ޑރ. ހުސައިން ރަޝީދު ހަސަން

މިފްކޯއަށް ގެއްލުންވާ ގޮތަށް މަސް ގަތުމަކީ ހަމައަގެއް ނޫން: މިނިސްޓަރު

May 18, 2022
1

ސަރުކާރުގެ މަސް ކުންފުނި -- މިފްކޯ އަށް ގެއްލުންވާ ގޮތަށް މަސް ގަތުމަކީ މަސްވެރިންނަށް ހަމަ އަގު ހޯދައިދެވެނީ ނޫން ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވަނީ މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދައިދޭނެ ކަމަށް ސަރުކާރުން ބުނާ ބުނުން މާނަކޮށްދެއްވާފަ އެވެ. އެގޮތުން މަހުގެ ހަމަ އަގުގެ މައްސަލައިގައި މިނިސްޓަރު ވިދާޅުވީ ހަމަ އަގު އެންމެންނަށްވެސް އެނގެން އެބަޖެހޭ ކަމަށެވެ. ހަމަ އަގަކީ އިނގިރޭސ ބަހުން ކިޔާ "ފެއާ ޕްރައިސް"ތޯ ވެސް މިނިސްޓަރު އެއްސެވި އެވެ.

"ގޫގުލްއަށް ވަޑައިގެން ބައްލަވާލެއްވިޔަސް ފެއާ ޕްރައިސްގެ މި ދެންނެވި ޑެފިނިޝަންގައި ހިމެނޭނީ އެ އަގަކަށް ވާންޖެހޭނެއޭ ޕްރައިމަރީ ޕްރޮޑިއުސާޒްއަށް އެ އެއްޗެތި އުފައްދާ މީހުންނަށް އެ އުފައްދާފައި އެ އުފެއްދުމުގެ ހަރަދުތަކުގެ އިތުރުން އެކަށީގެންވާ އާމްދަނީއެއް ލިބޭ އަގަކަށް ވާންޖެހޭނެއޭ. އެވަރުގެ މާޖިންއެއް އޮންނަންޖެހޭނެއޭ،" ހަމަ އަގު މާނަކުރުމުގައި ބަލަންވީ ގޮތްތަކެއް ހިއްސާކުރައްވަމުން މިނިސްޓަރު ވިދާޅުވި އެވެ.

ޑރ. ހުސައިން ވިދާޅުވީ އެއްޗެއްގެ ޕްރައިމަރީ ޕްރޮޑަކްޓް ގަނެގެން ސެކަންޑްރީ ޕްރޮޑަކްޓްގެ ގޮތުގައި އެއްޗެއް ޕްރޮސެސްކޮށް އުފައްދައިގެން އެ އެއްޗެއް އެހެން މާކެޓަށް ވިއްކައިގެން އެ މީހަކަށް ފައިދާ ލިބޭ މިންވަރަކަށް އަގު އޮތުން އެއީވެސް ހަމަ އަގުގެ ގޮތުގައި ބަލަންޖެހޭ ކަމަށެވެ. ހަމަ އަގު މާނަކޮށްދެއްވުމަށްފަހު މިނިސްޓަރު ވިދާޅުވީ މިއަދު މަސްވެރިންގެ އަތުން މަސް ގަންނަނީ ހަމަ އަގުގައި ނޫން ކަމަށެވެ.

"އެހެން އަޅުގަނޑު މިދަންނަވަނީ މިއަދު މިވާހަކަ ދައްކާއިރުގައި އަޅުގަނޑުމެން އެކްސްޕޯޓް ކުރާ މަހުން މިއަދުވެސް އެވްރެޖުކޮށް އަޅުގަނޑުމެންނަށް 281 ޑޮލަރު ގެއްލުން ވަމުންދާތީ މިފްކޯއަށް އިނގެތޯ؟ އެހެންވީމާ ކޮސްޓް އޮފް ޕްރޮޑަކްޝަނަށް ވުރެ މާކެޓް ޕްރައިސް މާދަށް،" ޑރ. ހުސައިން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ގެއްލުމުގައި މިފްކޯ އިން މަސް ގަންނާތީ އެ ކުންފުނިން މަސް ގަތުމުގެ އޮޕަރޭޝަން ހިންގަނީ ސަރުކާރުން ސަބްސިޑީ ދީގެން ކަމަށެވެ.

"އެއަށް އަޅުގަނޑުމެން ފެއާ ޕްރައިސް ކިއަންޔާ އެއީ ފެއާ ޕްރައިސް ކަމަށް ވެދާނެ. އެކަމަކު އަޅުގަނޑަށް ހީވަނީ އެއީ ފެއާ ޕްރައިސްގެ ނުވަތަ ހަމަ އަގުގެ ޑެފިނިޝަންގައި ހިމެނޭ ކަމެއް ނޫންހޭ" މިނިސްޓަރު ވިދާޅުވި އެވެ.

އެމްޑީޕީގެ މެނިފެސްޓޯގައި ހިމެނޭ ގޭދޮށު މަސް ފެކްޓަރީތައް އެޅުމުގެ މައްސަލައިގައި މިނިސްޓަރު ވިދާޅުވީ ރަށްރަށުން ބިން ހަމަޖެހޭ ވަރަކުން އެ މަސައްކަތްތައް ކުރަމުންދާނެ ކަމަށެވެ. ބައެއް ގޭދޮށު މަސް ފެކްޓަރީތައް އެޅުމުގެ މަސައްކަތް ހިނގަމުންދާ ކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ އެ މަސައްކަތްތައް އަވަސް ކުރުމަށް ސަރުކާރުން ކުރަންޖެހޭ ކަންކަން ކުރާނެ ކަމަށެވެ.