މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ވެރިކަމެއްގައި "މިނިސްޓްރީ އޮފް ހެޕިނަސް" ގެ ނަމުގައި މިނިސްޓްރީއެއް އުފައްދަވާނެ ކަމަށް އެ ޕާޓީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
ނާޒިމް މިހެން ވިދާޅުވީ މިރޭ އެ ޕާޓީގެ ހަރުގޭގައި އޮތް "ރައްޔިތުންގެ އުދާސް" ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. މި ޖަލްސާއަކީ ޕެންޝަން ގާނޫނުން ކަށަވަރު ކޮށްދީފައިވާ ހައްގުތައް އެންމެ ފުރިހަމައަށް ތަންފީޒުކުރުމަށް ގޮވާލައި ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި މައްސަލަ މަޖިލީހުން ބޭރުކޮށްލުމުން އެކަމާ ކަންބޮޑުވުން ފާޅުކުރަން ބޭއްވި ޖަލްސާއެކެވެ.
މި ޖަލްސާގައި ނާޒިމް ވިދާޅުވީ ވިހި ތިރީސް އަހަރު ގައުމަށް ހިދުމަތް ކުރެއްވި ބޭފުޅުންގެ އަގު ވަޒަން ކުރުމުގެ ހިތްވަރެއް ނެތުމަކީ ދައުލަތް ލަދުގަންނަން ޖެހޭނެ ކަމެއް ކަމަށެވެ. އެއީ މިއަދު މި ގައުމުގެ އިސްރަށްވެހީންގެ ގޮތުގައި ތިއްބެވި ބޭފުޅުން ކަމަށާ އެ ބޭފުޅުންގެ ޒުވާން އުމުރު ގައުމީ ހިދުމަތުގައި ހޭދަ ކުރެއްވުމަށް ފަހު އުފަލުގައި ތިބެން ޖެހޭ ދުވަހު ފައިސާ ނެތް ކަމުގެ ބަހަނާގައި ޕެންޝަން ހައްގުން މަހުރޫމް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި މަސައްކަތް ހުއްޓައެއް ނުލާނަން. މި މަސައްކަތުގައި އަޅުގަނޑުމެން ބާރުލާ ކުރިއަށް ދާނަން. އިރާދަކުރެއްވިއްޔާ އެ ބޭފުޅުންގެ ހައްގު ހޯދުމަށްޓަކައި އަޅުގަނޑުމެން އެންމެ ފިޔަވަޅެއްވެސް ފަހަތަށް ނުޖެހޭނެ ވާހަކަ އިސްރަށްވެހިންގެ މައުލޫމާތަށްޓަކައި ދަންނަވަން،" ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ފަސް އަހަރުގެ ދައުރެއް ފުރިހަމަ ކުރުމުން އެތައް އިނާޔަތެއް ދޭން ކަނޑައަޅާފައިވާއިރު އެކަންކަމަށް ފައިސާ ހުންނަ ކަމަށެވެ. ނަމަވެސް ޕެންޝަންގެ ހައްގު ކަށަވަރު ކޮށްދޭން އެދުމުން އެކަމަށް ފައިސާ ނެތް ކަމަށް ބުނުމަކީ ލަދުވެތި ކަމެއް ކަމަށެވެ. މެންބަރުންނަށް ދޭން ކަނޑައަޅާފައިވާ އިނާޔަތްތައް އުވާލުމަށްވެސް ނާޒިމް ގޮވާލެއްވިއެވެ. އަދި ވިދާޅުވީ ބޮޑު މުސާރަ ނަންގަވައިގެން ތިއްބަވާ މެންބަރުން ކުރައްވާ ކަމެއް ނެތް ކަމަށެވެ.
މިރޭގެ ޖަލްސާގައި ނާޒިމް ވަނީ އިސްރަށްވެހިންނަށް ހާއްސަކޮށްގެން އުފާވެރި ކަމުގެ މިނިސްޓްރީއެއް އުފައްދަވާނެ ކަމަށް އިއުލާނު ކުރައްވާފައެވެ.
"އަޅުގަނޑުމެންގެ ސަރުކާރެއްގައި އިރާދަކުރެެއްވިއްޔާ 'މިނިސްޓްރީ އޮފް ހެޕިނަސް' އަޅުގަނޑުމެން އުފައްދާނަން. އުފާވެރިކަމާއެކީގައި ތިބެވޭނެ ގޮތަކަށް މިނިސްޓްރީއެއް އުފައްދައިގެން އިސްރަށްވެހިން އެކީގައި އެމީހުންނާއެކީގައި އަޅުގަނޑުމެން މަސައްކަތް ކުރާނީ. އެހެންވީމަ މިއީ އުންމީދީ ޕާޓީއަކީ،" ނާޒިމް ވިދާޅުވިއެވެ.
