މޯލްޑިވްސް ޕޮލިސް ސާވިސް

ސަލާމަތްވި މީހާ ފުލުހުންގެ ބެލުމުގެ ދަށުން އައިޖީއެމްއެޗްގައި ފަރުވާއަށް

Oct 8, 2022

ބަނޑުން ޖަހާލި ލޯންޗުން ދަތުރުކުރި މީހުންގެ ތެރެއިން ސަލާމަތްވި މީހާ ފުލުހުންގެ ބެލުމުގެ ދަށުން މާލެ ގެނެސް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާ ދޭން ފަށައިފި އެވެ.

ލޯންޗު ބަންޑުން ޖަހާލިކަން އެނގުނީ އިއްޔެގެ ވަގުތެއްގައި އއ. މާޅޮސް ކައިރިން ނެވެ. އެކަމަކު ސަލާމަތްވި މީހާ ފެނުނީ އއ. ފެރިދޫ ފުއްޓަރު ކައިރިން ނެވެ.

ފުލުހުން ބުނީ ލޯންޗު ބަންޑުން ޖަހާލި ހާދިސާގައި އއ. ފެރިދޫ ފުއްޓަރު ކައިރިން ފެނިގެން އެ ރަށު ސިއްހީ މަރުކަޒުގައި ފަރުވާ ދެމުން ދިޔަ މީހާ އާއިލާގެ އެދުމަށް ރޭ މާލެ ގެނެސްފައިވާ ކަމަށާއި އޭނާއަށް މިހާރު ފަރުވާދެމުންދަނީ އައިޖީއެމްއެޗްގައި ކަމަށެވެ.

ފެރިދޫ ކައުންސިލްގެ ރައީސް އިސްމާއީލް ޝާހް "އަވަސް" އަށް ވިދާޅުވި ގޮތުގައި ލޯންޗު ބަންޑުން ޖަހާލުމުން އެ ރަށަށް އެރީ ހިންނަވަރަށް ނިސްބަތްވާ އަލީ އަހުމަދު އެވެ. އޭނާ ރޭ 9:25 ހާއިރު ފުލުހުންގެ ބެލުމުގެ ދަށުން މާލެ ގެންދެވިފައިވާ ކަމަށް ވިދާޅުވި އެވެ.

ފުލުހުން މީގެ ކުރިން ބުނި ގޮތުގައި، މާލެއިން ފުރައިގެން އުކުޅަހަށް ދަތުރުކުރުމަށް އެ ލޯންޗް ފުރީ މިމަހުގެ ހަވަނަ ދުވަހުގެ މެންދުރުފަހު 1:00 ހާއިރު އެވެ.

ލޯންޗުން ދެ މީހުން ދަތުރުކުރިކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި މީގެ ތެރެއިން އެކަކު ގެއްލިގެން ހޯދަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އުކުޅަހު ކައުންސިލްގެ ރައީސް ޝައުކަތު އިބްރާހީމް ވިދާޅުވީ ލޯންޗުން ގެއްލިގެން ހޯދަމުންދަނީ ސ. ހިތަދޫ، މިންހާ، މުހައްމަދު މިންހާޖު (28 އ) އެވެ. މި މީހާގެ އާއިލާގެ މެންބަރަކު އުކުޅަހުގައި އެބަހުރި ކަމަށް ވިދާޅުވި އެވެ.

"ލޯންޗުން ދަތުރުކުރި އެއްވެސް މީހަކީ އުކުޅަހު މީހެއް ނޫން. ލޯންޗަކީވެސް މިރަށު ލޯންޗެއް ނޫން" ޝައުކަތު ވިދާޅުވި އެވެ.

ލޯންޗު ބަންޑުން ޖަހާލި ހާދިސާގައި ގެއްލިގެން ހޯދަމުންދަނީ އައްޑު ސިޓީ ހިތަދޫއަށް ނިސްބަތްވާ އުމުރުން 29 އަހަރުގެ މިންހާޒް ކަމަށް އާއިލާގެ މެންބަރަކު "އަވަސް" އަށް ވިދާޅުވި އެވެ. މާލެއިން ލޯންޗް ފުރީ މާލޭގެ ކުރީގެ ކުނި ކޮއްޓާއި ދިމާލުންނެވެ.