ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަޑުއަހަން މަޖިލީހުގެ ގެލަރީއަށް ދިޔަ "ދަ ޑިމޮކްރެޓްސް"އަށް ނިސްބަތްވާ އާންމުންގެ ބަޔަކު އެމްޑީޕީގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) އިންޒާރު ދީފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނިޒާމީ މައްސަލަ ނަންގަވާ ހުސައިން ޝަހީމް ވިދާޅުވީ އޭނާ މަޖިލީހުގެ ޖަލްސާ ކުރާ މާލަމުން ނިކުމެ ވަޑައިގެން ސިނޑިން ވަޑައިގަންނަވަނިކޮށް ޖަލްސާ އަޑުއެހުމަށް ދިޔަ "ދަ ޑިމޮކްރެޓްސް"އަށް ނިސްބަތްވާ 10 މީހުންގެ ތެރެއިން ހަތަރު މީހަކު އިންޒާރު ދީފައިވާ ކަމަށެވެ. އަދި އެ މައްސަލަ ބައްލަވާ ދެއްވުމަށް އެވަގުތު ރިޔާސަތުގައި އިންނެވި ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފަށް ހުސައިން ދެންނެވި އެވެ.
ހުސައިން ވިދާޅުވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ސައި ކޮޓަރީގައި އިންނަވަނިކޮށް އޭނާއަށް އިންޒާރު ދިން މައްސަލަ ދެންނެވުމުން ހުސައިންގެ ކަންފަތްމަތީގައި ޖަހަންވީ ކަމަށް ރައީސް ނަޝީދު ވިދާޅުވި ކަމަށެވެ.
ހުސައިން އިތުރަށް ވިދާޅުވީ އޭނާއަށް މީގެކުރިންވެސް އިންޒާރުތަކެއް ލިބިގެން ސެކިއުރިޓީއަށް އެދިވަޑައިގަތުމުން މަޖިލީހުގެ އިދާރާއިން އެކަން ހަމަޖައްސައިދިނުމަށް މަސަައްކަތް ކޮށްދެއްވާފައި ނުވާ ކަމަށެވެ.
ހުސައިންއަށް އިންޒާރު ދިން މައްސަލަ އޭނާ ފެންމަތިކުރެއްވުމާ ގުޅިގެން "ދަ ޑިމޮކްރެޓްސް" އަށް ނިސްބަތްވާ ދެ މެންބަރަކު ވަނީ އެ ވަގުތު ހުސައިންގެ އެ ވާހަކަ ދޮގުކުރައްވާފަ އެވެ. އެގޮތުން ކުޅުދުއްފުށި އުތުުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފް ވިދާޅުވީ ހުސައިން ދައްކަވަނީ ހަގީގީ ވާހަކައެއް ނޫން ކަމަށެވެ. އަދި ހުސައިންއަށް ބަޔަކު އިންޒާރެއް ދިން ނަމަ އެކަން މަޖިލީހަށް ހުށަހަޅުއްވާނީ ނިޒާމީ މައްސަލައެއް ނަންގަވައިގެން ނޫން ކަމަށްވެސް ވިދާޅުވި އެވެ.
މައްޗަށްގޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ވިދާޅުވީ ހުސައިން ދެއްކެވި ވާހަކަތަކަކީ މީޑިއާގައި ސުރުހީ އަޅުއްވަން ދެއްކެވި ވާހަކަތަކެއް ކަމަށެވެ.
ހުސައިން އަށް އިންޒާރު ދިން ކަމަށް ބުނާ މައްސަލަ މެންބަރު ޔާސިރާއި މުހައްމަދު ރަޝީދު ދޮގުކުރެއްވުމާ ގުޅިގެން އެމްޑީޕީގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވީ ހުސައިން އަށް ބަޔަކު އިންޒާރު ދިން ކަމަށާއި ހުސައިން ވިދާޅުވަނީ ތެދުވާހަކަތަކެއް ކަމަށެވެ. އިންޒާރު ދިން އިރު އޭނާ ހުސައިން އަރިހު ހުންނެވި ކަމަށްވެސް ޣަފޫރު ވިދާޅުވި އެވެ.
މެންބަރުންނަށް އިންޒާރު ދެވިގެން ނުވާނެ ކަމަށް ވިދާޅުވެ މެންބަރު ހުސައިން ޝަހީމުގެ ދިފާއުގައި ޣަފޫރު ވާހަކަދެއްކެވުމާ ގުޅިގެން ނިޒާމީ މައްސަލަ ނަންގަވާ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހްމަދު އާމިރު ވިދާޅުވީ މަޖިލީހުގެ އެއް މެންބަރަކު އަނެއް މެންބަރަކަށް އިންޒާރު ދިނުމަކީ މަޖިލީހުގެ އިދާރާގައި އާންމު ކަމެއް ކަމަށެވެ. އަދި މެންބަރު ޣަފޫރުވެސް އާމިރަށް އިންޒާރު ދެއްވި ކަމަށް އާމިރު ވިދާޅުވެފައިވެ އެވެ.
މެންބަރުންނަށް އިންޒާރު ދޭ މައްސަލަތަކެއް މަޖިލީހުގެ ތަޅުމުގައި ފެންމަތިކުރެއްވުމުން ރިޔާސަތުގައި އިންނެވި ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފް ވަނީ އެ މައްސަލަތައް ކަމާ ގުޅޭ އިދާރާތަކަށް ހުށަހެޅުމަށް މެންބަރުންނަށް އިލްތިމާސްކުރައްވާފަ އެވެ.