މާލޭ ސިޓީ ކައުންސިލް

އަރަބިއްޔާ އަށް ބިން ދިނުމުގެ ކުރިން މައްޗަށްގޯޅި ރައްޔިތުންނާ ބައްދަލުކުރަނީ

Jan 12, 2022
1

އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް އެޅުމަށް ބާޖަމާލުއްދީން ހުރި ބިން ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން އެކަމުގައި މައްޗަށްގޯޅި އަވަށުގެ ރައްޔިތުންގެ ހިޔާލު ހޯދުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

ސިޓީ ކައުންސިލުން މިގޮތަށް ނިންމީ ބާޖަމާލުއްދީން ހުރި ބިމަކީ ޕާކެއް ހެދުމަށް ސިޓީ ކައުންސިލުން ނިންމާފައި އޮތް ބިމަކަށްވާތީ އަރަބިއްޔާގެ އާ އިމާރާތް އެޅުމަށް އެހެން ބިމެއް ހަމަޖެއްސުމަށް މައްޗަށްގޯޅިއަށް ނިސްބަތްވާ ކައުންސިލަރު އަހްމަދު ޒަމީރު ހުށަހެޅުއްވި ގަރާރަކަށް ކައުންސިލް މެންބަރުން މިއަދު މަޝްވަރާކުރުމަށްފަހު އެވެ.

ގަރާރު ހުށަހަޅުއްވަމުން ޒަމީރު ވިދާޅުވީ ބާޖަމާލުއްދީން ހުރި ބިމުގައި ވެހިކަލް ޕާކް ކުރެވޭ ބަޔަކާ އެކު މުނިފޫހިފިލުވާލުމަށް ޕާކެއް ހެދުމަށް ސިޓީ ކައުންސިލުން ނިންމީ މައްޗަށްގޯޅި ރައްޔިތުންނާ ބައްދަލުކުރެއްވުމަށްފަހު ރައްޔިތުންގެ ހިޔާލާ އެއްގޮތަށް ކަމަށެވެ. އެހެންކަމުން ރައްޔިތުންގެ ނިންމުމާ ދެކޮޅަށް އެ ބިމުގައި އެހެން މަސައްކަތެއް ކުރެވިގެން ނުވާނެ ކަމަށެވެ.

ޒަމީރު ވިދާޅުވީ ބާޖަމާލުއްދީންގެ ބިން ހިމެނޭ ސަރަހައްދަކީ މާލޭގައި މިވަގުތު ވެސް ޓްރެފިކް އެންމެ ބާރު ބޮޑު ސަރަހައްދު ކަމަށެވެ. އެ މައްސަލަ އެހެން އޮތް އިރު އެތަނުގައި އިތުރު ސްކޫލެއް އެޅުމަކީ ޓްރެފިކްގެ މައްސަލަ އިތުރަށް ގޯސްވާނެ ކަމެއް ކަމަށް ޒަމީރު ފާހަގަކުރެއްވި އެވެ. އެހެންވެ މާލޭގެ ބޮޑެތި މަގުތަކަށްވާ ގޮތަށް އަދި ބަސް ދަތުރުތައް ކުރެވޭ ގޮތަށް ހުންނަ މަގުތަކަށްވާ ގޮތަށް ސްކޫލުތައް އެޅުމުގެ ހިޔާލު ވެސް ޒަމީރު ހުށަހެޅުއްވި އެވެ.

"މައްޗަށްގޮޅި ރައްޔިތުންނަށް ހިތްހަމަޖައްސާލަން ބޭނުންކޮށްލާނެ އެއްވެސް ބިމެއް ނެތް ބާޖަމާލުއްދީން ހުރި ސަރަހައްދު ފިޔަވާ. އެހެންވީމާ އެތަނުގައި ކުރަން ނިންމާފައިވާ ގޮތަށް ޕާކުގެ މަސައްކަތް ކުރިއަށް ގެންދަންވާނެ ކަމަށް ދެކެން، ޒަމީރު ވިދާޅުވި އެވެ.

