މިނިސްޓްރީ އޮފް އެޑިއުކޭޝަން

މާލޭގެ ސްކޫލުތަކަށް ކުދިން ވައްދަން ހުޅުވާލައިފި

May 17, 2022
1

މާލޭގެ ސްކޫލްތަކުގެ ގުރޭޑް އެކަކަށް ކުދިން ވެއްދުމުގެ ފުރުސަތު އެޑިޔުކޭޝަން މިނިސްޓްރީން ހުޅުވާލައިފި އެވެ.

މާލޭގެ ސްކޫލްތަކުގެ ގުރޭޑް އެކަކަށް ވައްދަން ބޭނުންވާ ކުދިން ވެއްދުމާ ގުޅޭ އިދާރީ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައި ވަނީ ކުރިއަށް އޮތް ޖޫން މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ. އެހެން ގުރޭޑް ތަކަށް ވައްދަން ބޭނުންވާ ކުދިންނާ ގުޅޭ އިދާރާ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ޖުލައި އެއްވަނަ ދުވަހުން ފެށިގެންނެވެ.

ކުދިންގެ މައުލޫމާތު ހާއްސަ ފޯމެއްގައި ފުރުމަށްފަހު އޮންލައިންކޮށް ފޯމް ހުށަހަޅަން ހާއްސަ ލިންކެއް ވެސް މިނިސްޓްރީން ހަމަޖައްސާފައިވެ އެވެ.

މާލޭގެ ސްކޫލުތަކުން ޖާގަ ދިނުމުގައި އެޑިޔުކޭޝަން މިނިސްޓްރީން އިސްކަންދެނީ އެ ކުއްޖަކު ދިރިއުޅޭ ސަރަހައްދަކާ އެންމެ ކައިރީގައިވާ ސްކޫލަކުން ޖާގަ ދިނުމަށެވެ.

އެޑިޔުކޭޝަން މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު މާލޭގެ ސްކޫލްތަކުން 2000 އަކަށް ކުދިންނަށް ޖާގަ ދީފައިވެ އެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން ފަށަންވާއިރަށް ސްކޫލުތަކުން ކުދިންނަށް ޖާގަ ހަމަޖެއްސުމުގެ މަސައްކަތް މިނިސްޓްރީން ކުރަމުންދާއިރު ސްކޫލުތަކަށް ކުދިން ވެއްދުމުގައި ބަލާނެ އުމުރާއި ސްކޫލް ބަދަލުކުރުމުގައި އުމުރު ބެލުމުގައި އަމަލުކުރާނެ އުސޫލު ކަނޑައަޅައި އެކަމާ ގުޅޭ ސާކިއުލާއެއް މިނިސްޓްރީން ވަނީ ސްކޫލްތަކަށް ފޮނުވާފަ އެވެ.

ސާކިއުލާގައިވާ ގޮތުން ބޭބީ ނާސަރީން ފުރުސަތު ދެނީ މިއަހަރުގެ އޮގަސްޓް މަހުގެ އެއްވަނަ ދުވަހަށް ދެ އަހަރު ފުރި ތިން އަހަރު ނުފުރޭ ކުދިންނަށެވެ. ނާސަރީން ފުރުސަތު ދިނުމަށް ނިންމާފައިވަނީ އޮގަސްޓް މަހުގެ އެއްވަނަ ދުވަހަށް ތިން އަހަރު ފުރި އެކަމަކު ހަތަރު އަހަރު ނުފުރޭ ކުދިންނަށެވެ. އެލްކޭޖީން ފުރުސަތު ދިނުމަށް ނިންމާފައިވަނީ މިއަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހަށް ހަތަރު އަހަރު ފުރި ފަސް އަހަރު ނުފުރޭ ކުދިންނެވެ. އަދި ގުރޭޑް އެކަކަށް ވައްދަން ނިންމާފައިވަނީ ދެ އަހަރުގެ ފްރީ ސްކޫލް ޕްރޮގްރާމް ފުރިހަމަ ކުރާ ކުދިންގެ ތެރެއިން މިއަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހަށް ހަ އަހަރު ފުރި ހަތް އަހަރު ނުފުރޭ ކުދިންނެވެ.

އެޑިޔުކޭޝަން މިނިސްޓްރީގެ ސާކިއުލާއާ މެދު ބައެއް ބެލެނިވެރިންގެ ހިތްހަމަނުޖެހުންތަކެއް ހުރުމާ ގުޅިގެން އެ މިނިސްޓްރީން ބުނީ 2022-2023 ވަނަ އަހަރުގެ ދިރާސީ އަހަރު ސްކޫލުތަކަށް ކުދިން ވެއްދުމުގައި މައްސަލައެއް ދިމާވާނަމަ ކަމާ ގުޅޭ ސްކޫލުން އެ މައްސަލައެއް ލިޔުމުން އެ މިނިސްޓްރީއަށް ހުށަހެޅުމުން އެ މައްސަލައެއް ހައްލުކުރާނެ ކަމަށެވެ.