ލައިފްސްޓައިލް

ކޮލެޖެއްގައި ކިޔަވާހިތުން 25 ފަހަރު އިމްތިހާނު ހަދައިފި

ވަރަށް އަޒުމު ވަރުގަދަ މީހުންނަށް ވެސް ބައެއް ފަހަރަށް ނާކާމިޔާބީ އާ ކުރިމަތިވެ އެވެ. ނަމަވެސް ޗައިނާގެ 55 އަހަރުގެ މި ފިރިހެންމީހާ އާ އަޒުމު ވަރުގަދަ މީހަކު ވަރަށް މަދުވާނެ އެވެ. އޭނާ ކޮލެޖަކަށް ކިޔަވަން ދާހިތުން ހިތްވަރާ އެކު މަސައްކަތްކުރާތާ 40 އަހަރު ވެއްޖެ އެވެ. މި 40 އަހަރު ތެރޭގައި 25 ފަހަރަށް ކޮލެޖަށް ވަންނަ އެންޓްރެންސް އެގްޒޭމްގައި ބައިވެރިވެއްޖެ އެވެ. ނަމަވެސް ކޮންމެ ފަހަރަކުވެސް އޭނާ އާ ކުރިމަތިވަނީ ނާކާމިޔާބީ އެވެ.

ކޮންމެ ފަހަރަކު ފެއިލް ވުމުން އަނެއްކާވެސް އާ ހިތްވަރަކާއެކު މި މީހާ ކިޔަވަން ފަށަ އެވެ. އަދި އިމްތިހާނަށް ތައްޔާރުވެ އިމްތިހާނުގައި ބައިވެރިވެ އެވެ.

ކޮލެޖަށް ވަނުމަށް ޗައިނާ މީހުން ހަދަން ޖެހޭ ނެޝަނަލް ކޮލެޖު އެންޓްރެންސް އެގްޒޭމް (އެންސީއީއީ) އަކީ ކޮންމެ އަހަރަކު އެއްފަހަރު ބާއްވާ އިމްތިހާނެކެވެ. މި އިމްތިހާނުގައި ގިނައިން ބައިވެރި ވަނީ ޓީންއޭޖް ފުރައިގެ ކުދިންނެވެ. ނަމަވެސް 55 އަހަރުގެ ލިއަންގް ޝީ ވެސް މި ކުދިންނާއެކު ކޮންމެ ފަހަރަކު ވެސް އިމްތިހާނުގައި ބައިވެރިވެ އެވެ. އެގޮތުން މިހާރު އޭނާ ތައްޔާރުވަމުންދަނީ 26 ވަނަ ފަހަރަށް އިމްތިހާނުގައި ބައިވެރިވާށެވެ.

މިފަހަރު ރަނގަޅު މާކްސް ލިބި ފާސްވެގެން ސިޗުއަން ޔުނިވަސިޓީއަށް ކިޔަވަން ދިއުމަށް ލިއަންގް އުންމީދު ކުރެ އެވެ. މި ޔުނިވަސިޓީގައި ކިޔެވުމަކީ އޭނާ އެންމެ ޅައިރުއްސުރެ ދެކޭ ހުވަފެނެކެވެ. ވީމާ ހުވަފެން ހަގީގަތަކަށް ހެދުމަށް އަދިވެސް ހިތްވަރު ދޫނުކޮށް މަސައްކަތް ކުރަނީ އެވެ.

މި އިމްތިހާނުން ފާސް ނުވާ މީހުންގެ ތެރެއިން ގިނަ މީހުން ވަރަށް ހިތްވަރު ކޮށްފައި ވެސް ފަސްވަރަކަށް ހަ ވަރަކަށް ފަހަރު އިމްތިހާނުގައި ބައިވެރިވެ ފޭލްވުމުން އެހިސާބުން ދެން އެ މަސައްކަތް ހުއްޓާލަނީ އެވެ. ނަމަވެސް ލިއަންގް އަކީ އެކަހަލަ މީހެއް ނޫނެވެ. އޭނާ 1983 ވަނަ އަހަރުން ފެށިގެން މިހާތަނަށް 25 ފަހަރު އިމްތިހާނު ހަދައި ކޮންމެ ފަހަރަކު ވެސް ފޭލް ވިޔަސް ހިތްވަރު އެލުވައެއް ނުލާ އަނެއްކާ ބައިވެރި ވަނީ އެވެ.

