ކަނޑުމަތީގެ ހާދިސާ

ލޯންޗް އެކްސިޑެންޓް: އެކަކު އައިސީޔޫއަށް، ދެ މިހުން އީއާރްގައި

May 22, 2022

ގއ. ވިލިގިލީ ފަޅަށް ލޯންޗެއް ވަންނަން އުޅުމުގެ ތެރޭގައި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވި ތިން މީހުން ރޭ މާލެ ގެނެސް އަވަށް ފަރުވާ ދޭން ފަށައިފި އެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިސަރު ހައްވާ އަފީފާ މިއަދު ވިދާޅުވީ ގއ. ވިލިނގިލިން ގެނައި ތިން މީހުންގެ ތެރެއިން ދެ މީހަކަށް އެމެޖެންސީ ރޫމްގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. އަދި ވެންޓިލޭޓަރަށް ލާފައި އޮތް މީހާ އައިސީޔޫއަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ގއ. ވިލިގިއްޔަށް ދަތުރުކުރި "ނީމޯ" ލޯންޗް އެ ރަށު ފަޅަށް ވަންނަން އުޅުމުގެ ތެރޭގައި ދެ މީހަކު ކަނޑަށް ވެއްޓި ގެއްލުނެވެ. ނަމަވެސް އެ ދެ މީހުން ހޯދާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ވަނީ މަރުވެފަ އެވެ.

މި ހާދިސާގައި މަރުވެފައިވަނީ ގއ. ވިލިގިލީ ދޫރެސް، މިސްބާހު އަބްދުލް މުހުސިން އާއި ނ. ލަންދޫ އުރަހަ، އަހުމަދު ޝާފިއު އެވެ. މިސްބާހަކީ އެކްސިޑެންޓްވި ލޯންޗުގެ ވެރި މީހާ އެވެ.

ދެން ތިބި ތިން މީހުން ރޭ ވިލިނގިލީ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ހާލު ސީރިއަސް ކަމަށް ވިލިނގިލީ ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ. ރޭ އެ ތިން މީހުން ވަނީ އެމްއެންޑީއެފްގެ އެހީގައި މާލެ ގެނެސްފަ އެވެ.

ވެންޓިލޭޓަރުގައި ފަރުވާ ދެމުން އަންނަނީ މިހާދިސާގައި މަރުވި މިސްބާހުގެ ކޮއްކޮ އިސްހާގު އަބްދުލް މުހުސިން އަށެވެ.

އެމީހުން އެރަށަށް ދަތުރުކުރަމުން ދިޔައީ މިއަދު ވިލިނގިލީގައި އޮތް ކައިވެނި ޕާޓީއެއްގައި ބައިވެރިވުމަށެވެ.