ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީ

ދެމެހެއްޓެނިވި މަސްވެރިކަމެއް ކުރުމަށް ބާރުއެޅުމަށް ރާއްޖޭގެ ތިން ހުށަހެޅުމެއް

May 18, 2022

އިންޑިއާ ކަނޑުގައި ކުރާ ކަނޑުމަހުގެ މަސްވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ރާވައި، ހިންގައި، ބެލެހެއްޓުމަށްޓަކައި މިހާރު އަޅައިފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށް، ހަރުދަނާކުރުމަށް ބާރުއެޅުމާ ގުޅޭ ތިން ގަރާރެއް މިއަދު ފެށުނު އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައިއޯޓީސީ)ގެ ބައްދަލުވުމަށް ރާއްޖެއިން ހުށަހަޅައިފި އެވެ.

ދިވެހި ސަރުކާރުން ހުށަހަޅާފައިވާ އެންމެ މުހިއްމު ހުށަހެޅުމަކީ އިންޑިއާ ކަނޑުގެ ރީނދޫ އުރަހަ ކަންނެލީގެ އާބާދީ އާލާވުމަށް ފުރުސަތު ދިނުމުގެ ގޮތުން، މިހާރު އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރުމަށް ގޮވައިލައި، ތައްޔާރުކޮށްފައިވާ ހުށަހެޅުމެވެ. އިންޑިއާ ކަނޑުގައި ކުރާ ރީނދޫ އުރަހަ ކަންނެލީގެ މަސްވެރިކަން ކުރަމުންދަނީ އާބާދީއަށް ގެއްލުންވާނޭ މިންވަރަށް ކަމަށް ރާއްޖޭގެ ހުށަހެޅުމުގައިވެ އެވެ. އެހެންކަމުން މި ދަނޑިވަޅުގައި މެންބަރު ގައުމުތަކުން ގުޅިގެން ވީހާވެސް އަވަސް ފުރުސަތެއްގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށްވެސް ރާއްޖެއިން ގޮވާލާފައިވެ އެވެ.

ރާއްޖޭގެ ހުށަހެޅުމުގައި 2020 ވަނަ އަހަރު މެންބަރު ގައުމުތަކުން ރީނދޫ އުރަހަ ކަންނެލި ބާނާފައިވާ މިންވަރަށް ވުރެ ކުރިއަށް އޮތް އަހަރުތަކުގައި ބާނާ ކަންނެލީގެ މިންވަރު 22 ޕަސަންޓަށް މަދުކުރުމަށް ގޮވާލާފައިވެ އެވެ. އަދި ވަކިވަކި ގައުމުތަކަށް މަސް ބޭނޭނެ ކަމަށް ކަނޑައަޅާފައިވާ މިންވަރުތަކަށްވުރެ އިތުރަށް ބާނާ ގައުމުތަކާ މެދު އަމަލުކުރާނެ އުސޫލުތައްވެސް ރާއްޖޭގެ ހުށަހެޅުމުގައި ބަޔާންކޮށްފައިވެ އެވެ. މީގެ ބޭނުމަކީ، ރީނދޫ އުރަހަ ކަންނެލީގެ އާބާދީ އަލުން އާލާކުރުމަށް ކުރާ މަސައްކަތުގައި ދެފުށްފެންނަ، އިންސާފުވެރި ހަމަތަކެއް ގާއިމުކުރުމެވެ.

މީގެ އިތުރުން އޮޔާދާ ކަނދުފަތި -- ޑްރިފްޓިން ފެޑް ބޭނުންކޮށްގެން ކުރާ މަސްވެރިކަމުން ރީނދޫ އުރަހަ ކަންނެލީގެ އާބާދީއަށް ކުރާ ނޭދެވޭ އަސަރުތަކަށް ވެސް ރާއްޖޭގައި ގަރާރުގައި ބަލާލައިފައިވެ އެވެ. މި ބާވަތުގެ މަސްވެރިކަން ކުރުން ވަކި މުއްދަތަކަށް މަނާކޮށް، މި މަސްވެރިކަމުގައި ބޭނޭ ކުދި ރީނދޫ އުރަހަ ކަންނެލީގެ މިންވަރު މަދުކުރުމަށްވެސް ރާއްޖޭގެ ހުށަހެޅުމުގައި ހިމަނާފައިވެ އެވެ.

ރާއްޖެއިން ދެވަނައަށް ހުށަހަޅައިފައިވަނީ އިންޑިއާ ކަނޑުގެ ކަޅުބިލަ މަހުގެ އާބާދީ މެނޭޖްކޮށް، ބެލެހެއްޓުމާ ބެހޭގޮތުން އެކުލަވާލާފައިވާ ހުށަހެޅުމެކެވެ. މި ހުށަހެޅުމުގައި އައިއޯޓީސީގެ ސައިންޓިފިކް ކޮމިޓީން ހުށަހަޅާފައިވާ [ކެޗް ލިމިޓާއި] އެއް ހަމައެއްގައި ކަޅުބިލަ މަސް ބާނާ މިންވަރު ހިފެހެއްޓުމަށް ރާއްޖެއިން އެދިފައިވެ އެވެ. އަދި މި ހުށަހެޅުމުގައި އެކިއެކި މެންބަރު ގައުމުތަކުން މަސް ބާނާ މިންވަރަށް ގެންނަންޖެހޭ ބަދަލުތައް ބަޔާންކޮށްފައިވެ އެވެ. މި ބަދަލުތައް ކަނޑައެޅުމުގައި ގައުމުތަކުން މީގެ ކުރިން ކަޅުބިލަ މަސް ބާނާފައިވާ މިންވަރަށާއި، ގައުމުތައް ތަރައްގީވެފައިވާ މިންވަރަށާއި، މިނޫންވެސް އެހެނިހެން ކަންކަމަށް ރިއާޔަތްކޮށްފައިވެ އެވެ.

ރާއްޖޭގެ ތިންވަނަ ހުށަހެޅުމަކީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން އެކުލަވާލާފައިވާ ހުށަހެޅުމެކެވެ. މި ހުށަހެޅުމުގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަނޑުމަހުގެ އާބާދީއަށް ކުރާ ނޭދެވޭ އަސަރުތައް ދެނެގަތުމުގެ ގޮތުން ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، މިހާރަށް ވުރެ ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރުމަށް ގޮވާލާފައިވެ އެވެ. އަދި އައިއޯޓީސީގެ މެންބަރު ގައުމުތަކުގެ މެދުގައި މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކުރާ ދިރާސާތައް ކުރުމުގެ އަހުލިއްޔަތު އިތުރުކުރުމަށްވެސް ގޮވާލާފައިވެ އެވެ. ހާއްސަ ގޮތެއްގައި އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކާއި، ތަރައްގީވަމުން އަންނަ ގައުމުތަކާއި، ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކުގައި މިފަދަ ދިރާސާތައް ކުރުމަށް ކުރެވޭ މަސަކަތްތައް ކުރިއެރުވުމަށް މި ހުށަހެޅުމުގައި ވަރަށް ބޮޑަށް ބާރު އަޅާފައިވެ އެވެ.

މޭ މަހުގެ 20 ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދާ މި ބައްދަލުވުމުގައި ދިވެހިރާއްޖޭ އިތުރުން އައިއޯޓީސީގެ 23 މެންބަރު ގައުމަކުން ބައިވެރިވެ އެވެ.