މުހައްމަދު އަސްލަމް

އެންމެ ގިނަ ބަޔަކު ފެރީ ހިދުމަތް ހޯދީ ސިއްހީ ފަރުވާއަށް: އަސްލަމް

May 17, 2022

އިންޓަގްރޭޓެޑް ފެރީ ނިޒާމުގެ ހިދުމަތް މިހާތަނަށް ބޭނުންކުރި މީހުންގެ ތެރެއިން އެންމެ ގިނަ ބަޔަކު އެ ހިދުމަތް ހޯދީ ބޭސް ފަރުވާ ހޯދުމަށް އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމަށް ކަމަށް ޕްލޭނިން މިނިސްޓަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ އެމްޓީސީސީއާ ހަވާލުކޮށްގެން މިމަހުގެ ދެވަނަ ދުވަހު ފެށި އިންޓެގްރޭޓެޑް ފެރީ ނިޒާމުގެ ހިދުމަތް ގިނަ ބަޔަކު ބޭނުންކުރީ ބޭސް ފަރުވާ ހޯދުމަށް އެއް ރަށުން އަނެއް ރަށަށް ދިއުމަށް ކަމަށެވެ. އެގޮތުން 11 ދުވަހުގެ 3،000 އަށް ވުރެ ގިނަ މީހުން ފެރީގެ ހިދުމަތް ހޯދާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

"މޫދަށް އެރިލަންވެސް މީހުން ގޮސްފައި އެބަހުރި [ފެރީގައި]. ކުޅުދުއްފުށި މީހުން މޫދަށް އެރިލަންވެސް އެސަރަހައްދުގެ އެހެން ރަށްރަށަށް ދަތުރުކޮށްފަ އެބަހުރި. މި ފެރީގެ ހިދުމަތަކީ ދިރިއުޅުމުގެ ބައެއްގެ ގޮތުގައި މިކަން ވާން އެބަޖެހޭ. އެއްރަށެއްގެ ބިން ކުޑަވެގެން މޫދަށް އެރޭ ތަން ނެތިގެން މިހާރު އުޅޭކަށް ނުޖެހޭނެ،" އަސްލަމް ވިދާޅުވި އެވެ.

އިންޓެގްރޭޓެޑް ފެރީ ނިޒާމުގެ ހިދުމަތް އެންމެ ފުރަތަމަ ފެށުމަށް ހަމަޖެހިފައިވާ ހއ. އަތޮޅާއި ހދ. އަތޮޅުގެ އިތުރުން ށ. އަތޮޅަށް ނިސްބަތްވާ ޖުމުލަ 40 ރަށް ހިމެނޭ ޒޯނުގަ އެވެ. ފެރީ ނިޒާމަށް ރައްޔިތުން އަހުލުވެރިކުރުމުގެ ގޮތުން މިވަގުތު ހިދުމަތް ދެނީ ހަމައެކަނި ހދ. އަތޮޅުގެ ރަށްތަކަށެވެ.

މިނިސްޓަރު ވިދާޅުވީ ޖުލައި މަހުގެ ކުރިން އެންމެ އުތުރުގެ ތިން އަތޮޅަށް އިންޓެގްރޭޓެޑް ފެރީ ނިޒާމުގެ ހިދުމަތް ފަށާނެ ކަމަށެވެ. ހދ. އަތޮޅުގައި މިވަގުތު ފެރީ ދަތުރުތަކަށް އެއްވެސް އަގެއް ނުނެގި ނަމަވެސް ވަރަށް އަވަހަށް އެ ދަތުރުތަކަށް އަގު ނަގާނެ ކަމުގައިވެސް ވިދާޅުވި އެވެ.

އަސްލަމް ވަނީ ފެރީގެ ހިދުމަތަކީ ދިރިއުޅުމުގެ ބައެއްގެ ގޮތުގައި ހަމަޖެއްސުމަށާއި ފެރީގައި އެއް ރަށުން އަނެއް ރަށަށް ދަތުރުކޮށް ރަށްރަށުގެ ގުޅުން ބަދަހިކުރުމަށްވެސް އެދިވަޑައިގެންފަ އެވެ.

އިންޓެގްރޭޓެޑް ފެރީ ނިޒާމުގެ ހިދުމަތް ދިނުމަށް އެމްޓީސީސީން ގެންގުޅޭ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)ގެ ފްލީޓްގައި ހިމެނޭ ދުވެލި ބާރު ފެރީ ތަކަކީ 50 މީހުންގެ ޖާގަ ހިމެނޭ އަދި ޕަސެންޖަރުންނަށް ފަސޭހަކަމާ އެކު ތިބެވޭ އުޅަނދުތަކެކެވެ. ފެރީތަކުގައި މޯބައިލް ފޯން ޗާޖު ކުރެވޭނެ ގޮތާއި ފާހާނާ އާއި ލަގެޖަށް ހާއްސަ ކުރެވިފައިވާ ޖާގަ ވެސް ހުރެ އެވެ.