ޓޫރިސްޓް އެރައިވަލް

2023ގެ އަމާޒު: ދެ މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުން

Sep 29, 2022

ފަތުރުވެރިކަމުގެ ދާއިރާއަށް ސަރުކާރުން ކަނޑައަޅާފައިވާ އަންނަ އަހަރުގެ އަމާޒަކީ ދެ މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުން ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމު ވިދާޅުވެެއްޖެ އެވެ.

މިނިސްޓަރު މައުސޫމް މިހެން ވިދާޅުވީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކްގެ 55 ވަނަ އަހަރީ ބައްދަލުުވުގެ ސެމިނާއެއްގައި ވާހަކަދައްކަވަމުންނެވެ.

ސަރުކާރުގެ މިއަހަރުގެ އަމާޒަކީ 1.6 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނެސް 13 މިލިއަން ބެޑް ނައިޓްސް ހެދުމެވެ. ފަތުރުވެރިންގެ ތަފާސްހިސާބަށް ބައްލަވައި މިއަހަރުގެ އަމާޒު ހާސިލްވާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވަ އެެވެ.

ޑރ. މައުސޫމް ވިދާޅުވީ ސަރުކާރުން މިހާރު އަމާޒު ހިފާފައިވަނީ އަންނަ އަހަރު ދެ މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނެސް 14.5 މިލިއަން ނައިޓްސް ހެދުމަށެވެ.

ކޮވިޑް 19 އާއި ގުޅިގެން މާޗް 27، 2020 ގައި ރާއްޖޭގެ ބޯޑަރު ސަރުކާރުން ބަންދުކުރި އެވެ. އޭގެފަހުން އަލުން ބޯޑަރު ހުޅުވާލި ޖުލައި 15، 2020 ގައެވެ.

ބޯޑަރު ހުޅުވާލުމަށްފަހު ސަރުކާރުން ވަނީ ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށްޓަކައި ދުނިޔޭގެ އެކި ގައުމުތަކުގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ވަރަށް ގިނަ ހަރަކާތްތައް ކުރިއަށް ގެންގޮސްފަ އެވެ.

މިނިސްޓަރު މައުސޫމް މިއަދު ވިދާޅުވީ ކޮވިޑް 19ގެ ކުރީގައި އޮތް ހާލަތަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ތަފާސްހިސާބުތައް އެއްހަމަކުރެވޭ ހިސާބަށް ގެންދެވިފައިވަނީ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭފުޅުންގެ ބުރަ މަސައްްކަތުން ކަމަށެވެ.

"ރާއްޖެއަށް ލޯބިޖެހިފައިވާ ވަފާތެރި ފަތުރުވެރިން ކޮވިޑަށްފަހު އިތުރުވުމަކީ ވެސް ކުރީގެ ހާލަތަށް ބަދަލުވުމުގައި އެހީވެދިން ކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ.

އަންނަ އަހަރު ދެ މިލިއަން ފަތުރުވެރިން ގެނައުމަށް ސަރުކާރުން އަމާޒު ކަނޑައަޅާފައި މިވަނީ ކޮވިޑަށްފަހު ފުރަތަމަ ފަހަރަށް ޗައިނާގެ ފަތުރުވެރިން ރާއްޖެއަށް އަންނަން ތައްޔާރުވަމުން ދަނިކޮށެވެ. ކޮވިޑް އައުމާ ހަމައަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައީ ޗައިނާ އިންނެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ މުސްތަގުބަލް ފެންނަނީ އުޖާލާކޮށް ކަމަށާއި ފަތުރުވެރިކަމުގެ ދާއިރާ އިން ލިބޭ އާމްދަނީ އިތުރުކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް މިނިސްޓަރު މައުސޫމުގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފަ އެވެ.