ހަބަރު

ޝާހު މަރުވީ ހާޓް އެޓޭކެއް ޖެހިގެން: ހޮސްޕިޓަލް

ފިރިމީހާގެ ފަރާތުން ލިބުނު ޖިންސީ އަނިޔާތަކަކާ ގުޅިގެން ފަރުވާ ހޯދަމުން ދަނިކޮށް މަރުވި ގދ. ތިނަދޫ ޒިޔާދާ ނައީމްގެ ފިރިމީހާ އިބްރާހިމް ޝާހް މަރުވީ ހާޓް އެޓޭކެއް ޖެހިގެން ކަމަށް ގއ. އަތޮޅު ހޮސްޕިޓަލުން ބުނެފި އެވެ.

ޝާހު މަރުވެފައި ވަނީ މަހަށް ގޮސް ހުއްޓާ ރޭގެ ވަގުތެއްގަ އެވެ. އެންމެ ފުރަތަމަ ޝާހުގެ ހަށިގަނޑު ގެންދިޔައީ ގއ. ވިލިނގިލީގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލަށެވެ.

އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު ޝަރީފް އަހުމަދު އަވަސް އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ ޝާހު މަރުވެފައި ވަނީ ހާޓްއެޓެކެއް ޖެހިގެން ކަމަށް ޑޮކްޓަރުން ވިދާޅުވި ކަމަށެވެ. އަދި އޭނާގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް އަނިޔާއެއް ފެންނަން ނެތް ކަމަށާއި ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އޭނާ މަރުވެފައިވާ ކަމަށެވެ.

ޝަރީފް ވިދާޅުވީ މަރު ސާބިތު ކުރުމުން އާއިލާއިން ޝާހުގެ ހަށިގަނޑު އޭނާގެ ރަށް، ތިނަދުއަށް ގެންގޮސްފައިވާއިރު ޝާހުގެ ޖަނާޒާ މިއަދު މެންދުރުފަހު ތިނަދޫގަ އޮންނާނެ އެވެ.

ޝާހު މަރުވީ މަހަށް ގޮސް އުޅެނިކޮށް މޭގައި މަހަކުން ޖެހިގެން ކަމަށް ވެސް މައުލޫމާތު ލިބުނެވެ. ނަމަވެސް މަހުން ޖެހިފައިވަ ނީ މަރުވުމުގެ އެއްދު ވަސް ކުރިންނެވެ.

ޝާހު މަހަށް ދިޔަ ދޯނި މަހަށް ފުރީ ހުޅުމާލޭ ބަނދަރުންނެވެ. އޭނާ މަރުވި އިރު އެ ދޯނި ދަތުރު ކުރަމުން ދިޔައީ ގއ. ކޫއްޑޫ ބަނދަރަށެވެ. ޝާހު މަރުވެފައި އޮތީ ދޯނީގައި ބަހައްޓާފައި ހުރި ޖޯއްޔެއްގައި އޮށޯވެ އޮއްވަ އެވެ.

ޝާހު މަރުވި އިރު އަނބިމީހާ، ޒިޔާދާ ރޭޕް ކުރިކަން ސާބިތުވެ ހައިކޯޓުން ވަނީ އޭނާގެ މައްޗަށް ތިން އަހަރުގެ ޖަލު ހުކުމެއް މި މަހުގެ އެއްވަނަ ދުވަހު އިއްވާފަ އެވެ. ނަމެވެސް އެ ހުކުމް އިއްވި އިރު ޝާހް ހުރީ ބަންދުގެ މުއްދަތު ގުނަމުން ގޮސް ވީއްލި މިނިވަންވެފަ އެވެ.