ކަނޑުމަތީގެ ހާދިސާ

ލޯންޗު އެކްސިޑެންޓް: ތިން މީހުންގެ ހާލު ސީރިއަސް، މާލެ ގެންނަނީ

ގއ. ވިލިގިލީ ފަޅަށް ލޯންޗެއް ވަންނަން އުޅުމުގެ ތެރޭގައި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވި ތިން މީހުން މާލެ ގެނައުމުގެ މަސައްކަތް ފަށައިފި އެވެ.

ފަސް މީހުންނާއެކު ގއ. ވިލިގިއްޔަށް ދަތުރުކުރި ލޯންޗް އެ ރަށު ފަޅަށް ވަންނަން އުޅުމުގެ ތެރޭގައި ދެ މީހަކު ކަނޑަށް ވެއްޓި ގެއްލުނެވެ. ނަމަވެސް އެ ދެ މީހުން ހޯދާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ވަނީ މަރުވެފައެވެ.

މި ހާދިސާގައި މަރުވެފައިވަނީ ގއ. ވިލިގިލީ ދޫރެސް، މިސްބާހު އަބްދުލް މުހުސިން އާއި ނ. ލަންދޫ އުރަހަ، އަހުމަދު ޝާފިއު އެވެ. މިސްބާހަކީ އެކްސިޑެންޓްވި "ނީމޯ" ލޯންޗުގެ ވެރި މީހާ އެވެ.

ލޯންޗުގައި ތިބި ތިން މީހުންނަށްވެސް ވަނީ އެކިވަރުގެ އަނިޔާވެފައެވެ. އެ ތިން މީހުންނަަށް ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ. އަވަސްއާ ވާހަކަ ދެއްކި ވިލިގިލީ ހޮސްޕިޓަލްގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އެ މީހުންގެ ހާލު ސީރިއަސް އެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ދެންމެ ބުނީ ހޮސްޕިޓަލްގައި ފަރުވާ ދެމުންދިޔަ ތިން މީހުން އިތުރު ފަރުވާއަށް މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި އެކަކަށް ފަރުވާ ދެނީ ވެންޓިލޭޓަރުގައި ކަމަށެވެ.