވެފަ އެވެ. އެގޮތުން ހުސައިން ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދަށް ކާމިޔާބު ލިބިވަޑައިނުގަންނަވާނެތީވެ މިހާރު މަސައްކަތް ކުރައްވަނީ އެމްޑީޕީއަށް ވެރިކަން ނުލިބޭނެ ގޮތް ހެދުމަށް ކަމަށެވެ. އަދި ނަޝީދު މަސައްކަތް ކުރައްވަނީ ވަރަށް ޒާތީކޮށް ކަމަށް ދޭހަވާ ގޮތަށް ވެސް ހުސައިން ވަނީ ވާހަކަދައްކަވާފަ އެވެ.
މިޖަލްސާގައި ރައީސް ނަޝީދުގެ ވެރިކަމުގައި ފިޝަރީޒް މިނިސްޓަރު ކަން ކުރެއްވި އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހީމް ދީދީވެސް ވަނީ ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އެގޮތުން ރައީސް ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވި ދުވަހު އަމަލުކުރެއްވި ގޮތަށް ރައީސް ސޯލިހް އަމަލުނުކުރައްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމުގައި ވިދާޅުވި އެވެ. އަދި ރައީސް ސޯލިހް އެއްވެސް މީހަކަށް ދެރަގޮތެއް ގަސްދުގައި ނުހައްދަވާނެ ކަމުގައިވެސް ވިދާޅުވި އެވެ.
"ރައީސް ސޯލިހް ހަމަ ގައިމުވެސް ބޮލުގައި ބަޑި ކިއްކުރަންތޯ މޭގައި ބަޑި ޖެއްސިޔަސް އިސްތިއުފާއެއް ނުދެއްވާނެ،" ރައީސް ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވީ ބަޑިން ބިރު ދެއްކުމުން ކަމަށް އެމަނިކުފާނަށް ތާއީދު ކުރާ މީހުން ބުނާތީ އެކަމަށް ރައްދު ދެއްވާ ދީދީ ވިދާޅުވި އެވެ.