މިމައްސަލާގައި ބަހުސްކުރައްވަމުން ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހީމް ޝުޖާއު ވިދާޅުވީ ބާޖަމާލުއްދީންގެ ބިމުގެ މައްސަލާގައި ސިޓީ ކައުންސިލުން ކުރިން ވެސް ގޮތެއް ނިންމީ އެ އަވަށުގެ ރައްޔިތުންނާ ބައްދަލުކޮށްގެން ކަމަށްވާތީ އެ ބިމާ މެދު ކައުންސިލުން ދެންވެސް އިތުރު ގޮތެއް ނިންމާނަމަ ރައްޔިތުންގެ ހިޔާލު ހޯދަންވާނެ ކަމަށެވެ. ބާޖަމާލުއްދީން ބިމުގައި އަރަބިއްޔާ ސްކޫލު އަޅަން ސަރުކާރުން ނިންމާފައިވާތީ އެ ބިމުގައި އެ ސްކޫލު އެޅުމަށް ތާއީދު ކުރާ ބަޔަކު މިހާރު އަލުން ތިބެދާނެތީވެ ޝުޖާއު ވަނީ އެކަމުގައި ސިޓީ ކައުންސިލުން ގޮތެއް ނިންމުމުގެ ކުރިން މައްޗަށްގޯޅި އަވަށުގެ ރައްޔިތުންގެ ހިޔާލު ހޯދުމަށް ހުށަހަޅުއްވާފަ އެވެ. އެ ހުށަހެޅުމަށް ވޯޓަށް އެހުމުން ފާސްވީ ކައުންސިލްގެ އަގުލަބިއްޔަތުންނެވެ.

ބާޖަމާލުއްދީން ހުރި ބިމުގައި އަރަބިއްޔާ ސްކޫލު އެޅުމާ މެދު މައްޗަށްގޮޅި ރައްޔިތުންގެ ހިޔާލު ހުރި ގޮތް ބެލުމުގެ ބައްދަލުވުން ބޭއްވުމަށް ނިންމީ އަންނަ ހަފްތާގެ އަންގާރަ ނުވަތަ ބުދަ ދުވަހުގެ ތެރެއިން ގިނަ ކައުންސިލަރުންނަށް ފަސޭޙަ ދުވަހަކު ބައްދަލުވުން ބާއްވާ ގޮތަށެވެ. މިބައްދަލުވުމުގައި ބައިވެރިވުމަށް އަރަބިއްޔާ ސްކޫލާ ގުޅިފައިވާ އިދާރާތަކަށާއި އަރަބިއްޔާގެ ބެލެނިވެރިންނަށް ދައުވަތު ދެއްވުމަށް ވެސް މޭޔަރު ޑރ. މުހައްމަދު މުއިއްޒު އެންގެވި އެވެ.

ކައުންސިލް ބައްދަލުވުމުގައި ބައިވެރިިވި ހުރިހާ ކައުންސިލަރުން ވެސް އަދި ގަރާރު ހުށަހެޅުއްވި ޒަމީރު ވެސް ވިދާޅުވީ އަރަބިއްޔާ ސްކޫލުގެ ދަރިވަރުންނަށް ބިމެއް ދޭންޖެހޭނެ ކަމަށާއި އެ ދަރިވަރުންނަށް ވެސް ދެރަގޮތްތަކެއް ވެގެން ނުވާނެ ކަމަށެވެ. ބާޖަމާލުއްދީން ބިން ފިޔަވާ އަރަބިއްޔާގެ ދަރިވަރުންނަށް ދެވެން ހުރި ބިންތައް ފާހަގަކޮށް އެ ބިންތަކުގެ މައުލޫމާތު ރައްޔިތުންގެ ބައްދަލުވުމަށް ހުށަހެޅުމަށްވެސް ކައުންސިލަރުން ވާހަކަދެއްކެވި އެވެ. އަދި އަރަބިއްޔާ އަށް ދޭނެ ބިމެއްގެ މައްސަލަ ވަރަށް އަވަހަށް ނިންމުމަށް ވެސް ކައުންސިލަރުން ބާރު އެޅުއްވި އެވެ.

އަރަބި ބަހުން ކިޔަވައިދޭ އެންމެ ބޮޑު ސްކޫލަކަށް ރާއްޖޭގައި މި ވަގުތު ހުރި އަލްމަދްރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާ -- އަރަބިއްޔާ ސްކޫލް އެޅުމަށް ބާ ޖަމާލުއްދީނުގެ ބިން ހަމަޖެއްސެވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމެވީ މިދިޔަ މަހުގެ 20 ވަނަ ދުވަހު އަރަބިއްޔާގެ ބެލެނިވެރިންނާ ބައްދަލުކުރެއްވުމަށްފަހު އެެވެ.

އަރަބިއްޔާ ސްކޫލު މިހާރު ހިންގާ އިމާރާތުގައި ރެނދުލައިފައިވާތީ އެތަނުގައި ކިޔަވައިދިނުން ރައްކާތެރިކަމަކަށް ނުވުމުން އަންނަ އާދިއްތަ ދުވަހު ސްކޫލުތައް ހުޅުވާއިރު އަރަބިއްޔާގެ ދަރިވަރުން ކިޔަވަން ދާނީ މިދިޔަ އަހަރު ފޮރިން މިނިސްޓްރީ ވަގުތީ ގޮތުން ހިންގި އިމާރާތަށެވެ.