ރިޔާސީ ލޯންޗުކޮޅުގައި ބޮމެއް ގޮއްވާލި މައްސަލައިގެ ތަހުގީގު މިމަސް ނިމުމުގެ ކުރިން ނިންމައި ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހަށް ހުށަހެޅޭވަރުވާނެ ކަމަށް އެ މައްސަލަ ތަހުގީގު ކުރާ ނެޝަނަލް އިންކުއަރީ ކޮމިޝަންގެ ކޯޗެއާ އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ދިޓީވީގެ ޕްރޮގްރާމެއްގައި ވާހަކަފުޅުދައްކަވަމުން އުމަރު ވިދާޅުވީ، ފިނިފެންމާ ލޯންޗުކޮޅުގެ ތަހުގީގީ މަސައްކަތްތަކުގެ ބޮޑު ބައެއް މިހާރު ނިމިފައިވާ ކަމަށެވެ. ތަހުގީގުގަށް ފުރިހަމަ ނުކުރެވި މިހާރު ވަނީ 25 ޕަސެންޓް ކަމަށެވެ. މިހާތަނަށް ކުރެވުނު މަސައްކަތުން ތަހުގީގަށް އެކަށީގެންވާ ވަރަށް ހެކި ލިބިފައިވާ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.
"ބައެއް ބޭފުޅުން އެބަ ވިދާޅުވޭ އަޅުގަނޑުމެންގެ އަތުގައި އެކަށީގެންވާ ވަރަށް ހެއްކެއް ނެތޭ އިނގޭތޯ. އެއްގޮތަކަށް ވެސް ތެދު ވާހަކައެއް ނޫން އެއީ ކީ އެއް. ޖެނުއަރީ ނިމެންވާއިރަށް އެ މައްސަލަ ޝަރީއަތާ ހަމައަށް ގެންދިޔުމަށްޓަކައި މައްސަލަ ޕްރޮސިކިއުޓާ ޖެނެރަލްއާ ހަމައަށް ފޮނުވޭނެ ކަމަށް އަޅުގަނޑުމެން އުންމީދު މި ކުރަނީ،" އުމަރު ވިދާޅުވި އެވެ.
ފިނިފެންމާ ލޯންޗުގައި ބޮމެއް ގޮއްވާލި މައްސަލާގައި ރައީސް އަބްދުﷲ ޔާމީނުގެ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ގިނަ ތުހުމަތު ތަކެއް ކުރެވޭ ކަމަށް ތަކުރާރުކޮށް ރޭވެސް އުމަރު ވިދާޅުވި އެވ. އެހެން ކަމުން ޕީޖީއަށް އެންމެ ފުރަތަމަ ފޮނުވާނީ ފަސޭހައިން ދައުވާ ކުރެވޭ މައްސަލަތައް ކަމަށް ވެސް ހޯމް މިނިސްޓަރު ވިދާޅުވި އެވެ.
"ފިނިފެންމާ ލޯންޗުގެ ތަހުގީގަކީ މިހާރުވެސް ފުލުހުން އެންމެ އިސްކަމެއް ދީގެން ކުރާ މަސައްކަތް. މިއީ ވަރަށް ސީރިއަސް މައްސަލައެއް. ހާއްސަކޮށް ރައީސްގެ ނައިބަކަށް ހުންނެވި ބޭފުޅާ ޕްލޭންކޮށްގެން މިކަން ކުރުމަކީ ވަރަށް ބޮޑު ކުށެއް،" އުމަރު ވިދާޅުވި އެވެ.
ރައީސް ދަތުރުފުޅުކުރައްވާ ފިނިފެންމާ ލޯންޗުގައި ބޮމެއް ގޮއްވާލާފައިވަނީ މިދިޔަ ސެޕްޓެމްބަރުމަގުގެ 28 ވަނަ ދުވަހު ރައީސްގެ ދެކަނބަލުން ހައްޖުގެ އަޅުކަން ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންނެވި މަގުމަތީގައެވެ. އެ މައްސަލާގައި އެންމެ ބޮޑަށް ތުހުމަތުކުރެވެނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށެވެ. އަދީބު މިހާރު ވަނީ ފުލުހުން ކުރަމުންދާ ތަހުގީގަށް ދޫނިދޫގައި ބަންދުކޮށްފަ އެވެ.