މިނިސްޓްރީ އޮފް އެޑިއުކޭޝަން

ސްކޫލުތަކަށް އުފާވެރިކަން ގެންނަން ހާއްސަ ކެމްޕޭނެއް

ބައެއް ސްކޫލުތަކުގައި މިއަދު "ސްމައިލް އޮން"ގެ ނަމުގައި ހާއްސަ ކެމްޕޭނެއް ފަށައިފި އެވެ.

އެޑިޔުކޭޝަން މިނިސްޓްރީން މައުލޫމާތުދޭ ގޮތުގައި ދަރިވަރުން އިސްނަގައިގެން ކުރިއަށް ގެންދާ މި ކެމްޕޭނަކީ ދަރިވަރުންގެ ވަށައިގެންވާ މާހައުލަކީ އުފާވެރި ރަނގަޅު މާހައުލަކަށް ހެދުމަށްޓަކައި އަނެކާގެ ރަނގަޅު ސިފަތައް ދެނެގަނެ އެކަންކަން ފާހަގަކުރުމަށްޓަކައި ކުރިއަށް ގެންދާ ކެމްޕޭނެއް ކަމަށެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ބުނާ ގޮތުގައި "ސްމައިލް އޮން" ކެމްޕޭނުގެ ސަބަބުން ސްކޫލްތަކުގައި ޕޮޒިޓިވް މާހައުލެއް ގާއިމުކުރެވިގެން ދާނެ އެވެ.

މި ކެމްޕޭނާ ގުޅިގެން އެކަކު އަނެކަކަށް އިހުތިރާމު ކުރާ ދަރިވަރުން ތަކެއް ބިނާވެ ކަންކަމުގައި ޕޮޒިޓިވް ވިސްނުން ގެންގުޅޭ ސްކޫލު މުޖުތަމައެއް ގާއިމުވެގެން ދާނެ ކަމަށްވެސް މިނިސްޓްރީ އިން ބުނެ އެވެ.

މި ކެމްޕޭން މިއަދު ފެށިގެން ދިޔައީ މާލޭގެ ސްކޫލްތަކުގަ އެވެ. އެޑިޔުކޭޝަން މިނިސްޓްރީން މައުލޫމާތުދޭ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ވެސް "ސްމައިލް އޮން" ކެމްޕޭން ފެށިގެން ދާނެ އެވެ.