ޒިޔާދާ ނައީމް

އޮޓޯޕްސީއަށް ޒިޔާދާގެ ހަށިގަނޑު ގެންދެވޭނެ ދުވަހެއް އަދި ނޭނގެ: ފުލުހުން

ޖިންސީ އަނިޔާތަކެއް ލިބުމުގެ ސަބަބުން އައިޖީއެމްއެޗްގައި ފަރުވާދެމުންދަނިކޮށް މަރުވި ގދ. ތިނަދޫ ޒިޔާދާ ނައީމްގެ ހަށިގަނޑުގެ އޮޓޯޕްސީ ހަދަން ރާއްޖެއިން ބޭރަށް ގެންދިއުމުގެ އިންތިޒާމްތައް އަދި ވެސް ހަމަނުޖެހޭ ކަމަށް ފުލުހުން ބުނެފި އެވެ.

ޒިޔާދާގެ މަރުގެ މައްސަލާގަ ފުލުހުންގެ ތަހުގީގަށް ބޭނުންވާ މައުލޫމާތު ހޯދުމަށް، ޒިޔާދާގެ ހަށިގަނޑުގެ އޮޓޯޕްސީއެއް ހަދަން ނިންމައި އެކަން ފުލުހުން އިއުލާން ކުރީ މިދިޔަ އަންގާރަ ދުވަހު އެވެ.

"އަވަސް" އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ޕޯސްމޯޓަމް ހަދަން ޒިޔާދާގެ ހަށިގަނޑު ބޭރަށް ގެންދާނެ ދުވަހެއް އަދިވެސް ބުނަން ނޭނގޭ ކަމަށެވެ. އެކަން ކުރާނެ ހޮސްޕިޓަލެއް ވެސް އަދި ހަމަ ނުޖެހޭ ކަމަށެވެ.

"އަޅުގަނޑުމެން މިދަނީ އެކަމަށް ބޭނުންވާ ތައްޔާރީތައް ހަމަޖައްސަމުން. ހަށިގަނޑު ގެންދަނީ މިވެނި ހޮސްޕިޓަލަކަށް މިވެނި ދުވަހެއްގައޭ ބުނަން އަދި ނޭނގެ. އެކަން ފަސޭހައިން ކުރެވޭނެ ރަނގަޅު ހޮސްޕިޓަލަކަށް އަޅުގަނޑުމެން ހަށިގަނޑު ގެންދަން ބޭނުންވަނީ،" އިސްމާއިލް ވިދާޅުވި އެވެ.

އޮޓޯޕްސީ ނުވަތަ ޕޯސްމޯޓަމް އަކީ މީހަކު މަރުވުމުން އެ މީހެއްގެ މަރުގެ ހަގީގަތް ބެލުމަށް ކުރާ ކަމަކަށް ވުމުން، އެކަން ވީ އެންމެ އަވަހަކަށް ކުރުމަކީ ތަޖުރިބާކާރުން ލަފާދޭ ގޮތެވެ. ސަބަބަކީ މީހާ މަރުވުމަށްފަހު 72 ގަޑިއިރުގެ ތެރޭގައި ހަށިގަނޑު ކުނިވާން ފަށާނެ ތީއެވެ. އެހެންކަމުން އެންމެ ރަނގަޅު ގޮތަކީ މައްޔިތާ މަރުވުމަށްފަހު 24 ގަޑި އިރުގެ ތެރޭގައި އޮޓޯޕްސީ ހެދޭ ގޮތް ފަހިވެފައިވާ ނަމަ އެކަން ކުރުމެވެ. ނަމަވެސް މަރުވުމަށްފަހު ދެތިން ދުވަހުގެ ތެރޭގައިވެސް އޮޓޯޕްސީ ހަދައެވެ.

ފިރިމީހާގެ ފަރާތުން ލިބުނު ޖިންސީ އަނިޔާތަކެއްގެ ސަބަބުން މަރުވިކަމަށް ބެލެވޭ ޒިޔާދާގެ މަރުގެ ހަގީގަތް ހޯދަން، ހަށިގަނޑުގެ އޮޓޯޕްސީއެއް ހަދަން ފުލުހުން ތައްޔާރުވަމުންދާއިރު، ޒިޔާދާގެ ފިރިމީހާގެ އާއިލާއިން ބުނަމުންދަނީ އޭނާ މަރުވީ ޖިންސީ އަނިޔާތަކުގެ ސަބަބުން ނޫން ކަމަށެވެ. އަދި ފިރިމީހާ ޝާހު ޒިޔާދާއަށް އަނިޔާ ނުކުރާ ކަމަށެވެ.

އެ މައްސަލާގައި ފުލުހުން ބުނީ، ޒިޔާދާއަށް ލިބިފައިވަނީ ގުދުރަތީ ޒަހަމްތަކެއް ނުވަތަ ގެއްލުންތަކެއް ނޫން ކަމަށް، އައިޖީ އެމްއެޗާއި، ޔަގާނެގި ކްލިނިކުން ޒިޔާދާ ބެލި ޑޮކްޓަރުން ފުލުހުންނަށް ބުނެފައިވާ ކަމަށެވެ. އަދި ރިޕޯޓްތަކުންވެސް އެކަން އެނގޭ ކަމަށެވެ.