ކަނޑުމަތީގެ ހާދިސާ

ލޯންޗް އެކްސިޑެންޓެއްގައި ދެ މީހަކު މަރުވެއްޖެ

ލޯންޗް އެކްސިޑެންޓެއްގައި ދެ މީހަކު މަރުވެއްޖެ އެވެ. މި ހާދިސާ ހިނގީ ގއ. ވިލިގިލީގައެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ދެންމެ ބުނީ ފަސް މީހުންނާއެކު ގއ. ވިލިގިއްޔަށް ދަތުރުކުރި ލޯންޗެއް އެ ރަށު ފަޅަށް ވަންނަން އުޅުމުގެ ތެރޭގައި ދެ މީހަކު ކަނޑަށް ވެއްޓި ގެއްލުނު ކަމަށެވެ. އެ ދެ މީހުން ހޯދާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށެވެ.

މި ހާދިސާގައި މަރުވެފައިވަނީ ގއ. ވިލިގިލީ ދޫރެސް، މިސްބާހު އަބްދުލް މުހުސިން އާއި ނ. ލަންދޫ އުރަހަ، އަހުމަދު ޝާފިއު އެވެ. މިސްބާހަކީ އެކްސިޑެންޓްވި "ނީމޯ" ލޯންޗުގެ ވެރި މީހާ އެވެ.

ލޯންޗުގައި ތިބި ތިން މީހުންނަށްވެސް ވަނީ އެކިވަރުގެ އަނިޔާވެފައެވެ. އެ ތިން މީހުންނަަށް ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ.

އަވަސްއާ ވާހަކަ ދެއްކި ވިލިގިލީ ހޮސްޕިޓަލްގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އެ މީހުންގެ ހާލު ސީރިއަސް އެވެ.

މި ނުރައްކާތެރި އެކްސިޑެންޓް ހިނގަން މެދުވެރިވީ ސަބަބާ ގުޅޭގޮތުން ފުލުހުން ވަކި އެއްޗެއް ނުބުނެއެވެ. އެ ރަށުގެ ބައެއް މީހުން ބުނީ ލޯންޗު ފަޅުތެރެއަށް ވަންނަން އުޅުމުގެ ތެރޭގައި ފަރަށް އެރީ ކަމަށެވެ. ލޯންޗު ފަރަށް އަރާފައި އޮތް މަންޒަރު ފެންނަ ވީޑިއޯއެއްވެސް ވަނީ އާންމުވެފައެވެ.