ކްރިމިނަލް ކޯޓް

އައިއެސްގެ އިސް މީހާގެ އަޑުއެހުންތައް ފަށައިފި

ދިވެހި ފުލުހުންގެ ހިދުމަތާއި ޔޫރަޕިއަން ޔޫނިއަންގައި ހިމެނޭ ދެ ގައުމެެއްގެ އިދާރާއަކާއި އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މިދިޔަ ޖެނުއަރީ މަހު ހައްޔަރުކޮށް ދައުވާކޮށްފައިވާ ހަރުކަށި ފިކުރު ފަތުރާ އިސްލާމިކް ސްޓޭޓް (އައިއެސް)ގެ އިސް ދިވެހި މީހާ، ވ. ދެލްވައްތަ، ހޫދު މުހައްމަދު ޒާހިރުގެ އިބްތިދާއީ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ފަށައިފި އެވެ.

މި މައްސަލައިގައި މިއަދު ވަނީ އިބްތިދާއީ އަޑުއެހުމެއް ބާއްވާފަ އެވެ. މި އަޑުއެހުމަށް ހޫދު އައިސްފައިވަނީ ދިފާއީ ވަކީލަކާއެކު އެވެ. އެކަމަކު އިއްޔެ ވަކީލު އައްޔަނުކޮށްފައިވާތީ ލިޔެކިޔުންތައް ހަމަނުވާ ކަމަށް ދިފާއީ ވަކީލް ޝީނާ މުހައްމަދު ވަނީ ވިދާޅުވެފަ އެވެ. އެހެންކަމުން ގާޒީ މުހައްމަދު މިސްބާހު ނިންމެވީ ލިޔެކިޔުންތައް ހަމަވުމުން އަޑުއެހުމެއް ބޭއްވުމަށެވެ. އެކަމަކު ދެން އަޑުއެހުމެއް ބާއްވާނެ ދުވަސް ވިދާޅެއް ނުވެ އެވެ.

މީގެ ކުރިން ބަންދު މުރާޖާ އަޑުއެހުމެއްގައި އޭނާ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކޯޓުން ވަނީ ނިންމާފަ އެވެ.

އެ މަޖިލީހުގައި ހޫދު ވަނީ އޭނާގެ މައްޗަށް ދައުލަތުން ކުރާ ތުހުމަތުތަކަށް އިންކާރުކޮށްފަ އެވެ. އޭނާ ބުނެފައިވަނީ ޓެރަރިޒަމްގެ އަމަލެއް އޭނާ ހިންގާފައި ނުވާނެ ކަމަށާއި އެފަދަ އަމަލެއްގައި ބައިވެރިވެފައި ވެސް ނުވާނެ ކަމަށެވެ.

ހޫދު ބުނި ގޮތުގައި އޭނާ އަކީ ކޮމްޕިއުޓާ ސައިންސް އެނގޭ މީހެއް ނޫނެވެ. އެކަމަކު އޭނާ އަކީ މައުލޫމާތު ހޯދާ އެއްކުރާ މީހެއް ކަމުން، އައިއެސްއާ ގުޅުންހުރި މައުލޫމާތުތައް އޭނާގެ ފޯނުގައި ހުރެދާނެ ކަމަށެވެ. ނަމަވެސް ތުހުމަތު ކުރެވޭވަރަށް ދައުލަތުން ހެކި ހުށަހަޅާފައިވާތީ ގާޒީ އެ ދުވަހު ނިންމެވީ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށެވެ.

ހޫދުގެ މައްޗަށް އުފުލާފައިވާ ދައުވާތައް

  • އިންޓަނެޓް މެދުވެރިކޮށް ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރުދިނުމުގެ ކުށުގެ ދައުވާ
  • އިންޓަނެޓް މެދުވެރިކޮށް ޓެރަރިސްޓް ޖަމާއަތެއްގެ ލިޔެކިޔުންތައް ފެތުރުން
  • ޓެރަރިސްޓް ޖަމާއަތެއްގެ މެންބަރަކަށްވުން
  • ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުން
  • ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަން ދޭހަވާ ފަދަ ލިޔުމެއް ނުވަތަ ކުރެހުމެއް ނުވަތަ ފޮޓޯއެއް ގެންގުޅުން

އެދުވަހު ދައުލަތުން ބުނެފައިވަނީ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި އެކި އެކައުންޓްތަކުން އައިއެސް ޖަމާއަތައް ތާއީދުކޮށް، އެ ޖަމާއަތުގެ ލިޔެކިއުންތަކާއި ފޮޓޯއާއި ވީޑިއޯ އިންޓަނެޓް މެދުވެރިކޮށް ފަތުރައި ޝާއިއުކޮށް އަދި ޓެރަރިޒަމްގެ އަމަލެއް ރާވައި ހިންގައިފާނެ ކަމުގެ އިންޒާރު ދެމުންދާ ކަމުގެ ތުހުމަތު އޭނާގެ މައްޗަށް އެބައޮތް ކަމަށެވެ. އެގޮތުން ޓެލެގްރާމް އަދި އެ ނޫންވެސް އެންކްރިޕްޓް ކޮށްފައިވާ މެސެޖިން ޕްލެޓްފޯމްތަކުގައި "ސްކާމިޝް" އާއި "ސްކާމިޝްކިޑް" ފަދަ ނަންނަމުގައި އެކައުންޓްތައް ހަދައިގެން ހަރުކަށި ފިކުރު ފަތުރާކަމުގެ ތުހުމަތު އޭނާގެ މައްޗަށް ވަނީ ކޮށްފަ އެވެ.

ހޫދަކީ އައިއެސްގެ ހަބަރު ފަތުރާ މީޑިއާ އޮޕަރޭޓްކުރާ މެންބަރެއްގެ ހައިސިއްޔަތުން މަސައްކަތްކުރާ މީހެއް ކަމަށްވެސް ދައުލަތުން ފާހަގަކޮށްފައިވެ އެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ ހަވަނަ ދުވަހު އެވެ. މި މައްސަލައިގެ ތަހުގީގަށް ބޭރުގެ އެކި ގައުމުތަކުގެ އިންޓެލިޖެންސް އޭޖެންސީތަކާއި، ތަހުގީގީ އިދާރާތަކުގެ އެހީތެރިކަން ލިބިފައިވާ ކަމަށް ދައުލަތުން ބުނެފައިވެ އެވެ. އެގޮތުން އެފްބީއައިގެ އިތުރުން އިޓަލީ ފުލުހުންނާއި ޔޫރަޕުގެ އެހެން ގައުމެއްގެ ފުލުހުން މި އޮޕަރޭޝަނުގައި ބައިވެރިވެފައިވެ އެވެ.