މޯލްޑިވްސް ކަސްޓަމްސް ސާވިސް

ރާއްޖެ އައި އެމެރިކާ މީހެއްގެ އަތުން ދެ ކިލޯއަށް ވުރެ ގިނަ ހެރޮއިން އަތުލައިގެންފި

May 18, 2022

ވައިގެ މަގުން ބްރެޒިލް އިން ރާއްޖެއައި އެމެރިކާގެ ރައްޔިތެއްގެ އަތުން މަސްތުވާތަކެތި އަތުލައިގަނެފި އެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނީ މަސްތުވާތަކެތި އަތުލައިގަނެފައިވަނީ މިމަހުގެ 11 ވަނަ ދުވަހު ރާއްޖެއައި މީހެއްގެ އަތުން ކަމަށެވެ.

އެ މީހާއާ މެދު ޝައްކުކުރެވިގެން އޭނާގެ ލަގެޖް ބަލައި ފާސްކުރުމުގެ ތެރޭގައި ޝައްކު ކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން، އިތުރަށް ބަލައި ފާސްކުރުމުގެ ތެރޭގައި އެއީ މަސްތުވާތަކެތި ކަމަށް ޔަގީންކުރެވުނު ކަމަށް ކަސްޓަމްސް އިން މައުލޫމާތުދެ އެވެ.

ކަސްޓަމްސް އިން ބުނީ އަތުލައިގަނެވުނު ތަކެތި ފުރަތަމަ މަރުހަލާގައި ތަހުލީލުކުރިއިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިން އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

މިމައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 2.064 ކިލޯ ހުއްޓެވެ. މިތަކެތީގެ މަގުމަތީ އަގު 10 މިލިއަން ރުފިޔާ އަށް އަރާ ކަމަށްވެސް ކަސްޓަމްސް އިން ބުނެ އެވެ.

މިމައްސަލައިގައި ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންދިޔަ މީހާ އާއި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފަ އެވެ.