އެމްއެންޑީއެފް

މިންހާޖު ހޯދަން 35 މޭލުގެ ސަރަހައްދެއް ބަލައިފި

Oct 8, 2022

ބަންޑުން ޖަހާލި ލޯންޗުން ގެއްލިފައިވާ ސ. ހިތަދޫ، މިންހާ, މުހައްމަދު މިންހާޖު (28 އ) ހޯދުމަށް 35 އަކަނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލައިފި އެވެ.

މިންހާޖާއި އިތުރު މީހަކު ތިބި ލޯންޗު މާލެ އިން އއ. އުކުޅަހަށް ދަތުރު ފެށީ މާލޭގެ ކުރީގެ ކުނިކޮއްޓާ ދިމާލުންނެވެ.

ފުލުހުން ބުނީ ގޮތުގައި މިމަހުގެ ފަސްވަނަ ދުވަހުގެ މެންދުރުފަހު 1:00 އިން ފެށިގެން މިންހާޖުގެ ހަބަރެއް އާއިލާއަކަށް ނުވެ އެވެ. އެކަމަކު އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިމަހުގެ ހަވަނަ ދުވަހުގެ ރޭ 8:50 ހާއިރު އެވެ.

މި ދެ މީހުން ދަތުރުކުރި ލޯންޗު ބަންޑުންޖަހާލާފައި އޮއްވައި އއ. މާޅޮސް ކައިރިން އިއްޔެ ވަނީ ފެނިފަ އެވެ. މިންހާޖުއާ އެކު ލޯންޗުގައި އިން ކަމަށް ބުނާ ދެވަނަ މީހާ އިއްޔެ ވަނީ އއ. ފެރިދޫ ފުއްޓަރާ ދިމާއިން ފެނިފަ އެވެ. އަދި ފެރިދޫ ސިއްހީ މަރުކަޒުގައި އޭނާއަށް ފަރުވާ ދިނުމަށްފަހު މިއަދު ވަނީ އިތުރު ފަރުވާއަށް މާލެ ގެނެސްފަ އެވެ.

މިންހާޖު ހޯދުމުގެ މަސައްކަތް ސިފައިންގެ ކޯސްޓްގާޑް ޝިޕް ޝަހީދު އަލީއާއި، ފާސްޓް އިންޓަސެޕްޓް ކުރާފްޓް "ހަކުރާ" އަދި ސިފައިންގެ ޑޯނިއާ ފްލައިޓުން ފެށީ އިއްޔެގެ ވަގުތެއްގަ އެވެ.

ސިފައިންގެއިން ބުނި ގޮތުގައި މިންހާޖު އެންމެފަހުން ލައިގެން ހުރީ އަޅިކުލައިގެ އަތް ދިގު ޓީޝާޓަކާއި ނޫ ކުލައިގެ ޖިންސެކެވެ.

މިންހާޖުއާ ގުޅޭ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ލިބިއްޖެނަމަ ލަސްނުކޮށް އެ މައުލޫމާތެއް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަމްބަރު 191 ނުވަތަ 3395981، 3398898 ނަންބަރަށް އަދި ވައިބާ ކުރާނަމަ 9931082 އަށް އެންގުމަށްވެސް ސިފައިންގެއިން އެދިފައިވެ އެވެ.