ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީ

މަރުވެފައި އޮތް ބޮޑުމަހެއް ވ. އަތޮޅު ތެރޭގައި އޮޔާދަނީ

May 19, 2022

ބޮޑުމަހުގެ އާއިލާގެ ތެރޭގައި ހިމެނޭ ބޮޑުމަހެއް ވ. އަތޮޅުގެ އެތެރެވަރީގައި އޮޔާދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި އެވެ.

އަވަސް އަށް މިއަދު މައުލޫމާތު ދެއްވަމުން ވ، އަތޮޅު ކައުންސިލްގެ ރައީސް ޝުޖާއު އަލީ ވިދާޅުވީ ވ. އަތޮޅުގެ އެތެރެވަރީގައި އޮޔާދަނީ 25 ފޫޓުގެ "ބުލޫވޭލް"އެއް ކަމަށް ބެލެވޭ ކަމަށެވެ.

ޝުޖާއު ވިދާޅުވީ ބޮޑުމަހުގެ މައުލޫމާތު ފުލުހުންނާއި ފިޝަރީޒް މިނިސްޓްރީއާއި އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ސަމާލުކަމަށް ގެނެސްފައިވާނެ ކަމަށެވެ. އަދި ބޮޑުމަހާ ގުޅޭގޮތުން އަމަލުކުރަންވީ ކަންކަމުގައި އެ ތިން އިދާރާގެ އެހީތެރިކަން ލިބެމުންދާ ކަމަށެވެ.

ބޮޑުމަސް ލައްވާނެ ކަމަށް ބެލެވެނީ ވ. ތިނަދޫއާއި ވ. ފެލިދޫއާ ދެމެދު އޮންނަ މަޑަންގިރިއޭ ކިޔާ ފަޅަށް ކަމަށް ބެލެވޭތީ ތިނަދޫ ކައުންސިލުން ބޮޑުމަހުގެ ކަންކަން ގާތުން ބަލަމުންދާ ކަމަށެވެ.

ޝުޖާއު ވަނީ ބޮޑުބަހުގެ ވީޑިއޯއެއް ވެސް ސޯޝަލްމީޑިއާގައި މިއަދު އާންމުކޮށްފަ އެވެ.

ޝުޖާއު ވިދާޅުވީ ބޮޑުމަސް ރަށަކަށް ނުވަތަ ފަޅަކަށް ލެއްގުމުން އެ މަހުގެ ކަށިގަނޑު ފަތުރުވެރިންނަށް ދައްކާލުމަށްޓަކައި ބޭނުންކުރުމުގެ ވިސްނުމެއް އެބައޮތް ކަމަށެވެ. ކަމާ ގުޅޭ އިދާރާތަކާ ގުޅިގެން އެކަމުގައި އަމަލުކުރާނެ ގޮތެއް ނިންމާނެ ކަމުގައިވެސް ވިދާޅުވި އެވެ.

"އެކަމަކު މީގައި ދިމާވާނެ ކަމަކީ މީހުން ދިރިއުޅޭ ރަށަކަށް ވޭލް ލައްގައިފިނަމަ އޭގެ މަސްގަނޑު ހިއްކާލާ އެ ސްޓްރަކްޗާ ހޯދަން ބަލާއިރު މަހާ އެކު އެ ރަށެއްގައި ވަރަށް ގަދައަށް ވަސް ހުރުން. އެކަމަށް ބަލާލަން އެބަޖެހޭ. އެކަމަކު މިފަދަ މަހެއްގެ ސްޓްރަކްޗާ އަކީ ބޭނުން ހިފޭނެ އެއްޗެއް،" ޝުޖާއު ވިދާޅުވި އެވެ.

ވ. އަތޮޅުގެ ބައެއް މީހުން މައުލޫމާތު ދިން ގޮތުގައި ބޮޑުމަހަކީ އެ އަތޮޅުން ކޮންމެވެސް ވަރަކަށް ފެންނަ ބާވަތެކެވެ.