ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ އިދިކޮޅު ކޯލިޝަނުން މިރޭ މާލޭގައި ކުރިއަށް ގެންދާ މުޒާހަރާގެ ތެރެއިން ތިން މީހަކު ހައްޔަރުކޮށްފި އެވެ.
ޕީޕީއެމްގެ މައި އޮފީސް ކުރިމަތީގައި ކުރިއަށް ގެންދާ އިހްތިޖާޖުގެ ތެރެއިން ތިން މީހަކު ހައްޔަރުކުރީ ފުލުހުންނާ އެ މީހުންނާ ދެމެދު ދެބަސްވުންތަކެއް ހިނގި ފަހުންނެވެ.
ފުލުހުންނާއި މުޒާހަރާގެ ބައިވެރިންނާ ދެމެދު ވަނީ ހަމަނުޖެހުންތަކެއް ވެސް ހިނގާފަ އެވެ. އެވަގުތު މުޒަހާރައިގެ ބައިވެރިން ތިބި ތަނަށް ފުލުހުން ޕެޕާ ސްޕްރޭ ޖެހުމާ ގުޅިގެން ދެ މީހުންނަށް އަނިޔާވި އެވެ.
ޕީޕީއެމުން ބުނީ އަނިޔާވި ދެ މީހުންނަށް މިވަގުތުވެސް ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ ކަމަށެވެ. އެ މީހުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ނުލިބެ އެވެ.
އިދިކޮޅު ޕާޓީގެ ސަޕޯޓަރުން މިރޭ މުޒާހަރާކުރަމުން މިދަނީ އިންޑިއާ އައުޓް ހަރަކާތް ހިންގުމުގައި އެންމެ އިސްކޮށް އުޅުއްވި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށި ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލާއި ޕީޕީއެމްގެ އެކްޓިވިސްޓެއް ކަމަށްވާ އަލީ ނަސީމް (ތަކަނޭ) މިއަދު ހައްޔަރުކުރުމާ ގުޅިގެންނެވެ.
މުހައްމަދު އިސްމާއިލާއި ތަކަނޭ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުންނެވެ.
މުޒާހަރާގެ ބައިވެރިން މައިގަނޑު ގޮތެއްގައި ގޮވަމުން ގެންދަނީ އިންޑިއާ ސިފައިން ރާއްޖޭން ފޭބުމަށާއި މުހައްމަދު އިސްމާއިލާއި ތަކަނޭ މިނިވަންކުރުމަށެވެ.
މާލޭގެ އެކި އިމާރާތްތަކާއި ބައެއް މަގުތަކުގައި ސްޕްރޭ ކޮށްގެން އިންޑިއާ އައުޓް ޖެހި މީހަކު ވެސް ފުލުހުން އިއްޔެ ވަނީ ހައްޔަރުކޮށްފަ އެވެ.
އިންޑިއާ އައުޓް ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ކަނޑައަޅުއްވައި އެ ހަރަކާތް ހުއްޓުވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ނެރުއްވި ގަރާރެއްގައި ވަނީ ދައުލަތުގެ އިދާރާތަކަށް އަމުރުކުރައްވާފަ އެވެ.
ރައީސްގެ ގަރާރާ ގުޅިގެން ފުލުހުން ގެންދަނީ އިންޑިއާ އައުޓް ހަރަކާތާ ގުޅޭ ކަންކަން ހުއްޓުވުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން މާލެއާއި އަތޮޅު ތެރޭގެ އެކި އިމާރާތްތަކުގައި ދަމާފައިވާ އިންޑިއާ އައުޓް ބެނާތައް ނަގައި، ބެނާތައް ދަމާފައިވާ އިމާރާތްތަކުގެ ވެރިން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލުވެސް ކުރަމުންނެވެ.
އިންޑިއާ އައުޓް ހަރަކާތް ހުއްޓުވަން ސަރުކާރުން ކިތަންމެ ވަރަކަށް މަސައްކަތް ކުރި ނަމަވެސް އެ ހަރަކާތް ހުއްޓުވާ ނުލެވޭނެ ކަމަށް އިދިކޮޅު ކޯލިޝަނުން ގެންދަނީ ތަކުރާރުކޮށް ބުނަމުންނެވެ.