މަޖިލީހުގެ އިއްޒަތްތެރި މެންބަރުންނަށް ފަސް އަހަރު ހިދުމަތްކޮށްލީމަ އެތައް ބައިވަރު އިނާޔަތްތައް ލިބޭ ގޮތަށް މިއޮތީ ރާވާލާފައި. އޭރަށް ފައިސާގެ މައްސަލައެއް ނެތް. މެންބަރުންވީމަ ހަމަ ލިބެން ވީ. އަޅުގަނޑު ދަންނަވާލަން އޮތީ އެ މެންބަރުންނަށް އެ ފައިސާ ދޭނެ ކަމެއް ނެތޭ. އަޅުގަނޑުމެން މިއަދު މެންބަރުންނަށް މި ތިބީ. އަޅުގަނޑުމެންގެ އެ ފައިސާ ކަނޑާލައްވާ. އެފައިސާއެއް އަޅުގަނޑުމެން ބޭނުމެއް ނޫން. ބޮޑު މުސާރަ ނަގައިގެން އެތާ [މަޖިލީހުގައި] އަޅުގަނޑުމެން ކީއްތޯ މި ކުރަނީ. ކުރާ ކަމެއް ހަރާންމުހައްމަދު ނާޒިމް | އެމްއެންޕީގެ ރައީސް
ޕެންޝަން ގާނޫނުން ކަށަވަރު ކޮށްދީފައިވާ ހައްގުތައް އެންމެ ފުރިހަމައަށް ތަންފީޒުކުރުމަށް ގޮވާލައި ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި މައްސަލާގައި ވިދާޅުވީ ޕެންޝަން ގާނޫނުގައި ކަށަވަރުކޮށްދީފައިވާ ހައްގުތައް ޕެންޝަން ފަންޑުގެ ބައިވެރިންނަށް އެދެވޭ ގޮތެއްގައި ލިބެމުން ނުދާ ކަމަށެވެ.
ރިޔާޒު ވިދާޅުވީ ޕެންޝަން ގާނޫނަށް ރައްޔިތުންގެ މަޖިލީހުން އެންމެ ފަހުން ގެނައި އިސްލާހަށް ފަހު ޕެންޝަން ފަންޑުން އަސާސީ ޕެންޝަނުގެ ގޮތުގައި ކޮންމެ މަހަކު 5،000 ރުފިޔާ ލިބެންޖެހޭ މީހުންނަށް އެގޮތަށް އެ ފައިސާ ނުލިބޭ ކަމަށެވެ.
"އެހެނީ ރިޓަޔާމަންޓް ޕެންޝަނުން މީހަކަށް ޖުމްލަ ގޮތެއްގައި ޖެހޭ އަދަދަކީ މިސާލެއްގެ ގޮތުން 3،000 ރުފިޔާނަމަ އުމުރުން ދުވަސްވީ މީހުންގެ ޕެންޝަންގެ 5،000 ރުފިޔާގެ ތެރެއިން 3،000 ރުފިޔާ އުނިކޮށް 2،000 ރުފިޔާ އާއި ރިޓަޔަމަންޓްގެ ގޮތުގައި ލިބޭ 3،000 ރުފިޔާއާއެކު މުޅި ޖުމްލަ އެ ފަރާތަކަށް ލިބިގެން ދަނީ 5،000 ރުފިޔާ. ޝައްކެއް ވެސް ނެތް ގޮތުގައި މިއީ އިންސާފުވެރި ގޮތެއް ނޫން،" މައްސަލަ ހުށަހަޅުއްވަމުން ވިދާޅުވި އެވެ.
ރިޔާޒު ވިދާޅުވީ ރިޓަޔާމަންޓް ޕެންޝަނާއި އުމުރުން ދުވަސްވީ މީހުންނަށް ދޭ 5،000 ރުފިޔާގެ އިނާޔަތަކީ މުޅިން ދެ އެއްޗެއް ކަމަށެވެ. އެހެން ކަމުން އެ ދެ ސްކީމުގެ ދަށުން ފައިސާ ލިބެންޖެހޭ ގޮތަށް ފައިސާ ނުލިބުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމުގައި ވިދާޅުވި އެވެ. އަދި ދައުލަތުގެ ބަޖެޓަށް ބާރު ބޮޑުވުމަކީ އެއްވެސް މީހެއްގެ ހައްގަށް އުނިކަން އަންނަންޖެހޭ ސަބަބެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.
ރިޔާޒު ހުށަހެޅުއްވި މައްސަލައިގައި ވަނީ ގާނޫނު އަލުން އިސްލާހުކޮށް ޕެންޝަންގެ ހައްގުވެރިންނަށް އެ މީހުންގެ ހައްގު ދިނުމަށްވެސް ގޮވާލައްވާފަ އެވެ. ރިޔާޒު ހުށަހެޅުއްވި ޕެންޝަނާ ގުޅޭ މައްސަލަ މަޖިލީހަށް ބަލައިގަތުމާ މެދު މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ވޯޓު ދެއްވުމަށް ރިޔާސަތުން ހުޅުވާލުމުން އެ މައްސަލަ މަޖިލީހަށް ބަލައިގަނެ ބަހުސްކުރަން ވޯޓު ދެއްވީ ނުވަ މެންބަރުންނެވެ. މައްސަލަ ބޭރުކޮށްލީ 19 މެންބަރުންގެ ވޯޓާ އެކު އެވެ.