ރާއްޖެއަށް މިހާތަނަށް 23 އެއާލައިންއަކުން ދަތުރު ކުރަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިހާރު ރާއްޖެއަށް 23 އެއާލައިން އަކުން ދަނީ ދަތުރު ކުރަމުންނެވެ.
މި އެއާލައިންތަކުގެ ތެރޭގައި ދުނިޔޭގެ މަޝްހޫރު ގިނަ އެއާލައިންތަކެއްވެސް ހިމެނެ އެވެ. މިގޮތުން އެންމެ ގިނައިން މިހާރު ރާއްޖެ އަށް ފްލައިޓް އަޅަމުންދަނީ އެމިރޭޓްސް އެއާލައިން އާއި ގަތަރު އެއާވޭސް އެވެ.
ރާއްޖެ އަށް މިހާރު އެންމެ ގިނައިން ދަތުރުތައް ބާއްވަމުންދާ ސަރަހައްދަކީ ޔޫރަޕާއި މެދުއިރުމައްޗެވެ. އަދި އެންމެ ގިނައިން އެއް ގައުމަކުން އެއާލައިން އަންނަނީ ރާއްޖޭގެ ޓޫރިޒަމްގެ ދެވަނަ މަގާމުގައި އޮތް އިންޑިއާ އެވެ. އެ ގައުމުން ރާއްޖެއަށް ހަތަރު އެއާލައިންއަކުން އުދުހެމުންދެ އެވެ.
އޭޝިއާގެ އެކި ބައްރުތަކުގެ ގައުމުތަކުގެ ބޯޑަރު ހުޅުވަމުން ދިއުމާއެކު ގިނަ ގައުމުތަކުން ދަނީ ރާއްޖެ އަށް ދަތުރު ފަށަމުންނެވެ. އެންމެ ފަހުން އާސިއާންގެ ގައުމުތަކާއި ރާއްޖެއާ ދެމެދު ގުޅާލާފައިވާ އެއް އެއާލައިންއަކީ މަޝްހޫރު ބަޖެޓް އެއާލައިން އެއާ އޭޝިއާ އެވެ. އަދި އެންމެ ފަހުން ރާއްޖެއަށް ދަތުރު ފަށާފައިވަނީ ރަޝިއާގެ މޮސްކޯއިން ރާއްޖެއަށް ފެށި އޭރޯޕްލޯޓް އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ މިހާތަނަށް 628،709 ޓޫރިސްޓުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އައި 481,579 ޓޫރިސްޓުންނާ އަޅާ ބަލާއިރު 47 ޕަސެންޓުގެ އިތުރުވުމެކެވެ.