ޕީޕީއެމް

ޕީޕީއެމްގެ މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުން ދޫކޮށްލައިފި

ޕީޕީއެމް ޕީއެންސީ އިން އިއްޔެ މާލޭގައި ބޭއްވި މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުން ދޫކޮށްލައިފި އެވެ.

މުޒާހަރާގެ ތެރެއިން 14 މީހަކު ހައްޔަރުކުރީ، ޕީޕީއެމް ޕީއެންސީ އިން އިއްޔެ މާލޭގައި ބޭއްވި ސައިކަލް ބުރު، މުޒާހަރާއަކަށް ބަދަލުކޮށް ބައެއް މީހުން މަޖީދީ މަގުގައި އިށީނުމުންނެވެ. އެ އެންމެން ރޭގެ ވަގުތެއްގައި ވަނީ ދޫކޮށްލާފަ އެވެ.

އިދިކޮޅު ލީޑަޝިޕްގެ ބޭފުޅުން ކުރީގައި ތިއްބަވައިގެން އިއްޔެ ހަވީރު ސައިކަލް ބުރު ފެށީ ޕީޕީއެމްގެ އޮފީސް ކުރިމަތިންނެވެ.

ގިނަ އަދަދެއްގެ ޒުވާނުން ސައިކަލް ބުރުގައި ބައިވެރިވެ ސައިކަލް ބުރު ޕީޕީއެމްގެ އޮފީސް ކުރިމައްޗަށް ނިންމާލި އެވެ. އެކަމަކު އެހިސާބުން ބައެއް މީހުންގެ އިރުޝާދާ އެކު ސައިކަލްތަކުގައި ތިބި ބަޔަކު ވަނީ މަޖީދީ މަގަށް ގޮސް އާންމުންނަށް ދަތިވާ ގޮތަށް މަޖީދީ މަގުގައި ސައިކަލްތައް މަޑުކޮށް މަގުގައި އިށީދެފަ އެވެ.

އޭގެއިރުކޮޅެއް ފަހުން ފުލުހުން އެ ސަރަހައްދަށް ގޮސް 14 މީހަކު ހައްޔަރުކުރި އެވެ.

ޕީޕީއެމް އިން އިއްޔެ ސައިކަލް ބުރެއް ބާއްވާފައި ވަނީ "ދިވެހީންގެ ސުލްހަވެރި ހިނގާލުން"ގެ ނަމުގައި ހުކުރު ދުވަހު ބާއްވަން އުޅުނު ހިނގާލުން ފަސްކުރުމަށްފަހު އެވެ. މިހިނގާލުން ފަސްކުރީ މޫސުން ގޯސްވުމާ ގުޅިގެންނެވެ.

ސައިކަލް ބުރުގައި މައިގަނޑު ގޮތެއްގައި ގޮވާލީ ޕީޕީއެމް އާއި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އަދި އިދިިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމަށެވެ.