ހަބަރު

ފަޅުގައި އޮތް ދޯންޏެއް ވަގަށް ނެގި ބަޔަކު ހައްޔަރުކޮށްފި

Apr 23, 2020

ރ. އުނގޫފާރު ފަޅުގައި އަޅާފައި އޮތް ދޯންޏެއް ވަގަށް ނެގި ބަޔަކު ހައްޔަރު ކޮށްފި އެވެ. މި ވައްކަން ކޮށްފައިވަނީ ރޭގެ ވަގުތެއްގަ އެވެ.

ފުލުހުން ބުނީ އުނގޫފާރު ފަޅުގައި އަޅާފައި އޮތް ދޯންޏެއް އޭގެ ވެރިފަރާތަށް ނޭނގި ވަގަށް ނަގައި އެ އަތޮޅު މާކުރަތަށް ގެންގޮސްފައިވާ މައްސަލައެއް ފުލުހަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައި ވަނީ 18 އަހަރުގެ ދެ މީހުނާއި 28 އަހަރުގެ މީހަކާއި 29 އަހަރުގެ މީހެކެވެ. މިއީ މުޅިން ވެސް ދިވެހިންނެވެ. އެމީހުން ހައްޔަރުކުރީ މާކުރަތުންނެވެ.

މައްސަލަ ފުލުހުން އިތުރަށް ދަނީ ތަހުގީގު ކުރަމުންނެވެ.