ރާއްޖެއަށް 42 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި ހައްޔަރު ކޮށްފައިވާ މީހުންގެ ތެރޭގައި ހިމެނޭ މއ. ނޫރުއް، އަބްދުﷲ ނަޝީދުގެ ބަންދަށް އަނެއްކާވެސް މުއްދަތު ޖަހައިފި އެވެ.
އެންމެ ފަހުން ޖެހި ބަންދުގެ މުއްދަތު ހަމަވުމުން ނަޝީދުގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން މި ފަހަރު ޖަހައިދިނީ ހަތަރު ދުވަހުގެ ބަންދެކެވެ. އޭގެ ކުރީން ޖަހައިދިނީ 10 ދުވަހުގެ މުއްދަތެވެ.
ފުލުހުން ހިންގި އޮޕަރޭޝަނެއްގައި 42 ކިލޯގެ މަސްތުވާތަކެތީ އަތުލައިގަތީ މ. ލަވްނެސްޓް ގޭގެ ތަޅުންގަނޑުގެ ދަށުގައި ފޮރުވާފައި ވަނިކޮށް މިދިޔަ މާޗް މަހުގެ 24 ވަނަ ދުވަހުގެ ރެ އެވެ.
މިމައްސަލައިގައި ހައްޔަރުކޮށްފައިވާ ދެވަނަ މީހަކީ އިދިކޮޅު ޕީއެންސީގެ ކުރީގެ ކައުންސިލް މެންބަރު ކ. މާލެ، ދަފްތަރު އަހްމަދު ހުސައިން 39، އެވެ.
ފުލުހުން ކޯޓަށް ހުށަހެޅި ލިޔުންތަކުގައި ބުނެފައިވަނީ ނަޝީދު މަސައްކަތް ކުރި އޮފީހުން މައްސަލައާ ގުޅޭ ލިޔުންތައް ފެނިފައިވާ ކަމަށާއި އަދި އޭނާގެ އެކައުންޓުން ގިނަ އަދަދެއްގެ ފައިސާ ވެސް ފެނިފައިވާ ކަމަށެވެ. ފުލުހުން ވަނީ ހެކިވެރިއެއްގެ ބަޔާނާއި ސީން އަށް ދިޔަ ފުލުހެއްގެ ބަޔާނައި ކޯލް ކޮށްފައި ހުރި ގޮތް އެނގޭ ލޮގަކާއި އިންޓެލިޖެންސް ރިޕޯޓެއް ވެސް ނަޝީދާ ދެކޮޅަށް ކޯޓަށް ހުށަހަޅާފަ އެވެ.
ނަޝީދަކީ މަސްތުވާތަކެތީގެ މައްސަލައެއްގައި 2006 ވަނަ އަހަރު އުމުރަށް ޖަލަށްލާފައިވާ މީހެކެވެ.
މަސްތުވާތެކެތީގެ ގާނޫނު ބުނާ ގޮތުން މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ތެރެއިން 10 ގްރާމަށް ވުރެ ދަށުން މަސްތުވާތަކެތި ގެންގުޅެގެން ހުކުމް ކޮށްފައިވާ މީހުންނާއި، މަނާ ބޭސް ބޭނުންކުރުމުގެ ކުށުގައި ހުކުމް ކޮށްފައިވާ މީހެއް ނަމަ އެފަދަ މީހުންނަށް ކޮށްފައިވާ އެންމެ ދިގު ހުކުމުގެ ތިންބައިކުޅަ އެއްބައި ތަންފީޒުކުރުމުން ޕެރޯލް ލިބޭނެ އެވެ.
ފުލުހުން ބުނާ ގޮތުން ނަޝީދު މުޖުތަމައަށް ދޫވެފައި ހުރީ އެ އުސޫލުންނެވެ.
ސާޅީސް ދެ ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ އިސް މީހާގެ ގޮތުގައި ފުލުހުން ބުނާ އަހްމަދު ހުސައިން ވެސް ހުރީ ޖަލު ބަންދުގަ އެވެ.