ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ އިދިކޮޅު ކޯލިޝަނުން ރޭ މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުން ދޫކޮށްލައިފި އެވެ.
ޕީޕީއެމްގެ މައި އޮފީސް ކުރިމަތީގައި ކުރިއަށް ގެންދިޔަ އިހްތިޖާޖުގެ ތެރެއިން ފުލުހުން ހައްޔަރުކުރީ ތިން މީހުންނެވެ.
ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުން ރޭގެ ވަގުތެއްގައި ދޫކޮށްލާފައިވާ ކަމަށް ފުލުހުން ވަނީ ޔަގީންކޮށްދީފަ އެވެ.
ފުލުހުންނާއި މުޒާހަރާގެ ބައިވެރިންނާ ދެމެދު ހަމަނުޖެހުންތަކެއް ވެސް ހިނގާފައިވެ އެވެ. މުޒަހާރައިގެ ބައިވެރިން ތިބި ތަނަށް ފުލުހުން ދެ ފަހަރެއްގެ މަތިން ޕެޕާ ސްޕްރޭ ޖެހުމާ ގުޅިގެން ބައެއް މީހުންނަށް އަނިޔާވެ ހޮސްޕިޓަލްގައި ފަރުވާ ވެސް ހޯދާފައިވެ އެވެ.
އިދިކޮޅު ޕާޓީގެ ސަޕޯޓަރުން ރޭ މުޒާހަރާކުރީ އިންޑިއާ އައުޓް ހަރަކާތް ހިންގުމުގައި އެންމެ އިސްކޮށް އުޅުއްވި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށި ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލާއި ޕީޕީއެމްގެ އެކްޓިވިސްޓް އަލީ ނަސީމް (ތަކަނޭ) އިއްޔެ ހައްޔަރުކުރުމާ ގުޅިގެންނެވެ.
މުޒާހަރާގެ ބައިވެރިން މައިގަނޑު ގޮތެއްގައި ގޮވާލީ ވެސް އިންޑިއާ ސިފައިން ރާއްޖޭން ފޭބުމަށާއި މުހައްމަދު އިސްމާއިލާއި ތަކަނޭ މިނިވަންކުރުމަށެވެ.
އިންޑިއާ އައުޓް ހަރަކާތް ހުއްޓުވަން ސަރުކާރުން ކިތަންމެ ވަރަކަށް މަސައްކަތް ކުރި ނަމަވެސް އެ ހަރަކާތް ހުއްޓުވާ ނުލެވޭނެ ކަމަށް އިދިކޮޅު ކޯލިޝަނުން ގެންދަނީ ތަކުރާރުކޮށް ބުނަމުންނެވެ.