ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީ

ހިމާޔަތް ކޮށްފައިވާ ސަރަހައްދުތައް ބަލަހައްޓާ ގޮތުގެ ދިރާސާއެއް ކުރަނީ

May 21, 2022

ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް ބަލަހައްޓާ ގޮތް ދެނެގަތުމަށް ހާއްސަ ދިރާސާއެއް ކުރަން ފަށައިފި އެވެ.

ދިރާސާ ކުރިއަށް ގެންދަނީ އެންވަޔަރަންމަންޓް މިނިސްޓްރީ އާއި އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އަދި އިނގިރޭސިވިލާތުގައި ހުންނަ ރާއްޖޭގެ އެންބަސީ ގުޅިގެންނެވެ.

މިމަސައްކަތުގައި އެހީތެރިވަނީ އިނގިރޭސިވިލާތުގެ ސަރުކާރުން އުފައްދާފައިވާ "ބްލޫ ޕްލެނެޓް ފަންޑް"ގެ ދަށުން ހިންގާ އޯޝަން ކަންޓްރީ ޕާޓްނަޝިޕުންނެވެ.

ދިރާސާއާ ގުޅުންހުރި މަސައްކަތްތައް ކުރިއަށް ގެންދަނީ ދ. އަތޮޅާއި ބ. އަތޮޅުގަ އެވެ.

އެއްގަމާއި ކަނޑުގެ ދިރުންތަކާއި ނެތި ދިއުމުގެ ބިރު ހިވެފައިވާ ދިރުންތައް ހިމާޔަތް ކުރުމަށް ކުރެވޭ މަސައްކަތްތައް ބަލައި ދެނެގަތުމަކީ މިދިރާސާގެ މައިގަނޑު ބޭނުމެވެ.

ބ. އަތޮޅުގައި ދިރާސާ ކުރިއަށް ގެންދަނީ ފަތުރުވެރިންގެ މެދުގައި ވަރަށް ބޮޑު މަގޫބުލުކަމެއް އޮތް އަދި ހިމާޔަތްކޮށްފައިވާ ހަނިފަރު ސަރަހައްދު ހިމަޔާތް ކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުންނެވެ. އަދި އެތަން ހިމާޔަތްކުރުމަށް އެކުލަވާލާފައިވާ ސިޔާސަތުތަކާ އެއްގޮތަށް އެ މަސައްކަތް ކުރަމުންދޭތޯ ވެސް ބަލާނެ އެވެ.

ދ. އަތޮޅުގައި ދިރާސާ ކުރިއަށް ގެންދަނީ ދ. ކުޑަހުވަދޫ ފަރުގައި ފާނަ ވިހާ އާލާވާ ސަރަހައްދު ހިމަޔާތް ކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުންނެވެ.

ދިރާސާ ކުރިއަށް ގެންދާއިރު ބ. އަތޮޅާއި ދ. އަތޮޅުގައި، އަތޮޅު ކައުންސިލާއި ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކާއި ރިސޯޓްތަކުގެ ބޭފުޅުންގެ ފަރާތުން މައުލޫމާތު އެއްކޮށް މައުލޫމާތު ދިނުމުގެ މަސައްކަތްތަކެއްވެސް ކުރިއަށް ގެންދެ އެވެ.