އީޔޫ

ޔުކްރޭން އެކްސްޕޯޓުން ޑިއުޓީ ނުނަގަން އީޔޫއިން ނިންމައިފި

ޔޫރަޕް ގައުމުތަކަށް ޔުކްރޭނުން އެކްސްޕޯޓްކުރާ ހުރިހާ ބާވަތަކުން ޑިއުޓީ ކަނޑާލަން ޔޫރަޕިއަން ޕާލަމެންޓުން ފާސްކޮށްފި އެވެ. އިއްތިހާދީ ގައުމުތަކުގެ މެދުގައި އަހަރު ދުވަސް ވަންދެން މި ގަވާއިދަށް އަމަލުކުރެވޭނެ ކަމަށް ގަރާރުގައި ބުނެފައި ވެއެވެ.

ޔޫރަޕިއަން ޔޫނިއަނުން މިފަދަ ގަވާއިދެއް ފާސްކުރި ބޭނުމަކީ ރަޝިއާއިން ޔުކްރޭނަށް ދެމުން ގެންދާ ފަނާކުރަނިވި ހަަމަލާތަކުގެ ސަބަބުން ޔުކްރޭންގެ އިގުތިސޯދަށް ލިބެމުންދާ ނިކަމެތިކަން ފޫބެއްދުމެވެ.

ޔުކްރޭނުން ޔޫރަޕް ގައުމުތަކަށް ވަރަށް ގިނައިން މުދާ ބޭރުކުރެވެ. އޭގެ ތެރޭގައި ތަރުކާރީ އާއި މޭވާ އަދި ކާބޯތަކެތީގެ ގޮތުގައި ހިމެނެ އެހެނިހެން ތަކެތި ހިމެނެވެ. އަދި އުމްރާނީ ތަރައްގީއަށް ބޭނުންވާ ދަގަނޑާއި ސާފުތާހިރުކުރާ ތަކެތި ވެސް ހިމެނެ އެވެ.

ޔޫރަޕިއަން ޕާލަމެންޓުގެ އޮފިޝަލުން ބުނާ ގޮތުން ޔުކްރޭނަށް ހަތިޔާރު ފޯރުކޮށް ދިނުމުގެ އިތުރުން ޔޫރަޕް ގައުމުތަކަށް ކޮށްދެވެން ހުރި އެހެން ކަންތައްތައް ވެސް ކޮށްދެންވީ އެވެ.

ރަޝިއާއަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަކީ ޔުކްރޭގެ އިގުތިސޯދަށް ސީދާ ރަނގަޅު އަސަރުކުރާނެ ކަމެއް ނޫން ކަމަށް ވެސް އޮފިޝަލުން ދެކެ އެވެ. އެހެންކަމުން، އެންމެ ރަނގަޅު ގޮތަކީ ޔުކްރޭން އިގުތިސޯދަށް ސީދާ ހެޔޮ ބަދަލު ގެނެވޭނެ ނިޒާމެއް ކަމަށް ވެސް އޮފިޝަލުން ވިދާޅުވެ އެވެ.

ޔޫރަޕް ގައުމުތަކުން މިހާރު ވެސް ޔުކްރޭނަށް ފަސޭހަ ގޮތްތަކެއް ހަދައިދީފައި އޮވެ އެވެ. ބައެއް ގައުމުތަކުގެ މެދުގައި "ފްރީ ޓްރޭޑް" އެއްބަސްވުން އެކުލަވާލުމަކީ ވެސް ޔޫރަޕް ގައުމުތަކުގެ މެދުގައި ވިޔަފާރި ރަނގަޅުކުރަން ކުރެވިފައި އޮތް ކަމެއް ކަމަށް އޮފިޝަލުން ވިދާޅުވެ އެވެ.

ރަޝީއާގެ ހަމަލާތަކުގެ ސަބަބުން ޔުކްރޭންގެ އުމްރާނީ ތަރައްގީ ވަނީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ. މިއަހަރު ފެބްރުއަރީ 24 ގައި ހަނގުރާމަ ފެށުމުގެ ކުރިން ޔުކްރޭން އޮތް ހާލަތަށް ރުޖޫއަކުރުމަށް ހޭދަކުރަން ޖެހޭ ފައިސާގެ އަދަދު އަންދާޒާ ކުރެވިފައި ވެސް ނުވެ އެވެ. އަދި އެހާލަަތަށް ގައުމު ގެންދެވޭނެ ދުވަހެއް ވެސް ނޭނގެ އެވެ.

އެހެން ނަަމަވެސް، ދެގައުމުގެ ދެމެދުގައި ކުރެވޭ ހަނގުރާމަ އަދިވެސް ދަނީ ކުރިއަށެވެ. ސުލްހައިގެ އެއްބަސްވުމެއް އެކުލަވާލައި ހަނގުރާމަ ހުއްޓޭނެ ގޮތެއް ބާރުގަދަ ގައުމުތަކުން ޔުކްރޭނަށް ވިސްނައިދޭކަށް ނޫޅެ އެވެ.

އެމެރިކާ އާއި ޔޫރަޕް ގައުމުތަކުން މިހާރު ވެސް ބޭނުންވަނީ ޔުކްރޭނަށް ހަތިޔާރު ދީގެން ރަޝިއާއާ ތަޅާފޮޅުމެވެ.