ފައިސަލް ނަސީމް

އެންމެ ރަނގަޅު ހޭދައަކީ މުވައްޒަފުންނަށް ކުރާ ހަރަދު: ފައިސަލް

May 21, 2022

އިދާރާއަކުން ކުރެވޭނެ އެންމެ ރަނގަޅު ހޭދައަކީ އެ ތަނެއްގެ މުވައްޒަފުންގެ ކުރިއެރުމަށް ކުރާ ހޭދަ ކަމުގައި ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ "ނެޝަނަލް އެޗްއާރް ކޮންވެންޝަން އެންޑް އެކްސްޕޯ" ފެށުމުގެ ގޮތުން މިއަދު ގައުމީ ޔުނިވަސިޓީގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދުވެސް ބައިވެރިވެވަޑައިގެންނެވި މިރަސްމިއްޔާތުގައި ނައިބް ރައީސް ވިދާޅުވީ ކޮވިޑް ބަލިމަޑުކަމުގެ ސަބަބުން އާންމުކޮށް މަސައްކަތްކުރާ ވައްޓަފާޅިއަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށެވެ. އަދި އެއީ ވަރަށް އަގުހުރި ފިލާވަޅުތަކެއް ދަސްވެގެން ދިޔަ ވަގުތުތަކެއްކަންވެސް ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ އިންސާނީ ވަސީލަތާ، ހުނަރުތައް ތަރައްގީކުރުމާ ގުޅޭ ގޮތުން އީޖާދީ މަޝްވަރާތައް ކުރިއަށް ގެންދިއުން ވަރަށް މުހިއްމު ކަމަށެވެ.

ފައިސަލް ނަސީމުގެ ވާހަކަފުޅުގައި ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން، އުފެއްދުންތެރިކަން ކުރިއެރުވުމަށް ކޮންމެ މުވައްޒަފަކު މޭޒުދޮށުގައި ތިބެން ނުޖެހި ޓެކްނޮލޮޖީގެ ބޭނުންކޮށްގެން އެ މަސައްކަތްތައް ކުރެވޭނެކަން މިހާރު އެނގޭ ކަމަށެވެ. ކޮވިޑްގެ ކަންކަން އާންމު ހާލަތަކަށް ބަދަލުވަމުންދާއިރު
މުވައްޒަފުންގެ ޖިސްމާނީ ރައްކާތެރިކަމަށް އިސްކަންދޭ ފަދައިން މުވައްޒަފުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ސަމާލުވާންޖެހޭ ކަމުގައިވެސް ވިދާޅުވި އެވެ.

އިންސާނީ ވަސީލަތް ތަރައްގީކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާކަން ފާހަގަކުރައްވައި ނައިބް ރައީސް ވިދާޅުވީ މަތީ ތައުލީމަށް ސަރުކާރުން ފަހިކޮށްދޭ ހިލޭ އެހީތަކާއި، ސްކޮލާޝިޕްތަކާއި، ލޯނުގެ ފުރުސަތުތަކުން އެކަން އެނގޭ ކަމަށެވެ.

"ހަމައެކަނި ރަނގަޅު ފެންވަރުގެ ތައުލީމު ލިބުމުން މިއަދު ފުއްދާލެވޭކަށް ނެތް. ވަޒީފާގެ މާހައުލުގައި ޒުވާން މަސައްކަތްތެރިންނަށް ހިންގުންތެރިކަމާއި، ފަންނީ ހުނަރުތައް ކުރިއެރުވުމުގެ ފުރުސަތުތައް ފަހިވެފައި އޮތުމަކީވެސް އެހާމެ ބޭނުންތެރި ކަމެއް،" ފައިސަލް ވިދާޅުވި އެވެ.

ނައިބް ރައީސް ވަނީ މުވައްޒަފުންނަށް ރައްކާތެރި އަދި ފަހި މާހައުލެއް ކަށަވަރުކޮށްދިނުމަށް ހުރިހާ ފަރާތްތަކަކުން ވެސް މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގެންނަވާފަ އެވެ. އަދި މަސައްކަތުގެ މައިދާނުގައި މަގު ދައްކައިދީ، މުވައްޒަފުންގެ ފުރިހަމަ ބޭނުން ހިފުމުން އެކަމުން މަގުފަހިވެގެންދާނީ ހަމައެކަނި އެ އިދާރާއެއްގެ ކާމިޔާބީ ނޫން ކަމަށާއި އެ ކަމުން މުޅި ގައުމަށް މަންފާ ކުރާނެ ކަމުގައިވެސް ވިދާޅުވި އެވެ.

މޯލްޑިވްސް އެސޯސިއޭޝަން އޮފް ހިއުމަން ރިސޯސް ޕްރޮފެޝަނަލްސް (އެމްއޭއެޗްއާރްޕީ) އިން އިންތިޒާމުކޮށްގެން ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ކޮންވެންޝަންގައި ކަމާގުޅޭ ރާއްޖޭގެ މަޝްހޫރު ތަޖުރިބާކާރުންނާއި ބައިނަލްއަގްވާމީ ތަޖުރިކާރުން ވެސް ބައިވެރިވާނެ އެވެ.

ނެޝަނަލް އެޗްއާރް ކޮންވެންޝަން އެންޑް އެކްސްޕޯގެ މިއަހަރުގެ ޝިއާރަކީ "ޓްރާންސްފޯމޭޝަން އެންޑް ކަލްޗާ - ފިއުޗާ އޮފް ހިއުމަން ކެޕިޓަލް" އެވެ.