އަބްދުﷲ ރިޔާޒް

ޕެންޝަން އިސްލާހު ބޭރުކޮށްލުން: އެއީ ހިދުމަތުގެ އަގުވަޒަން ނުކުރުން

ޕެންޝަން ގާނޫނުން ކަށަވަރު ކޮށްދީފައިވާ ހައްގުތައް އެންމެ ފުރިހަމައަށް ތަންފީޒުކުރުމަށް ގޮވާލައި ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި މައްސަލަ މަޖިލީހުން ބޭރުކޮށްލުމަކީ ގައުމީ ހިދުމަތްތެރީންގެ އަގު ވަޒަން ނުކުރުން ކަމަށް ވިދާޅުވެ ރިޔާޒު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

މަޖިލީހުގެ އިއްޔެ ޖަލްސާ އަށް މައްސަލަ ހުށަހަޅުއްވަމުން ރިޔާޒު ވިދާޅުވީ ޕެންޝަން ގާނޫނުގައި ކަށަވަރުކޮށްދީފައިވާ ހައްގުތައް ޕެންޝަން ފަންޑުގެ ބައިވެރިންނަށް އެދެވޭ ގޮތެއްގައި ލިބެމުން ނުދާ ކަމަށެވެ.

ރިޔާޒު ވިދާޅުވީ ޕެންޝަން ގާނޫނަށް ރައްޔިތުންގެ މަޖިލީހުން އެންމެ ފަހުން ގެނައި އިސްލާހަށް ފަހު ޕެންޝަން ފަންޑުން އަސާސީ ޕެންޝަނުގެ ގޮތުގައި ކޮންމެ މަހަކު 5،000 ރުފިޔާ ލިބެންޖެހޭ މީހުންނަށް އެގޮތަށް އެ ފައިސާ ނުލިބޭ ކަމަށެވެ.

"އެހެނީ ރިޓަޔާމަންޓް ޕެންޝަނުން މީހަކަށް ޖުމްލަ ގޮތެއްގައި ޖެހޭ އަދަދަކީ މިސާލެއްގެ ގޮތުން 3،000 ރުފިޔާނަމަ އުމުރުން ދުވަސްވީ މީހުންގެ ޕެންޝަންގެ 5،000 ރުފިޔާގެ ތެރެއިން 3،000 ރުފިޔާ އުނިކޮށް 2،000 ރުފިޔާ އާއި ރިޓަޔަމަންޓްގެ ގޮތުގައި ލިބޭ 3،000 ރުފިޔާއާއެކު މުޅި ޖުމްލަ އެ ފަރާތަކަށް ލިބިގެން ދަނީ 5،000 ރުފިޔާ. ޝައްކެއް ވެސް ނެތް ގޮތުގައި މިއީ އިންސާފުވެރި ގޮތެއް ނޫން،" މައްސަލަ ހުށަހަޅުއްވަމުން ވިދާޅުވި އެވެ.

ރިޔާޒު ވިދާޅުވީ ރިޓަޔާމަންޓް ޕެންޝަނާއި އުމުރުން ދުވަސްވީ މީހުންނަށް ދޭ 5،000 ރުފިޔާގެ އިނާޔަތަކީ މުޅިން ދެ އެއްޗެއް ކަމަށެވެ. އެހެން ކަމުން އެ ދެ ސްކީމުގެ ދަށުން ފައިސާ ލިބެންޖެހޭ ގޮތަށް ފައިސާ ނުލިބުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމުގައި ވިދާޅުވި އެވެ. އަދި ދައުލަތުގެ ބަޖެޓަށް ބާރު ބޮޑުވުމަކީ އެއްވެސް މީހެއްގެ ހައްގަށް އުނިކަން އަންނަންޖެހޭ ސަބަބެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.

ރިޔާޒު ހުށަހެޅުއްވި މައްސަލައިގައި ވަނީ ގާނޫނު އަލުން އިސްލާހުކޮށް ޕެންޝަންގެ ހައްގުވެރިންނަށް އެ މީހުންގެ ހައްގު ދިނުމަށްވެސް ގޮވާލައްވާފަ އެވެ. ރިޔާޒު ހުށަހެޅުއްވި ޕެންޝަނާ ގުޅޭ މައްސަލަ މަޖިލީހަށް ބަލައިގަތުމާ މެދު މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ވޯޓު ދެއްވުމަށް ރިޔާސަތުން ހުޅުވާލުމުން އެ މައްސަލަ މަޖިލީހަށް ބަލައިގަނެ ބަހުސްކުރަން ވޯޓު ދެއްވީ ނުވަ މެންބަރުންނެވެ. މައްސަލަ ބޭރުކޮށްލީ 19 މެންބަރުންގެ ވޯޓާ އެކު އެވެ.

މަޖިލީހުގެ މި ނިންމުމާމެދު ރިޔާޒު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ރިޔާޒު ވިދާޅުވީ ދައުލަތައް ގިނަ ދުވަހު ހިދުމަތް ކޮށްފަވާ ބައެއް ބޭފުޅުންގެ ހައްގުތަައް ޕެންސަން ގާނޫނުން ގެއްލިފައިވާ މައްސަލަ ސަރުކާރުގެ ސަމާލު ކަމަށް ގެނައުމަށް ހުށަހެޅި މައްސަލައަށް އެމްޑީޕީން އިން ތާއިދު ނުކުރުމަކީ އެބޭފުޅުން ގައުމަށް ދިގު މުއްދަތައް ކޮށްދެއްވި ހިދުމަތުގެ އަގުވަޒަން ނުކުރެއްވުން ކަަމަށެވެ.

މި މައްސަލައާ ގުޅިގެން ކުރީގެ މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް އަނީސާ އަހުމަދުވެސް ވަނީ ފާޑުވިދާޅުވެފައެވެ. އެކަމަނާ ވިދާޅުވީ ދައުލަތުގެ ވަޒީފާއެއްގައި މުޅި އުމުރު ހޭދަކުރުމަށް ފަހު ރިޓަޔާކުރާ މީހުންނާއި އެ ނޫން މީހުންނަށް އެއްވަރަކަށް އަސާސީ ޕެންޝަން ދިނުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށެވެ. އަދި އެކަން ފާހަގަކޮށް ޕެންޝަން ގާނޫނު ރިވުއު ކުރުމަށް ހުށައެޅުން އެ ވާހަކަ ދައްކާލަންވެސް ބޭނުންނުވި މަޖިލީހަކުން ރައްޔިތުންގެ ހައްގޭ ކިޔުން ރަނގަޅު ނުވާނެ ކަމަށެވެ.

އެމްއެންޕީގެ ތަރުޖަމާން އަސްރާ އަހުމަދު ވިދާޅުވީ މަޖިލީހުގެ އިއްޔެ ނިންމުމުން ފެނިގެން ދަނީ ރައްޔިތުންގެ ހައްގުތައް ހޯދާ ދިނުމަށް އަމިއްލައަށް މަސައްކަތް ނުކުރާ ތަނުގައި އެހެން ބަޔަކު އިސްނަގައިގެން މަަސައްކަތް ކުރުމުންވެސް އެކަމަށްވެސް އެއްބާރުލުން ނުދޭ މަންޒަރު ކަމަށެވެ.

"މިތޯ ރައްޔިތުންގެ ހައްގުތައް އެމްޑީޕީ އިން ކަށަވަރު ކޮށްދޭ ގޮތަކީ،" އަސްރާ ސުވާލު ކުރެއްވިއެވެ.