ކޮމަންވެލްތުގައި ހިމެނޭ ގައުމުތަކުގެ ހެލްތު މިނިސްޓަރުންގެ ބައްދަލުވުން މިއަދު ފަށައިފި އެވެ.
ކޮންމެ އަހަރަކުވެސް ވޯލްޑް ހެލްތު އެސެމްބްލީގެ ކުރިން ބާއްވަމުން ގެންދާ މިބައްދަލުވުން ކުރީ އަހަރެކޭ އެއްގޮތަށް މިއަހަރު ވެސް ބާއްވަނީ ވާޗުއަލްކޮށެވެ.
ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މިބައްދަލުވުމުގައި ރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނެވީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހް އަބްދުﷲ މާހިރު އެވެ. މީގެ އިތުރުން ޑިރެކްޓާ ޖެނެރަލް ފޯ ހެލްތު ސާވިސަސް ޑރ. އަހްމަދު އަޝްރަފާއި އެސިސްޓެންޓް ޑިރެކްޓަރު ފާތިމަތު ލިމްޔާ ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.
މިބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރަނީ ކޮވިޑް 19 އިން ދަސްވި ކަންކަމާއި، ކޮވިޑުން އަރައިގަނެ އާންމު ހާލަތަށް ދެވޭނެ ގޮތްތަކާއި، ގައުމުތަކުގެ ސިއްހީ ކަންކަން އިތުރަށް ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުންނެވެ.
މިބައްދަލުވުމުގައި ޝާހް މާހިރު ދެއްކެވި ވާހަކަފުޅުގައި ވަނީ ކޮވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމަށްޓަކައި ރާއްޖެއިން ކުރި ބުރަ މަސައްކަތާއި، މިފަދަ ކަންކަމުން އަރައިގަތުމަށްޓަކައި އަޅަންޖެހޭ މުހިއްމު ފިޔަވަޅުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފަ އެވެ. ކުދި އަދި މެދު ފަންތީގެ ގައުމުތަކުގެ އިގްތިސޯދަށް ކޮވިޑް-19ގެ ސަބަބުން ކުރިމަތިވި ނޭދެވޭ އަސަރުތައް ފާހަގަކޮށް މިފަދަ ކަންކަމުން އަރައި ގަތުމަށާއި، ކުރިއަށް އޮތް ދުވަސްތަކުގައި ކުރިމަތި ވެދާނޭ މިފަދަ ކާރިސާ ތަކުން ރައްކާތެރިވުމަށް ދުރާލާ އަދިވެސް މަސައްކަތް ކުރަންޖެހިދާނެ ކަމަށްވެސް ވިދާޅުވި އެވެ.
މިބައްދަލުވުމުގައި ކުރިއަށް ގެންދިޔަ ބްރޭކްއައުޓް ސެޝަނެއްގައި އެހެން ގައުމުތަކުން ކޮވިޑް-19ގެ ހާލަތު މެނޭޖުކުރުމަށް އަމަލު ކުރަމުންގެންދާ ގޮތާއި، ކޮވިޑް-19 ފަދަ ސިއްހީ ބޮޑެތި ކާރިސާތަކުގައި ދިފާއީ ނިޒާމު ވަރުގަދަ ކުރުމަށްޓައި އަޅަންޖެހޭ ފިޔަވަޅުތަކާއި، ކޮވިޑް-19ގެ ސަބަބުން ނަފްސާނީ ދުޅަހެޔޮކަމަށް ކުރާ އެކިއެކި އަސަރުތަކާއި އެކަމުން ރައްކާތެރިވުމަށް ގައުމުތަކުން އެކުލަވާލާފައިވާ ސްޓްރެޓެޖިކް ޕްލޭންތަކުގެ މައުލޫމާތު ހިއްސާކޮށްފައިވެ އެވެ. އެކަންކަމުގައި ރާއްޖޭގެ ފަރާތުންވެސް ރާއްޖޭގެ ތަޖުރިބާ ހިއްސާކޮށްފައިވެ އެވެ.
މިބައްދަލުވުމުގައި ކޮމަންވެލްތުގެ ހެލްތު މިނިސްޓަރުންނާއި ހެލްތު ދާއިރާގެ އިސް ފަރާތްތަކާ ދެމެދު ސިއްހަތާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާތައް ކުރިއަށް ގެންދާނެ އެވެ. މިބައްދަލުވުމުގައި މިނިސްޓީރިއަލް އައުޓްކަމް ސްޓޭޓްމަންޓަށް މެމްބަރު ގައުމުތަކުގެ ހެލްތު މިނިސްޓަރުން އެއްބަސްވެވަޑައިގަންނަވާނެ ކަމަށް ރާއްޖޭގެ ހެލްތު މިނިސްޓްރީން މައުލޫމާތު ދީފައިވެ އެވެ.