ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު ޖުމްލަ 5.9 ކިލޯގްރާމްގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް އިން އަތުލައިގަނެފި އެވެ.
މިތަކެތި އަތުލައިގަނެފައިވަނީ ރާއްޖެ ގެނެސްފައިވާ އެއާފްރައިޓް ޝިޕްމަންޓެއް ބަލައިފާސްކުރުމުގެ ތެރޭގައި ޝައްކުކުރެވޭ ޒާތުގެ ބާވަތްތަކެއް ހުރުމުން އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ.
މި ގޮތުން އޮކްޓޫބަރު 31 ވަނަ ދުވަހު ބެންކޮކުން ރާއްޖެ ގެނެސްފައިވާ އެއާފްރައިޓް ޝިޕްމަންޓެއް ބަލައިފާސްކުރުމުގެ ތެރޭގައި އެ ޝިޕްމަންޓުގައި މަސްތުވާތަކެތި ފޮރުވާފައި ހުރި ކަމަށް ކަސްޓަމްސްއަށް ޝައްކުކުރެވިގެން އިތުރަށް ބެލިބެލުމުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ވަނީ ފެނިފަ އެވެ.
ކަސްޓަމްސް އިން ބުނި ގޮތުގައި ފުރަތަމަ މަރުހަލާގައި މިތަކެތި ތަހުލީލުކުރި އިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެތިނޯންގެ 416 ގްރާމް އަދި 5،520 ގްރާމްގެ ކެނެބިސް އަށް ވަނީ ޕޮޒިޓިވްވެފަ އެވެ.
މިތަކެތީގެ މަގުމަތީ އަގު 3.3 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް ކަސްޓަމްސް އިން ބުނެ އެވެ.
މި މައްސަލައިގައި އަތުލައިގަތް މަސްތުވާތަކެއްޗާއި މައްސަލައިގައި ޝާމިލުވާ ކަމަށް ތުހުމަތު ކުރެވޭ 45 އަހަރުގެ ދިވެހި ފިރިހެން މީހާ ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފަ އެވެ.