"އަހަރެންގެ މާކްސް ދަށަކަސް ކޮލެޖަށް ވަންނަން ކުރާ އުންމީދު ވަރަށް ވަރުގަދަ. އެހެންވެ އަދިވެސް ހިތްވަރާއެކު މި މަސައްކަތް ކުރަނީ،" ޗައިނާ ނިއުސް އަށް ދީފައިވާ އިންޓަވިއު އެއްގައި ލިއަންގް ބުންޏެވެ.

ލިއަންގް އަކީ އިމާރާތްކުރާ މެޓީރިއަލް ވިއްކާ ކުންފުންޏެއްގެ ވެރި އެކެވެ. އޭނާއަށް ކޮންމެ ފަހަރަކު ވެސް އިމްތިހާނުން ލިބޭ ނަތީޖާއިން ތަންކޮޅެއް ފެންވަރު ދަށް ޔުނިވަސިޓީތަކެއް ވަދެވޭ ވަރު ވެއެވެ. ނަމަވެސް އޭނާ ބޭނުން ވަނީ ހަމައެކަނި ސީޗުއަން ޔުނިވަސިޓިގައި ކިޔަވާށެވެ. އެ ޔުނިވަސިޓީ އަށް ވަދެވޭ ވަރަށް ފާސް ނުވާތީ ހިތްވަރާއެކު އަދިވެސް އިމްތިހާނުގައި ބައިވެރިވަމުން ދަނީ އެވެ.

ލިއަންގް ބުނި ގޮތުގައި މީގެ ކުރިން 14 ފަހަރަކު އޭނާ އަށް އިމްތިހާނުގައި ބައިވެރި ނުވެވި ހިނގައްޖެ އެވެ. އެއީ އޮފީހުގެ މަސައްކަތުގައި މާ ބިޒީ ވެގެންނާއި ސަރުކާރުގެ ޕޮލިސީއަށް ތަންކޮޅެއް ކުރިން ގެނައި ބަދަލަކުން ކައިވެނިކޮށްގެން އުޅޭ 25 އަހަރުން މަތީގެ މީހުންނަށް އިމްތިހާނުގައި ބައިވެރި ނުވެވޭ ގޮތް ހަދާފައި އޮތީމަ އެވެ. ނަމަވެސް މި ގަވާއިދު 2001ގައި އުވާލުމުން އަނެއްކާވެސް އޭނާ އިމްތިހާނު ހަދަން ފެށީ އެވެ.

ލިއަންގް މިއަހަރު ކިޔަވާނީ އާޓްސް އާއި ހިއުމަން ސައިންސަސް އެވެ. އަދި މާއްދާތަކުން އިމްތިހާނު ހަދާނެ އެވެ.

ލިއަންގް އަށް ފާސް ވެގެން ޔުނިވަސިޓީ އަށް ވަދެވުނަސް އުމުރުން ދުވަސްވެ ލޯބޯ ކޮށިވާން ފަށާފައިވާތީ ޒުވާން ކުދިން ޔުނިވަސިޓީގައި ކިޔަވާ ގޮތަށް އޭނާ އަށް ދެން ނުކިޔެވޭނެކަމަށް ވަރަށް ގިނަ މީހުން އޭނާ ކައިރީ ބުނެ އެވެ. ނަމަވެސް ލިއަންގް ހުރީ މި ގޮންޖެހުމާ ވެސް ކުރިމަތިލާން ތައްޔާރަށެވެ.