ގައުމީ އެއާލައިން މޯލްޑިވިއަންގެ ފްލީޓާ މިއަދު ގުޅުނު 200 މީހުންގެ ޖާގައިގެ ބޮޑު ބޯޓުގެ ދަތުރުތައް ބޮޑަށް އަމާޒުކުރާނީ ޗައިނާ އަށް ކަމަށާއި ދަތުރުތައް ފެށުމާ އެކު ޗައިނާ އިން ކޮންމެ ހަފުތާއަކު 900 ޓޫރިސްޓުން ރާއްޖެ ގެނެވޭނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ހާރިސް ވިދާޅުވެއްޖެ އެވެ.
މޯލްޑިވިއަން އިން މިއަދު ގެނެސްފައި ވަނީ އެއާބަސް އޭ-321 މަރުކާގެ ބޯޓެވެ. ހާރިސް ވިދާޅުވީ މީ ބޯޓު ހާއްސަވެގެން ދާނީ ބައިނަލްއަގުވާމީ ދަތުރުތަކަށް ކަަމަށާއި އެގޮތުން އަންނަ މަހު ދަތުރުތައް ފަށާ ޗައިނާގެ ތިން ސިޓީ އާއި މިހާރުވެސް ދަތުރުކުރާ ޗައިނާގެ ދެ ސިޓީއަކަށް ބޮޑު ބޯޓު ހާއްސަވާނެ ކަމަށެވެ.
މޯލްޑިވިއަންގެ ތިން ސީ ޕްލޭންއާ އެކު ޖުމްލަ 13 ބޯޓު ހިމެނޭ ފްލީޓަށް މިއަދު އިތުރުކުރި ބޯޓަކީ އެ އެއާލައިންގައި މިހާރު އޮތް އެންމެ ބޮޑު ބޯޓެވެ. އިކޮނޮމީ ކްލާހުގެ 194 ގޮނޑި އާއި ބިޒްނަސް ކްލާހަށް ހާއްސަ ހަ ޖާގަ މި ބޯޓުގައިވެ އެވެ. މި ބޯޓުގެ އިތުރުން 152 ގޮނޑީގެ އެއާބަސް އޭ-320 މަރުކާގެ ބޯޓެއް މޯލްޑިވިއަންގެ ފްލީޓުގައި ހިމެނެ އެވެ.
ހާރިސް ވިދާޅުވީ އުންމީދަކީ ޗައިނާ އިން ކޮންމެ ހަފުތާ އަކު 900 ޓޫރިސްޓުން ގެނައުން ކަމަށާއި އޭރުން އިގްތިސާދަށް ބިލިއަނެއްހާ ރުފިޔާ ވަންނާނެ ކަމަށެވެ. އަދި ބޮޑު ބޯޓު އޮޕަރޭޓް ކުރަން ފެށުމުން ވަޒީފާތައް ވެސް އިތުރުވެގެން ދާނެ ކަމަށް ވިދާޅުވި އެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވަމުން ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ ވިދާޅުވީ މި ފެންނަނީ މެރިޓައިމް ސިލްކް ރޫޓުގެ އެކިއެކި ކަންކަން ތަމްސީލްކުރާ އެކިއެކި ދާއިރާތަކުން ކުރިއެރުންތަކެއް ލިބެމުންދާ ތަން. ކަމަށާއި މޯލްޑިވިއަންގެ މި ކުރިއެރުމާ އެކު، ރާއްޖެއިން ބޭރުކުރާ މުދާ އިތުރު ކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަށް އިތުރު ހިތްވަރެއް ލިބިގެން ހިނގައްޖެ ކަމަށެވެ.
"... އަޅުގަނޑުމެންނަށް ފެނިގެން މިދަނީ އިހަކަށް ދުވަހު އަޅުގަނޑުމެން ޗައިނާގައި ކުރި މަޝްވަރާތަކަށް ފަހު، އަޅުގަނޑުމެން ވާހަކަދެއްކީ ދެ ގައުމުގެ ދޭތެރޭގައި ފްރީ ޓްރޭޑް އެގްރިމަންޓެއްގައި ސޮއިކުރަން. މީގެ އެންމެ ބޮޑު ބޭނުމަކީ ވެސް އަޅުގަނޑުމެންނަށް ރާއްޖެ މި އަންނަ ފްލައިޓުތަކުގެ ބެލީތައް ފުރާލައިގެން ރާއްޖޭން ބޭރަށް ގެންދާ އުފެއްދުންތެރިކަން އިތުުރު ޒުވާނުންނަށް ފުރުސަތު ހޯދައިދީ އެ ތަކެއްޗަށް ރަނގަޅު އަގު ހޯދައިދިނުން،" ޝައިނީ ވިދާޅުވި އެވެ.
މޯލްޑިވިއަން އިން މިހާރުވެސް ޗައިނާގެ ބެއިޖިން އާއި ޗެންގްޑޫ އަށް ދަތުރުކުރެ އެވެ. އަދި އަންނަ މަހު ޒިޔާން އާއި ޗަންޝާ އަދި ނަންޖިން ސިޓީ އަށް ދަތުރުތައް ފަށާނެ އެވެ.
ރަޝިޔާ ވިޝަން ކިޔާ ކުންފުންޏަކާ އެކު މިދިޔަ ސެޕްޓެމްބަރު މަހު ކުރި އެއްބަސްވުމެއްގެ ދަށުން ގެނައި ބޯޓު ޗައިނާގެ ދަތުރުތަކަށް ހާއްސަ ވިޔަސް އިންޑިއާގެ ޗެންނާއީ އާއި ބަންގްލަދޭޝްގެ ޑާކާ އަށް ދަތުރު ކުރުމަށް ވެސް ބޭނުންކުރާނެ އެވެ.