އުނގޫފާރު

މަގުބައްތިއަކުން ކަރަންޓު ޖެހި ދެ ކުއްޖަކާއި މީހަކަށް ފަރުވާ ދެނީ

ރ. އުނގޫފާރުގައި ހުރި މަގުބައްތި ހޮޅި ދަނޑިއަކުން މަގުމަތީގައި ފެން ހެދިފައި ހުރި ތަނަކަށް ކަރަންޓް ދަތުރުކޮށް އެތަނުގައި ކުޅެން ތިބި ދެ ކުއްޖަކު ކަރަންޓްގައި ޖެހިއްޖެ އެވެ.

ފުލުހުން ބުނީ އުނގޫފާރު ކުޑަކުދިންގެ ޕާކް ކައިރީ ހުރި ހޮޅިދަނޑިއަކުން ކަރަންޓް އައިސް ދެ ކުއްޖަކު ކަރަންޓްގައި ޖެހިގެން އެ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު މެންދުރުފަހު 1:30 ހާއިރު ކަމަށެވެ.

މިހާދިސާގައި ކަރަންޓްގައި ޖެހިފައިވަނީ 12 އަހަރުގެ އަންހެން ކުއްޖަކާއި 18 އަހަރުގެ ފިރިހެން ކުއްޖެކެވެ.

މިކުދިންނަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދެމުންދާއިރު މިކުދިންގެ ސިއްހީ ހާލަތަ ގުޅޭގޮތުން އެއްވެސް މައުލޫމާތެއް އަވަސް އަށް ލިބިފައެއް ނުވެ އެވެ. އެކަމަކު ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި 18 އަހަރުގެ ކުއްޖާގެ ހާލު ސީރިއަސް އެވެ. އަދި އެ ކުއްޖާ މާލެ ފޮނުވުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ބައެއް ނޫސްތަކުގައިވެ އެވެ.

ފުލުހުން އިތުރަށް ބުނީ މި ދެ ކުދިން ކަރަންޓްގައި ޖެހުނު މަންޒަރު ފެނުނު އެހެން ކުއްޖަކު އަނބުރާ ގަނެގެން ވެއްޓިފައިވާތީ އެ ކުއްޖާއަށް ވެސް ހޮސްޕިޓަލްގައި ފަރުވާ ދީފައިވާ ކަމަށެވެ.

މިހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުނެ އެވެ.