މޯލްޑިވްސް ޕޮލިސް ސާވިސް

ރިސޯޓެއްގައި ސިޑިން ވެއްޓި ދިވެއްސަކު މަރުވެއްޖެ

އިންޓަކޮންޓިނެންޓަލް މާނާގައު ރިސޯޓުގައި އިމާރާތެއްގެ ސިޑިއަކުން ވެއްޓުނު ޒުވާނަކު މަރުވެއްޖެ އެވެ.

އަވަސް އަށް އެނގިފައިވާ ގޮތުގައި މަރުވެފައިވަނީ ފުވައްމުލަކު ދަޑިމަގު، ފަރިވާ، ޒައިދު އިބްރާހިމް (28 އ) އެވެ.

ޒައިދު މަރުވީ ރިސޯޓުގައި މުވައްޒަފުން ތިބޭ އިމާރާތުގެ ސިޑިން ތިރިއަށް ފައިބަނިކޮށް ކައްސާލުމާ ގުޅިގެން މޫނަށް ލިބުނު ބޮޑެތި އަނިޔާތަކަށްފަހު އެވެ.

އަވަސް އަށް މައުލޫމާތު ދެއްވަމުން ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ އޮފިޝަލަކު ވިދާޅުވީ ޒައިދުގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޮތީ މަރުވެފައި ކަމަށާއި ބޮޑެތި ޒަހަމްތަކެއް ހުރިި ކަމަށެވެ.

މަރުގެ މައްސަލައަކަށްވާތީ ހޮސްޕިޓަލުން ފުލުހުންނަށް ރިޕޯޓް ކުރުމާ ގުޅިގެން ފުލުހުން އެ މައްސަލަ ބަލަމުންދާ ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ. އަދި ޒައިދުގެ ހަށިގަނޑު މިއަދު ހެނދުނު މާލެ ފޮނުވާލާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

"ފުލުހުން އެ ބަލަންޖެހޭ ކަންކަން ބަލަމުންދާތީ އެމީހާއާ ގުޅޭ އިތުރު މައުލޫމާތު ފުލުހުން ހިއްސާކުރާނެ،" އޮފިޝަލް ވިދާޅުވި އެވެ.

ފުލުހުން ބުނީ ރިސޯޓެއްގައި އިމާރާތެއްގެ ހަތަރުވަނަ ފަންގިފިލާއިން ވެއްޓުނު މީހެއްގެ މައުލޫމާތު ރޭ 12:49 ހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ ހަށިގަނޑު އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރުން މައުލޫމާތު ދެއްވާފައިވާތީ އެ ހާދިސާ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.