ރާއްޖޭގައި އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބު މިނިވަން އިންސާފުވެރި އިންތިހާބަށް ވެދާނެ ކަމުގެ ޔަގީންކަމެއް ނެތް ކަމަށް ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހްމަދު ޝަހީދު ވިދާޅުވެއްޖެ އެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރަށް މިފަހުން ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ގެންދަވާ ޑރ. ޝަހީދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ހިޔާލުފާޅު ކުރުން ހުއްޓުވުމުގެ ގޮތުން ރައީސް ސޯލިހުގެ ސަރުކާރުން އެންމެ ފުރަތަމަ ހުއްޓުވާލީ މިނިވަން ރޭޑިއޯގެ ނަމުގައި ހިންގަމުންދިޔަ ރޭޑިއޯ ސްޓޭޝަނެއް ކަމަށެވެ. އޭގެ ފަހުން އެމްޑީއެން ކިޔާ އަމިއްލަ ޖަމިއްޔާއެއް ހުއްޓުވާލުމަށް ފަހު ރާއްޖޭގެ ގިނަ މީޑިއާތަކަށް މި ސަރުކާރުން ރިޝްވަތު ދެމުންދާ ކަމަށްވެސް ތުހުމަތު ކުރައްވާފައިވެ އެވެ.
"2023 ވަނަ އަހަރުގެ އިންތިހާބު މިނިވަން އިންސާފުވެރި ވެދާނެ ކަމުގެ ޔަގީންކަމެއް ނެތް" ޝަހީދު ވިދާޅުވި އެވެ.
އދ. ގެ ރެޕަޓުއާގެ މަގާމު ވެސް ފުރުއްވަމުން ގެންދަވާ ޑރ. ޝަހީދު ވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވުމަށް ރައީސް ސޯލިހް ނެރުއްވި ގަރާރު އުވާލުމަށް ވެސް ގޮވާލައްވާފަ އެވެ. އެ ގަރާރަކީ މުޅި ދުނިޔެ ގަބޫލުކުރާ ހައްގުތަކެއް ނިގުޅައިގެންފައިވާ ގަރާރެއްގެ ގޮތުގައިވެސް ސިފަ ކުރައްވާފައިވެ އެވެ.
"ރައީސް ސޯލިހް! ސިޔާސީ ބޭފުޅެއްގެ ގޮތުގައި މަނިކުފާނަށް ލިބިވަޑައިގެންފައިވާ 30 އަހަރުގެ ތަޖުރިބާގެ ގޮތުގައި މީހުން ހަނދާނުގައި ބަހައްޓަން ބޭނުންވާ މަންޒަރުތަކަކީ މިއީތޯ؟" ޕީޕީއެމް އޮފީސް ހިސޯރު ކޮށްގެން ފުލުހުން ތިބޭ ވީޑިއޯއެއް ޝެއާކޮށް އަދި ރައީސް ސޯލިހް ޓެގް ކުރައްވާ ޝަހީދު ކުރެއްވި ޓްވީޓްގައި ލިޔުއްވާފައިވެ އެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި ކުރިއަށް ގެންދާ އިންޑިއާ އައުޓް ހަރަކާތް ހުއްޓުވުމަށް މި ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާ ގުޅިގެން ރައީސް ސޯލިހްގެ ސަރުކާރަކީ އެންމެ ބޮޑަށް ހައްގުތައް ހިފެހެއްޓި "އަނިޔާވެރި" ސަރުކާރެއްގެ ގޮތުގައި ވެސް ޝަހީދު ސިފަ ކުރައްވާފައިވެ އެވެ. ރާއްޖޭގައި އިންޑިއާ ސިފައިން ތިބިއިރު އެމީހުން ފޭބުމަށް ގޮވާލައި ކުރިއަށް ގެންދާ އެއްވުންތައް ހުއްޓުވުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި އަދި އެފަދަ އެއްވުންތަކުގައި ބައިވެރިވުމަކީ ޖިނާއީ ކުށަކަށް ނުހެދޭނެ ކަމުގައިވެސް ޝަހީދު ގެންދަވަނީ ވިދާޅުވަމުންނެވެ.
އިންޑިއާ އައުޓް ހަރަކާތުގެ ތެރޭގައި ހިމެނޭ މުޒާހަރާތައް ހުއްޓުވާ، މީހުން ހައްޔަރުކޮށް، ނޫސްވެރިންގެ މަސައްކަތްތަކަށް ހުރަސް އަޅަމުންދާތީ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރަމުންދާ އެމްނެސްޓީ އިންޓަނޭޝަނަލް އިން ވެސް ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފަ އެވެ.