ބަލިވެގެން ފަރުވާ ހޯދަން ޑޮކްޓަރެއް ކައިރިއަށް ދިޔަ އެމެރިކާ މީހެއްގެ އަތުން ވަރަށް އާދަޔާ ޚިލާފު ގޮތަކަށް ޖޫރިމަނާގެ ގޮތުގައި ފައިސާ އަތުލައިފި އެވެ.
އެމެރިކާގެ ނިއު ޔޯކްގެ އަންހެނަކު ކުރި ޓުވީޓެއްގައި ބުނި ގޮތުގައި އޭނާގެ ކޮއްކޮގެ ޕްރޮސީޖާއެއް ހެދި ޑޮކްޓަރަކު ކުރި ވަރަށް އާދަޔާޚިލާފު ޖޫރިމަނާއެއްގެ ފައިސާ އެމީހުންނަށް ވަނީ ދައްކަން ޖެހިފަ އެވެ. އެއީ އެ ޕްރޮސީޖާ ހެދިއިރު އޭނާގެ ކޮއްކޮއަށް މާބާރަށް ރޮވިގެން ކުރި 40 ޑޮލަރުގެ ޖޫރިމަނާއެއް ކަމަށް އެމީހާގެ ޓުވީޓުގައި ބުނެފައިވެ އެވެ.
ކެމީލާ ޖޯންސަން ނަމަކަށް ކިޔާ މި މީހާ ވަނީ އޭނާ ހަދަނީ ދޮގެއް ނޫންކަން ސާބިތުކޮށްދިނުމަށް ހޮސްޕިޓަލުން ދީފައިވާ ފައިސާގެ ރަސީދު ވެސް ޝެއާ ކޮށްފަ އެވެ.
މި ރަސީދުގައި ކެމީލާގެ ކޮއްކޮއަށް ދިން ފަރުވާތަކުގެ އަގުތައް ޖަހާފައި ހުރިއިރު ބްރީފް އެމޯޝަނަލް ބިހޭވިއާ ނުވަތަ ކުޑަކޮށް ޖަޒުބާތީ ވެގެން އުޅުނު އުޅުމަށް 40 ޑޮލަރު ޖަހާފައިވެ އެވެ.
"އަހަރެންގެ ކޮއްކޮއަށް ސިއްހީ ގޮތުން މައްސަލަތަކެއް ދިމާވެ މި ފަހަކުން އަބަދުވެސް އުޅެނީ ވަރަށް ބަލިކޮށް. އެހެންވެ ޑޮކްޓަރަކަށް ދެއްކުމުން ފަރުވާ ދިން ގަޑީގައި އޭނާއަށް ރޮވުނީމަ މިއޮތީ 40 ޑޮލަރު ޗާޖްކޮށްފައި،" ކެމީލާގެ ޓުވީޓްގައިވެ އެވެ.
ކެމީލާ ބުނި ގޮތުގައި އޭނާގެ ކޮއްކޮއަށް ޖެހިފައިވަނީ ވަރަށް މަދުން ނޫނީ މީހުންނަށް ނުޖެހޭ ބައްޔެކެވެ. އަދި އެ ބަލީގެ ސަބަބުން ލިބެމުންދާ ވޭނުން މާޔޫސްވެ ހަދާނެ ގޮތް ހުސްވެފައި އޭނާގެ ހުންނަ ކަމަށެވެ. ޑޮކްޓަރަށް ދައްކައިގެން އެ ދިން ފަރުވާއެއް ދިން ގަޑީގައި ކޮއްކޮއަށް ރޮވުނީ އެ ސަބަބާ ހުރެ ކަމަށް ކެމީލާ ބުންޏެވެ.
"އެންމެ ކަރުނަ ތިއްކަކަށް އެމީހުން 40 ޑޮލަރު ޗާޖްކުރިއިރު އެ ކަރުނަތައް ފައިބަނީ ކީއްވެތޯ ބަލައި އެކަމަށް އެހީތެރިކަމެއް ފޯރުކޮށްދޭކަށް ނޫޅޭ. ހިމޮގްލޮބިން ޓެސްޓަށް ވެސް ނުނަގާ ވަރު ރޮއިގެން ޗާޖްކޮށްފައިވޭ،" ކެމީލާގެ ޓުވީޓުގައި ވެއެވެ.
ސެނެޓާ ބާނީ ސެންޑާޒް ޓެގްކޮށް ކެމީލާ ކޮށްފައިވާ ޓުވީޓުގައި ސެނެޓާ އަށް ވެސް މިކަން އެނގިފައި އޮންނަން ޖެހޭނެކަމަށް ފެންނަ ކަމަށް ލިޔެފައި ވެއެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ވެސް އަންހެނަކު މިފަދަ މައްސަލައެއް ސޯޝަލް މިޑިއާގައި ފެންމަތި ކުރި އެވެ. އޭނާއަށް ވެސް ސާޖަރީ އެއް ހެދިއިރު މާބާރަށް ރޮވުނީ އެވެ. އޭނާގެ ސާޖަރީ ހަދައިދިން ހޮސްޕިޓަލުން އޭނާ ރުއިމުން ޗާޖްކޮށްފައިވަނީ 11 ޑޮލަރެވެ.
ވީމާ ލަފާ ކުރެވެނީ އެކި ހޮސްޕިޓަލުން ރުއިމަށް ޗާޖްކުރަނީ އެކިވަރު ކަމެވެ.